އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު
ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ބިނާކުރާ މިސްކިތަށް ސަރުކާރުން ބިން ހަމަޖައްސައިދީ، ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޚިދުމަތް ޖަމްޢިއްޔާއިން ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް އިމާރާތްކުރުމަށް ނިންމުމާ ގުޅިގެން، ވަޒީރު ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝައިޚް ފަރީދުގެ ހަނދާނުގައި ބޭރު ޤައުމެއްގައި މިސްކިތެއް ހުރުމަށްވުރެ ރާއްޖޭގައި ހުރުން މާ އައުލާކަން ބޮޑު ކަމަށެވެ.
"މިސްކިތް އިމާރާތްކުރަން ވާނީ އިސްލާމީ ޢިލްމުގެ ލައިބްރަރީއަކާއި ޤުރުއާން ކިޔަވައިދެވޭނެ ކްލާސްރޫމްތަކާ އެކު، ޝައިޚް ކުރެއްވި މަސައްކަތް ދިރުވާ އާލާކުރާނެ ތަނެއްގެ ގޮތުގައި،" ވަޒީރު ޝަހީމް ވިދާޅުވިއެވެ.
މި މަޝްރޫޢުއަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ތެރޭގައި މިސްކިތް އިމާރާތްކުރާނެ ބިމެއް ހަމަޖައްސައިދިނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޝައިޚް ފަރީދަކީ ދިވެހިރާއްޖޭގެ އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޢިލްމުވެރިއެކެވެ. އުމުރުފުޅުން 53 އަހަރުގެ ޝައިޚް ފަރީދު އަވަހާރަވީ ދީނީ ދަޢުވަތުގެ މަސައްކަތެއްގައި ހޯމަ ދުވަހު މެލޭޝިޔާއަށް ވަޑައިގެން ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ.
Advertisement
12 ޖޫން 2025