އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެންނަ މުންކަރާތްތައް ނުފެންނަ ކަމަށް ހަދައިގެން މިއަދު އުޅެވިދާނެ! އެކަމަކު ޖަވާބުދާރީވާންޖެހޭނެ ދުވަސް އޮތީ ދާދި ގާތުގަ!

ފެންނަ މުންކަރާތްތައް ނުފެންނަ ކަމަށް ހަދައިގެން މިއަދު އުޅެވިދާނެ! އެކަމަކު ޖަވާބުދާރީވާންޖެހޭނެ ދުވަސް އޮތީ ދާދި ގާތުގަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 3 ސިކުންތު

ގިނަ މީހުން މިއަދު ދެކެނީ ފަހުޒަމާން ވީމާ ނުބައިކަންކަން ކުރާ މީހުން އުޅޭނެކަމަށާއި އެކަނަކަމަށް ތިމާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެންމެން މިގޮތަށް ވިސްނަން ފަށައިފިނަމަ އެމުޖުތަމަޢުއަކަށްވެގެންދާނެ ގޮތް ހިތަށް ގެންނާށެވެ! 

ތިރީގައިވާ ލިޔުމުގައިވާފަދަ މީހަކަށްވެގެން ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީއެއް ނުވެވޭނެއެވެ. 

މުންކަރާތް ހުއްޓުވަން ސޯޅަ ތާކިހާ އެއްފަހަރާ ބޮލުގަ އަޅައިގެން ގެއިން ނުކުތް މީހާގެ ވާހަކަ-  

މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މިއީއެވެ. މީސްތަކުންގެ ކުރިމައްޗަށް ނުކުންނަނީ ދީނީ އެތައްބައިވަރު ތާކިހާތަކެއް ބޮލުގައި އަޅައިގެންނެވެ. މުންކަރާތްތައް ޢާންމުވާތީ ހުއްޓުވުމުގެ ނަމުގައެވެ. އެކަމަކު ކަންކަން ނިމިގެންދަނީ މުޅިން ތަފާތު ގޮތަކަށެވެ. 

މުންކަރާތްތައް ހުއްޓުވަން ނުކުމެ ހިނގަމުންދާއިރު ކުރިމަތިން ފެންނަ ކޮންމެ މުންކަރާތެއްވެސް ފެނުނީމާ އެކަން ހުއްޓުވަން އެކަމުގައި އަޅުވަން ގެނައި ތާކިހާ އެޅުވުމުގެ ބަދަލުގައި އެކަން ނުފެންނަކަމަށް ހަދަން ނުވަތަ އެއީ މުންކަރާތެއް ނޫންކަމަށް ހަދަންވެގެން ބޮލުގަ އަޅާފައިހުރިތަނުން ތާކިހަލެއް އަވަސްއަވަހަށް ނަގައި ޖީބަށްލައި ފޮރުވަނީއެވެ. 

މިގޮތުން އެއްފަހަރާ ސޯޅަ ތާކިހާ އަޅައިގެން ގެއިން ނުކުތް މީހަކަށް އެނބުރި ގެއަށްވަދެވުނުއިރު ބޮލުގައި އޮތީ އެންމެ ތާކިހަލެކެވެ. އެކަމާއި ރުޅިގަދަވެ އަނބިމީހާ ސުވާލުކުރިއެވެ. 

މުންކަރާތްތައް ހުއްޓުވަން ސޯޅަ ތާކިހާ އަޅައިގެން ނުކުމެފައި އަނބުރާ ގެއަށް އައިއިރު ބޮލުގައި ތިއައިނީ އެންމެ ތާކިހަލެއް ނޫންހެއްޔެވެ؟ އެއީވެސް ސިޔާސީ ތާކިހަލެވެ. ދެންހުރި ތާކިހާތައް ކޮބައިހެއްޔެވެ؟ 

ވަރަށް ދެރަވެފައި ކިޔައިދިނެވެ. ލޯބިވާ އަނބިމީހާއެވެ. ހިނގަމުންދިއައިރު އަބަދުހެން ފެންނަނީ މުންކަރާތްތަކެވެ. ދެން އެއިން ކޮންމެ ޢަމަލެއް ފޮރުވަން އެޢަމަލުމަތީގައި ތާކިހަލެއް ބާއްވަން ފެށިތަނާ ނުލާހިކު އަވަހަށް ތާކިހާކޮޅު ހުސްވެއްޖެއެވެ.  

މިހާރު ބޮލުގައި ތިއައޮތް ތާކިހާވެސް އަޅުވަންޖެހޭނެ އެތައް ބައިވަރު ކަންތައްތަކެއް ފެނުނެވެ. ނަމަވެސް އަޅުވައިފިނަމަ ޢިޒަތާއި މަޤާމު ގެއްލޭނެތީ، އަތްމަތިދަތިވާނެތީ އެކަންކަމަށް ބިރުން ނުއެޅުވުނީއެވެ. 

އަނބިމީހާގެ ގާތުގައިވެސް ހެދީ ދޮގެވެ. އަނބިމީހާއަށް އެކަން ވިސްނިގެން ހާދަ ޖީބުބޮޑޭ، ފެނުނު ހުރިހާ މުންކަރާތްތަކުގައި ތާކިހާ އަޅުވާފައި މުންކަރާތްތައް ނަގައި އެޅީ ޖީބަށް ކަމަށްވާނަމަ އެބުރު ގެއަށް ތިއައައީ ހާދަ ގިނަ މުންކަރާތްތަކެއް ހިފައިގެންތާއޭ ބުނީމާ ދޭނެ ޖަވާބެއް ނުއެނގުނެވެ. 

މިއީ މިއަދުގެ ޙާލެވެ. ކަންކަން ހިނގަމުންދާ ގޮތުގެ މިޘާލެކެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމެއް ނެތެވެ. ބަލަނީ ސިޔާސީ ގޮތުން ކުރިއެރުމެއް ލިބޭތޯއެވެ! ޖީބަށް ފައިސާ ގިނަވާނެގޮތެކެވެ. ޙަރާމް ޙަލާލެއް ބަލައިލުމެއްވެސް ނެތެވެ. 

މީސްތަކުންނޭވެ! މުންކަރާތްތައް ޢާންމުވެ ގިނަވަމުން މިދަނީ ފަހުޒަމާން އައިސްގެން އުޅޭތީއެއް ނޫނެވެ. މިޒަމާނުގައި އުޅޭ މީހުންގެ ނުބައިކަން ބޮޑުވުމުންނެވެ. މުންކަރާތް މަނާކުރަން ބޭނުން ނުވާތީއެވެ. ހުރިހާ ޒަމާންތަކެއްގައިވެސް މުންކަރާތްތައް ހިންގިއެވެ. ނަމަވެސް އެއިރު ތިބި މީހުން އެކަންކަން ހުއްޓުވަން މަސައްކަތްކުރީތީ މަދުކުރެވުނީއެވެ. މިއަދު މުންކަރާތްތައް ގިނަވެ، އެއްވެސް ބިރެއް ނެތި ފައުޅުގައި މުންކަރާތްތަކަށް އަރައިގަތުން ޢާންމުވަމުން މިދަނީ އެކަންކަން ހުއްޓުވާނެ ބައަކު ނެތުމުންނެވެ. ހުއްޓުވަން މަސައްކަތްކުރި މީހުން ފޭލްވުމުންނެވެ. 

 

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް