އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 9 ސިކުންތު
ތިމާއަށް އެހެން މީހަކު ކިތަންމެ ކުޑަ އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނަސް އިންތިހާއަށް ކަންބޮޑުވެއެވެ. ދެރަވާނެ ކަމެއް ކޮށްފިނަމަ ހިތުގައިވެސް ޖެހެއެވެ. އެކަމަކު ހަމަ އެކަންކަން ތިމާގެ އަމިއްލަ ޢާއިލާއަށާއި އަނބިދަރިންނަށް ކުރާކަށް ތިމާ ޖެހިލުމެއް ނުވެއެވެ. މި ގޮތް ދެކޮޅުޖެހޭ ހެއްޔެވެ؟
ތިމާއަށް ލިބޭ އަނިޔާ ނުވަތަ ތިމާއަށް މީހުން ކުރާ އަނިޔާ އާއިމެދު ކަންބޮޑުވާ މީހާ ފުރަތަމަ ކަމެއްގެ ގޮތުން ތިމާގެ އަނިޔާއިން ތިމާގެ އަނބިދަރިންނާއި ޢާއިލާ ސަލާމަތްކުރާށެވެ! ތިމާގެ ގަދަބާރު ދައްކައިގެން އަނބިންނާއި ދަރިންލައްވައި ކުރުވާ ކަމެއްގައި ދަރިންގެ ހަޔާތް ވޭތިކުރާ ކޮންމެ ދުވަހަކީ ތިބާގެ އަނިޔާ އަނބިދަރިންނަށް ލިބެމުންދާ ދުވަހެކެވެ. ފުރަތަމަ ކަމަކަށް އެކަމަށް ވިސްނާށެވެ.
އެހެން މީހުން ތިމާއަށް ގެއްލުން ދޭތީ ގިނަ ބައަކު ކަންބޮޑުވެއެވެ. ސުވާލަކީ ތިމާ ކުރާ ކަންކަމުން އެހެން މީހަކަށް ގެއްލުން ދެވޭ ހެއްޔެވެ؟ ތިމާ ކުރާ ކަންކަން ކުރަނީ އެހެން މީހުންނަށް ގެއްލުން ނުލިބޭނެ ގޮތަށް ހެއްޔެވެ؟ ތިބާ ކުރާ ކަންކަން ކުރަނީ އެހެން މީހުންގެ ހިތުގައިޖެހި ރޯން ނުޖެހޭނެ ގޮތަށް ހެއްޔެވެ؟
ދީނީ ޢިލްމުވެރިންނަށް އެންމެ ގިނަ ބައަކު ކުރާ ޝަކުވާތަކުގެ ތެރޭގައި ދަރިންގެ ދިރިއުޅުމަށް މައިން ބަފައިން ހުރަސް އެޅުމުގެ މައްސަލަ ފާހަގަކުރެވެއެވެ. ކުދިން (ޅަ ޒުވާނުން) ކުރާ ޝަކުވާގެ ތެރޭގައި ތައުލީމީ ގޮތުން އެކުއްޖާ ކުރިއަށް ދާން ބޭނުން ނުވާ ދާއިރާއަކުން ކުރިއަށް ދާން މައިން ބަފައިން މަޖުބޫރު ކުރުވުން ހިމެނެއެވެ. އަންހެން ކުދިން އެންމެ ގިނައިން ކުރާ ޝަކުވާގެ ތެރޭގައި ބައްޕަ ނުވަތަ މަންމަގެ ޢާއިލާގެ މިވެނި މީހަކާއި ކައިވެނިކުރަން މަޖުބޫރު ކުރުވުން ހިމެނެއެވެ؟
ނިކަން ބުނެބަލާށެވެ. މިފަދަ މަޖުބޫރުތައް ކުރުމުން އެކުރެވެނީ އަނިޔާ ނޫން ހެއްޔެވެ؟ ދަރިންގެ ގައިގައި ޖެހުމަކީ އިސްލާމް ދީން ހުއްދަކުރާ އިމުގެ ތެރެއިން ނޫނީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ނަމަވެސް ޖެހީއެވެ. އެ ތަދު ފިލައި އަދި ގިނަ ދުވަސްވުމުން އެ ހަނދާންވެސް ނެތިގެން ހިނގައިދާނެއެވެ. ނަމަވެސް ދަރިއެއްގެ މުޅި ހަޔާތަށް އަސަރުކުރާނެ ކަންކަމަށް މަޖުބޫރު ކުރުވައިގެން ކުރުވުމުން އެއީ ދަރިފުޅުގެ މުޅި އުމުރަށް ދެވޭ އަނިޔާއަކަށް ނުވާނެ ހެއްޔެވެ؟
އަބަދުވެސް ބުނާ ބަހެއް މިއަދުވެސް ހަނދާންކޮށްލައިދޭނަމެވެ. ދަރިން ބޮޑެތި ވުމުން ކުރަން އުޅޭ ކަންކަމުގައި މައިން ބަފައިންނަށް ވިސްނޭ ގޮތް ބުނާށެވެ. ދަރިންނަށް ވިސްނައިދޭށެވެ! ދަރިން އެ ގޮތް ޤަބޫލު ނުކޮށްފިނަމަ ﷲ ތަޢާލާ އަށް ވަކީލުކުރުމާއިއެކު ދަރިން އެދޭ ގޮތަށް ކަންކަން ނިންމުމުގެ ފުރުޞަތުދޭށެވެ. އަދި ދަރިންނަށްޓަކައި ހެޔޮ ދުޢާކުރާށެވެ!
ދީނީ ޢިލްމުވެރިންގެ ދަރުސްތަކުގައާއި ޚުޠުބާތަކުގައި އެންމެ ގިނައިން ހަނދާންކޮށްދެވޭ އެއްކަމަކީ މުސްލިމްކަން ފުރިހަމަވާނީ އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެން ކަމެވެ. ހަނދާންކޮށްދިނުމުގެ ގޮތުން އެންމެ ގިނައިން ކިޔޭ އެއް ޙަދީޘްފުޅަކަށްވާނީ މިކަން ޙާމަކުރައްވަވައި ރަސޫލް (ﷺ) ކުރެއްވެވި ޙަދީޘްފުޅެވެ.
ހަމައެކަނި މިވަރަކުން ވެސް ނުފުދެއެވެ. ދުނިޔޭގެ އެންމެން ހިމެނޭ ގޮތުން މީސްތަކުން ހިމެނޭ ގޮތަށް މީސްތަކުންނަށް ރަޙްމް ނުކުރާ މީހަކަށް ﷲ ތަޢާލާ ގެ ހެޔޮރަޙްމަތްފުޅު މިންވަރު ނުކުރައްވަވާނެ ކަމަށް ވަޙީކުރައްވަވާފައި އޮތް އޮތުންވެސް ގެންދެވެނީ ހަމަ ތަކުރާރުކޮށް ހަނދާންކޮށްދެވެމުންނެވެ. މިދައްކަނީ ހަމައެކަނި މުސްލިމުންނަށް ރަޙްމް ނުކުރުމުގެ ވާހަކައެއް ނޫނެވެ. ދުނިޔޭގައި ދިރިއުޅޭ އެންމެން ހިމެނޭ ގޮތަށް މުޅި އިންސާނިއްޔަތަށް ރަޙްމް ނުކުރުމުގެ ވާހަކައެވެ. ވީއިރު މިކަންކަމުގައި ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟
"ތިބާއަކީ މީސްތަކުންނަށް ރަޙްމްކުރާ މީހަކީމު ހެއްޔެވެ؟ މައިންބަފައިންނަށާއި އަބިދަރިންނަށް ރަޙްމްކުރަން ހެއްޔެވެ؟ އަޚުންނާއި އުޚުތުންނަށް ރަހްމް ކުރަން ހެއްޔެވެ؟" ފުރަތަމަ ކަމަކަށް މިސުވާލުތައް އަމިއްލަ ނަފްސާއިކޮށްގެން ޖަވާބު ލިބިގަންނާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން
Advertisement
16 ޖޫން 2025