އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 27 ސިކުންތު
ހޫނު މޫސުމަކީ ނޭވާހިއްލާ މީހުންނަށް ވަރަށް ދަތި އުނދަގޫ ދުވަސްވަރެކެވެ. ޚާއްޞަކޮށް އެސްތަމާގެ ބަލީގައި ޖެހިފައިވާ މީހުންނަށް މި ދުވަސްވަރަކީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ދުވަސްވަރެކެވެ. އެހެނީ ހޫނުގަދަވުމާއެކު އެސްތަމާގެ އަލާމާތްތައް އިތުރުވެ، އެޓޭކު އައުމުގެ ފުރުޞަތު ބޮޑުވެއެވެ. ނަމަވެސް، ރަނގަޅު ފިޔަވަޅުތަކެއް އެޅުމުން މި ނުރައްކާތެރި ހާލަތުން ސަލާމަތްވެވިދާނެއެވެ.
އެންމެ ފުރަތަމަ ކަމަކަށް، ގޭތެރެ ފިނިކޮށް ބެހެއްޓުމަށް ސަމާލުކަން ދޭންޖެހެއެވެ. އޭސީ ނުވަތަ ފަންކާ ބޭނުންކޮށްގެން ގޭތެރޭގެ ފިނިހޫނުމިން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ގޭތެރެ ކިލާތަކުން ސަލާމަތްކޮށް ސާފުކޮށް ބެހެއްޓުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން ގޭތެރޭގައި ސިނގިރެޓް ބުއިން ހުއްޓާލަންވާނެއެވެ. ހަމައެއާއެކު ބޭރަށް ނުކުންނައިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންވާނެއެވެ. އެގޮތުން އިރުގެ ސީދާ ހޫނުން ސަލާމަތްވުމަށްޓަކައި ހިޔަލުގައި ހުރުމާއި، ބޭރަށް ނުކުންނައިރު ލުއި، ފިނި އަދި ދޫ ހެދުންލުމަށް ސަމާލުކަން ދޭންވާނެއެވެ. މީގެ އިތުރުން، އަވީން ރައްކާތެރިވުމަށް ސަންސްކްރީން ލުމަކީވެސް މުހިންމު ކަމެކެވެ.
އެސްތަމާ ހުންނަ މީހުން ހަށިގަނޑު ފިނިކުރުމަށް ގިނަގިނައިން ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. ހޫނު މޫސުމުގައި ހަށިގަނޑުން ގިނައިން ދާ އުފެދޭތީ، ފެން ބުއިމަކީ ހަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ހަމައެހެންމެ، ހޫނު ކާނާ އާއި ބުއިންތަކުގެ ބަދަލުގައި ހޫނު ނޫން ކާނާ އާއި ބުއިންތައް ބޭނުންކުރުމަށް އިސްކަންދޭންވާނެއެވެ.
އެސްތަމާގެ ބޭސް ގަވާއިދުން، ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް ބޭސް ބޭނުންކުރުމުން އެސްތަމާގެ އަލާމާތްތައް ކޮންޓްރޯލް ކުރެވޭނެއެވެ. އިން ޝާ ﷲ. އަދި ހަމައެހެންމެ، ކޮންމެ ތަނަކަށް ދިޔަޔަސް އިންހޭލަރު އަބަދުވެސް އަތުގައި ބާއްވަން އާދަކުރާށެވެ.
މީގެއިތުރުން ވައި ތަޣައްޔަރުވެފައިވާ ދުވަސްތަކުގައި ވީހާވެސް ބޮޑަށް ބޭރަށް ނުނިކުމެ ގޭތެރޭގައި ހުރުމަށް މަސައްކަތް ކުރަންވާނެއެވެ. އަދި ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ، މާސްކެއް އެޅުމަކީ ރަނގަޅު ކަމެކެވެ. އެސްތަމާ ހުންނަ މީހުން މާސްކު އަޅައިގެން އުޅެން ގިނަ ފަހަރު ހާސްވެ ނޭވާލާން އުދަގޫވެއެވެ. އެހެންނަމަވެސް ހިރަފުހާއި ނުސާފު ވައިން ސަލާމަތްވުމަށްޓަކައި މާސްކު އެޅުމަކީ އެކަމުން ބޮޑެތި އުނދަގޫތައް ކުރިމަތިނުވާނަމަ ބުއްދިވެރި ގޮތެވެ.
މި ފިޔަވަޅުތަކުގެ އިތުރުން އެސްތަމާ ހުންނަ ފަރާތްތައް ސްޓްރެސް މެނޭޖްކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. ސްޓްރެސްއަކީ އެސްތަމާގެ އަލާމާތްތައް އިތުރުކުރުވާ އެއް ސަބަބެވެ. މާބޮޑަށް ހާސްވެ، ދެރަވެ އަދި ރުއިމުން ހާސްވުން އިތުރުވެ އެޓޭކު އައުމުގެ ފުރުސަތުވެސް އޮވެއެވެ. އެހެންކަމުން، ކަސްރަތުކޮށް ނޭވާލުމުގެ ތަމްރީނުތައް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެސްތަމާ ހުންނަ މީހުންނަށް ކަސްރަތު ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. ގަދަ ބައެއް ފަހަރު ކަސްރަތު ކުރުމުން އެސްތަމާގެ އަލާމާތްތައް އިތުރުވެ، ނޭވާލުމަށް އުނދަގޫވެދާނެއެވެ. އެހެންކަމުން، އެސްތަމާ ހުންނަ މީހުން ކަސްރަތު ކުރަންވާނީ ޑޮކްޓަރެއްގެ ލަފާގެ މަތިން، މީހާގެ ޙާލަތާއި އެކަށީގެންވާ މިންވަރަކަށެވެ. ނޫންނަމަ މިކަމުގެ ސަބަބުން ކުޅިވަރުތަކުގައި ބައިވެރިވުމާއި، ޖިސްމާނީ ގޮތުން ބުރަ މަސައްކަތްތައް ކުރުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ.
އެސްތަމާ ހުންނަ މީހުންނަށް ނިދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. ރޭގަނޑު ވަގުތުތަކުގައި އެސްތަމާގެ އަލާމާތްތައް އިތުރުވެ، ނޭވާލުމަށް އުނދަގޫވެދާނެއެވެ. މިކަމުގެ ސަބަބުން ރަނގަޅަށް ނިދުމަށް ހުރަސްއެޅި، ދުވާލުގެ ވަގުތުތަކުގައި ވަރުބަލިކަން އިހުސާސްވެދާނެއެވެ. އެހެންކަމުން، އެސްތަމާ ހުންނަ މީހުން ނިދާ ކޮޓަރި ސާފުކޮށް، ހިރަފުހުން އެއްކިބާވެފައިވާ މާޙައުލެއްގައި ބެހެއްޓުމަށް ސަމާލުކަން ދޭންޖެހެއެވެ.
މި ސަބަބުތަކަށްޓަކައި ހޫނު މޫސުމުގައި އެސްތަމާގެ ބަލީގައި ޖެހިފައިވާ މީހުން ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. މަތީގައި ބަޔާންކުރެވުނު ކަންތައްތަކަށް ސަމާލުކަން ދިނުމުން، އެސްތަމާ އެޓޭކުން ސަލާމަތްވެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅެވޭނެއެވެ. ނަމަވެސް، އެއްވެސް ހާލެއްގައި އަމިއްލައަށް ފަރުވާ ހޯދުމުގެ ބަދަލުގައި ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދަންނަވަމެވެ. ޞިއްޙަތަށް ރައްކާތެރިވެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުއްވޭނީ އެއިރުންނެވެ. އިން ޝާ ﷲ
Advertisement
10 ޖޫން 2025