އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިހާތަނަށް 151،000 އަށްވުރެ ގިނަ ބިދޭސީގެ މައުލޫމާތު ވަނީ އެއްކޮށްފަ: ވަޒީރު

މިހާތަނަށް 151،000 އަށްވުރެ ގިނަ ބިދޭސީގެ މައުލޫމާތު ވަނީ އެއްކޮށްފަ: ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 151،000އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީ މަސައްކަތްތެރިން ރެގިއުލޭޓް ކުރުމަށްޓަކައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުގެ ދަށުން 151،694 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާބޭސް އަދާހަމަކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންގެ ނިޒާމުތަކުގެ ތެރޭގައި އެބަ ފެނޭ މި މީހުންނަކީ އެކްޒެކްޓްލީ ކޮން ބައެއްކަން. ބަޔޯމެޓްރިކަލީ އައިޑެންޓިފައިކުރެވޭ. އެހެންވީމަ މިހިސާބުން ސީދާ މީހާ ފަހަތުން އެބަދެވޭ. އައިޑެންޓިފައި ކުރުމަކީ އަޅުގަނޑުމެންގެ އެންމެ ފުރަތަމަ މަސައްކަތް މި އޮޕަރޭޝަންގަ. ދެވަނަ ކަމަކީ ޤާނޫނު ބައްޓަން ކުރުން. އޭގެ ތެރޭގައި ބިދޭސީންނާއި ދޭތެރޭ އިހުމާލުވާ ފަރާތްތަކާ ދެތެރޭ ހަރުކަށި ފިޔަވަޅު އެޅުމާއި، ޖޫރިމާނާ ކުރުމާއި، ފައިސާ ނުދައްކާ ތިބޭ ފަރާތްތަކާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅުތައް އެޅުންވެސް ހިމެނޭ. ވަޒީރު"

ބިދޭސީން ރާޢްޖެ ގެނެސް އެ މީހުންގެ ވިސާ ފީ ނުދައްކާ ކުންފުނިތަކުގެ ނަންތައް ހާމަކުރި ހިސާބުން ދައުލަތަށް ނުލިބި ހުރި ބިލިއަނެއްހާ ފައިސާ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި މީގެ ނަތީޖާއެއްގެ ގޮތުން ޤަވާއިދާ ޚިލާފަށް އުޅުނު ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވަދެފައިވާ ކަމަށްވެސް ވަޒީރުގެ ވާހަކައިގައި ވިދާޅުވިއެވެ.

ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 3ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު