އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޭގަ ގެންގުޅޭ ނޯކަރުންނަށް، ޚާއްޞަކޮށް އަންހެނުންނަށް ހެޔޮކޮށްހިތައި ދީނުގައިވާ މަގުން ގެންގުޅުމަކީ އެމީހަކަށް ރަޙްމަތް ލައްވަވާނެ ކަމެއް!

ގޭގަ ގެންގުޅޭ ނޯކަރުންނަށް، ޚާއްޞަކޮށް އަންހެނުންނަށް ހެޔޮކޮށްހިތައި ދީނުގައިވާ މަގުން ގެންގުޅުމަކީ އެމީހަކަށް ރަޙްމަތް ލައްވަވާނެ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 6 ސިކުންތު

"އަޅުގަނޑަކީ އެކަނިވެރިމައަކީމެވެ. އާމްދަނީ ހޯދަން ޙަލާލް މަސައްކަތެއް ކުރުމުގެ ބޭނުމުގައި 2 ގެއެއްގައި މަސައްކަތްކޮށްފީމެވެ. ދެގެއިންވެސް ކުރިމަތިވީ އެއްބާވަތެއްގެ މައްސަލަތަކެވެ. އަޅުގަނޑަކީ ފަޤީރުނަމަވެސް ތަްްވާވެރިއަކީމެވެ. އިން ޝާ ﷲ. އެހެންވީމާ އެބުނާ މަސައްކަތްކޮށްދެވެން ނުއޮންނާތީއެވެ."

މިއީ މަދުން ދިމާވާ ކަމެއް ނޫނެވެ. އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމަށެވެ.

ފުރަތަމަ ކަމަކީ ގޭގައި ނޯކަރުން ގެންގުޅެވެނީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުންނެވެ. ދެވަނަ ކަމަކީ ނޯކަރުންގެ ގޮތުގައި ފިރިހެނުން ގެންގުޅުނަސް އަންހެނުން ގެންގުޅުނަސް އެމީހުންނަށް ހެޔޮކޮށް ހިތުން ދީނުގައި ވާޖިބުކުރެއެވެ. އެމީހުން ގެންގުޅެންވާނީ ޙައްޤު ގޮތުގައެވެ. އެމީހުންނަށް ދޭންޖެހޭ ޤަދަރުދީގެންނެވެ. ޢިއްޒަތްވެސް ދީގެންނެވެ.

އަންހެނުންގެ ވާހަކަ ޚާއްޞަ މިކުރީ އެމީހުންގެ ނިކަމެތިކަން ބޮޑުކަމުންނެވެ. އަދި ގެންގުޅޭ ނޯކަރުންގެ ތެރެއިން ދެރަ ނިކަމެތި ގޮތްތައް ގިނައިން ގިނައިން ހެދެނީ އަންހެނުންނަށް ކަމަށްވާތީއެވެ. މިބުނަނީ އެކނަބަލުންނަށް މަޖުބޫރުކުރުވައިގެން އެކަނބަލުންގެ ޢިއްފަތްތެރިކަމަށް އަރައިގަތުން ފަދަ ކަންކަމުގެ ވާހަކައެވެ.

ޒަމާން ފަސްވުމަކީ ﷲ ތަޢާލާ އަނގަވާފައިވާ މަގު ދޫކޮށްލައި އެމީހަކު އުޅެން ބޭނުންވާހައި ގޮތަކަށް އުޅުން ހުއްދަވާ ސަބަބެއް ނޫނެވެ. ކައިވެނި ނުކުރެވި ލަސްވުމަކީ މަގުމައްޗަށް ނުކުމެ ބައިވެރިއަކު ހޯދަން އުޅުން ހުއްދަވާ ސަބަބެއް ނޫނެވެ. ހިލޭ ފިރިހެނުންނާއިއެކު ކާރާއި ސައިކަލް ދުއްވައި ކޮފީމޭޒުތަކުގައި ތިބުން ހުއްދަވާ ސަބަބެއްވެސް ނޫނެވެ. ތިމާއަކީ ވެރިއަކަށްވެފައި އަންހެނާއަކީ މުވައްޒިފަކަށްވުމަކީ ހިލޭ ދެމީހުންކަން ކެނޑިގެންދާ ޝަރުޠެއް ނޫނެވެ.

އަންނޫރު ސޫރުތުގައިވާ ﷲ ތަޢާލާގެ ވަޙީބަސްފުޅުތަކުގައިވަނީ މިފަދައިންނެވެ.

﴿32﴾ وَأَنكِحُوا الْأَيَامَىٰ مِنكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ ۚ إِن يَكُونُوا فُقَرَاءَ يُغْنِهِمُ اللَّهُ مِن فَضْلِهِ ۗ وَاللَّهُ وَاسِعٌ عَلِيمٌ

"އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ. އެއުރެންނީ، فقير ން ކަމުގައިވާނަމަ، އެކަލާނގެ فضل ވަންތަކަމުން، އެކަލާނގެ އެއުރެން މުއްސަނދިކުރައްވައިފާނެތެވެ. اللَّه އީ، ތަނަވަސްވަންތަ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ".

﴿33﴾ وَلْيَسْتَعْفِفِ الَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغْنِيَهُمُ اللَّهُ مِن فَضْلِهِ ۗ وَالَّذِينَ يَبْتَغُونَ الْكِتَابَ مِمَّا مَلَكَتْ أَيْمَانُكُمْ فَكَاتِبُوهُمْ إِنْ عَلِمْتُمْ فِيهِمْ خَيْرًا ۖ وَآتُوهُم مِّن مَّالِ اللَّهِ الَّذِي آتَاكُمْ ۚ وَلَا تُكْرِهُوا فَتَيَاتِكُمْ عَلَى الْبِغَاءِ إِنْ أَرَدْنَ تَحَصُّنًا لِّتَبْتَغُوا عَرَضَ الْحَيَاةِ الدُّنْيَا ۚ وَمَن يُكْرِههُّنَّ فَإِنَّ اللَّهَ مِن بَعْدِ إِكْرَاهِهِنَّ غَفُورٌ رَّحِيمٌ

"އަދި ކައިވެނިވުމުގެ މަގެއް ނުފެންނަ މީހުން ޢިއްފަތްތެރިވެ ތިބޭހުށިކަމެވެ! اللَّه، އެކަލާނގެ ފަޟްލްވަންތަކަމުގެ ތެރެއިން، އެއުރެން މުއްސަނދިކުރައްވައި، އެކަން ފުއްދަވައި ދެއްވައިފުމަށް ދާނދެނެވެ. އަދި ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ ތެރެއިން މިނިވަންވުމުގެ ލިޔުން އެދޭ މީހުންނާމެދު، (ދަންނާށެވެ!) ފަހެ، އެފަދަ ލިޔުން ތިޔަބައިމީހުން އެމީހުންނަށް ލިޔެދޭށެވެ! އެއުރެންގެކިބައިން ހެޔޮގޮތެއް ތިޔަބައިމީހުންނަށް އެނގިއްޖެނަމައެވެ. އަދި ތިޔަބައިމީހުންނަށް ދެއްވާފައިވާ اللَّه ގެ މުދަލުން، ތިޔަބައިމީހުން އެއުރެންނަށްދޭށެވެ! އަދި އެކަނބަލުން عفة ތެރިވެ ރައްކާތެރިވެ ތިބުމަށް قصد ކޮށްގެން ތިބޭނަމަ، ދުނިޔޭގެ ދިރިއުޅުމަށް ހޯދާ މުދަލެއް އެދިގަތުމުގެގޮތުން ތިޔަބައިމީހުންގެ ޒުވާން އަންހެން އަޅުން، ޒިނޭކުރުމުގެ މައްޗަށް މަޖުބޫރު  ނުކުރާށެވެ! އެކަނބަލުންނަށް، އެކަމަށް މަޖުބޫރު ކުރާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަނބަލުން މަޖުބޫރު ވެވުމަށްފަހު، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ."

މިއާޔަތުގައި "އަދި ކައިވެނިވުމުގެ މަގެއް ނުފެންނަ މީހުން ޢިއްފަތްތެރިވެ ތިބޭހުށިކަމެވެ! اللَّه، އެކަލާނގެ ފަޟްލްވަންތަކަމުގެ ތެރެއިން، އެއުރެން މުއްސަނދިކުރައްވައި، އެކަން ފުއްދަވައި ދެއްވައިފުމަށް ދާނދެނެވެ." އޮތް ބަސްފުޅަށް ވިސްނާށެވެ! ބިރުވެތިވާށެވެ!

ކެތްތެރިވެލާށެވެ! ﷲ ތަޢާލާގެ މަގުގައި ޘާބިތުވެލާށެވެ! ދުޢާކުރުން ގިނަކުރާށެވެ! 7 އުޑުމަތިން ތިބާގެ ދުޢާ އެކަލާނގެ އަޑުއައްސަވައި ވޮޑިގެންވެތެވެ. ޢިޖާބަކުރައްވަވާނެތެވެ.

ހަމައެއާއިއެކު ވިސްނައިލަންޖެހޭ ކަމެއް އެބައޮތެވެ. ތަހްޛީބް މުޖުތަމަޢުތަކަކު މިއަދަކު އަޅުންނެއް ނެތެވެ. އަޅުއަންހެނުންނެއްވެސް ނެތެވެ. އެހެނަސް ދިރިއުޅެވޭނެ ފަދަ ނެތިގެން ގޭގޭގައި ނޯކިރީކުރާ އަންހެނުން އެބަތިއްބެވެ. އެކަނިވެރިމައަކަށްވުމުން ދެން ހަދާނެ އެއްވެސް ގޮތެއް ނެތިގެން ދަރިންގެ ޙައްޤުގައި ނޯކިރީކުރާ އަންހެނުންވެސް މަދެއް ނޫނެވެ. އަދި ގޭގޭގައި ނޯކިރީކުރުމުގެ އިތުރުން މިބުނި ފަދަ ޙާލަތު މެދުވެރިވެގެން ތަންތަނުގައި ވަޒީފާ އަދާކުރާ އަންހެނުންވެސް މަދެއް ނޫނެވެ.

އެފަދަ އަންހެނުންގެ ކިބައިން ނަހަމަ ގޮތުގައި ކަންކަމަށް ނުއެދޭށެވެ. މަޖުބޫރުނުކުރުވާށެވެ. ވަޒީފާގެ ބިރު ދައްކައިގެން އެކަނބަލުންގެ ޢިއްފަތްތެރިކަމަށް އަރައިނުގަންނާށެވެ. ﷲ ތަޢާލާ ތިބާއަށް ދެއްވެވި ތަނަވަސްކަމުން އެކަނބަލުންނަށް ޞަދަޤާތްކުރާށެވެ! އެހީތެރިވާށެވެ! އެއިރުން ތިބާއަށް ދުނިޔެއާއި އާޚިރަތުގައިވެސް ތަނަވަސްކަން އިތުރުކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް