އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރު ޚުޠުބާ: އެންމެ މާތްކަން ބޮޑުވެގެންވާ ހިޖުރައަކީ މާތް الله ރުހިވޮޑިގެންނުވާ ކަންތައް ދޫކޮށްލުން!

ހުކުރު ޚުޠުބާ: އެންމެ މާތްކަން ބޮޑުވެގެންވާ ހިޖުރައަކީ މާތް الله ރުހިވޮޑިގެންނުވާ ކަންތައް ދޫކޮށްލުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 17 މިނެޓް, 12 ސިކުންތު

މުސްލިމް އަޚުންނޭވެ! ހިޖުރައިގެ މަތިވެރި ޒިކުރާ ގުޅިފައިވަނީ، مُحَمَّد رَسُوْلُ الله ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި މަތިވެރި ޙާދިސާއާއިއެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ޙާދިސާއެވެ. اللهގެ މަގަށް ގޮވައިލައްވާން، އެ ކަލޭގެފާނު މައްކާގައި ތޭރަ އަހަރު ހުންނެވުމަށް ފަހު، އެ ރަށުގެ އަހުލުވެރީންގެ ފަރާތުން އެކަށީގެންވާ އިޖާބައެއް ލިބިވަޑައިނުގަތުމުގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލާން އެބައިމީހުން ދިޔައީ ރާވަމުންނެވެ. އެ ހިނދު މާތް اللهގެ އަމުރުފުޅަށް މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވިއެވެ. އެ ހިސާބުން ފުރަތަމަ ފަހަރަށް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅުނެވެ. 

މުސްލިމް އަޚުންނޭވެ! މި ފެށޭ ހަފުތާއަކީ ހިޖުރީ އައު އަހަރެއް ފެށޭ ހަފުތާއަށް ވާތީ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާންޖެހޭ ކަމެކެވެ. ހިޖުރައިގެ މާނައަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ މާފުޅާ މާނައެއް އޮތް ކަމެކެވެ. ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހުގައި އަޞްޙާބު ބޭކަލަކު ދެންނެވިއެވެ. (يَا رَسُوْلَ اللهِ! أَيُّ الْهـِجْرَةِ أَفْضَلُ؟ قَالَ: أَنْ تَـهْجُرَ مَا كَرِهَ رَبُّكَ عَزَّ وَجَلَّ.)[1] މާނައީ: "އޭ اللهގެ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑުވެގެންވާ ހިޖުރައަކީ ކޮބައިތޯއެވެ؟ "އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. މާތް الله ރުހިވޮޑިގެންނުވާ ކަންތައް ދޫކޮށްލުމެވެ."

މުސްލިމް އަޚުންނޭވެ! ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް ޢިބުރަތްތަކަކާއި ދަރުސްތަކެއް ވެއެވެ. ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ، ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅެވެ. ކީރިތި ރަސޫލާ  ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ، އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވީ ރަށާއި، ޢާއިލާގެ ބޭފުޅުން، އިސްލާމްދީނުގެ ދިފާޢުގައި ދޫކުރައްވައިފައެވެ. 

މައްކާ ދޫކުރައްވައި ނުކުމެވަޑައިގަންނަވަމުން އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅު މުސްލިމުން ހަނދާންކުރާން ޖެހެއެވެ.  (وَاللهِ، إِنَّكِ لَـخَيْرُ أَرْضِ اللَّهِ، وَأَحَبُّ أَرْضِ اللَّهِ إِلَى اللهِ، وَلَوْلَا أَنِّـيْ أُخْرِجْتُ مِنْكِ مَا خَرَجْتُ)[2] މާނައީ: "الله ގަންދެއްވައި ވިދާޅުވަމެވެ! ހަމަކަށަވަރުން ތިޔަ ބިމަކީ اللهގެ ޙަޟުރަތުގައި އެންމެ ހެޔޮކަން ބޮޑު އަދި اللهއަށް އެންމެ ލޮބުވެތިކަން ބޮޑު ބިމެވެ. އަދި ތިމަން ކަލޭގެފާނު ނެރެނުލެއްވުނު ނަމަ، ތިމަން ކަލޭގެފާނު ތިޔަ ބިމުން އެބަހީ މައްކާގެ ބިމުން ނުކުމެވަޑައެއްނުގަތީމުހެވެ."

މުސްލިމް އަޚުންނޭވެ! ޞުހައިބުއްރޫމީ رضي الله عنه ހިޖުރަކުރެއްވި ވާހަކައަކީ ވެސް ޢިބުރަތްތެރި ވާހަކައެކެވެ. އެ ކަލޭގެފާނު އަރިހުގައި މައްކާގެ މުޝްރިކުން ދެންނެވީ ކަލޭގެފާނުގެ މުޅި މުދާ ދޫކޮށްލައްވައިފައި ހިޖުރައަށް ވަޑައިގަނެވިދާނެކަމުގައެވެ. އެހެންކަމުން އެކަލޭގެފާނުގެ މުޅި މުދާ اللهގެ މަގުގައި ދޫކޮށްލެއްވުމަށް ފަހު ހިޖުރަކުރެއްވިއެވެ. މިކަން އެނގިވަޑައިގަތުމުން ކީރިތި ރަސޫލާ z ޙަދީޘްކުރެއްވިއެވެ. (رَبِحَ صُهَيْبٌ! رَبِحَ صُهَيْبٌ!)[3] މާނައީ: "ޞުހައިބު ފައިދާހުރި ވިޔަފާރިއެއް ކުރައްވައިފިއެވެ! ޞުހައިބު ފައިދާހުރި ވިޔަފާރިއެއް ކުރައްވައިފިއެވެ!" މި ކަމާމެދު މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި اللهގެ ރުހިވޮޑިގަތުން އެދި (އެކަލާނގެއަށް) ތިމާގެ ނަފުސު ދޫކޮށްލާ މީހުން ވެސް މީސްތަކުންގެ ތެރެއިން ވެއެވެ. اللهއީ، އަޅުތަކުންނާ މެދު، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ."

މާތް اللهގެ އަޅުތަކުންނޭވެ! ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ އެ ކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ހަމަޖައްސައިފައި ވުމެވެ. ހިޖުރައިގެ ދަތުރުފުޅުގެ މަސައްކަތްތައް ވަނީ ވަރަށް ފުރިހަމައަށް  ބަހައިލެވިފައެވެ. އަބޫބަކުރުގެފާނު ކުރެއްވި އެއް ކަމަކީ ހަތަރު މަސް ކުރީން ސިއްރިޔާތުގައި ދަތުރުފުޅުގެ ސަވާރީ ތައްޔާރުކުރައްވާން ފެއްޓެވުމެވެ. ހަމަ އެ ފަދައިން ހިޖުރައަށް ނުކުމެވަޑައިގަންނަވާ ރޭގައި ޢަލީގެފާނު ކީރިތި ރަސޫލާ  ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވިއެވެ. މައްކާގެ މުޝްރިކުން ކީރިތި ރަސޫލާ  ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަކޮށްލާން ރާވައިފައިވާ ރޭގައި، އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވީ، ފުރާނަފުޅު ޤުރުބާންވެ ދިޔަޔަސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އިސްލާމް ދީން ދިފާޢުކުރެއްވުމުގެ މަތިވެރި މަޤްޞަދުގައެވެ. މައްކާއިން ނުކުމެވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އެ ބޭކަލުން ތިއްބެވި އިރު ފަރިއްކޮޅު އެރުއްވުމާ ޙަވާލުވެވަޑައިގަތީ أَسْمَاءُ بِنْتِ أَبِيْ بَكْر رَضِيَ اللهُ عَنْهَاއެވެ. އެކަމަނާ އެ ތަކެއްޗާއިގެން އެ ފަރުބަދައަށް އަރައިވަޑައިގެން އެބޭކަލުންނަށް ފަރިއްކޮޅު އެރުއްވުމަކީ ވެސް ބުރަ އަދި ބިރުވެރިކަން ބޮޑު ކަމެކެވެ. އެއިރު މައްކާގައި ކަންހިނގަމުން ދިޔަ ގޮތުގެ ޚަބަރުތައް ރަސޫލާ zއާއި އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން ޢަބްދު اللهއެވެ.

މުސްލިމް އަޚުންނޭވެ! ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ސާބިތުކަމާ އެކު ދެމިތިބޭނޭކަމުގެ ފިލާވަޅެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އަބޫބަކުރުގެފާނު ޘައުރުފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި އިރު، އަބޫބަކުރުގެފާނު ރަސޫލާ  ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ.  އޭ اللهގެ ރަސޫލާއެވެ! މައްކާގެ މުޝްރިކުންގެ މީހަކު ގުދުވެ އެ މީހުންގެ ފައިތިލަދަށަށް ބަލައިލިޔަސް ތިމަންބޭކަލުން ފެންނާނެއެވެ. އެ ހިނދު ރަސޫލާ  ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (يَا أَبَا بَكْرٍ، مَا ظَنُّكَ بِاثْنَيْنِ اللَّهُ ثَالِثُهُمَا؟)[4] މާނައީ: "އޭ އަބޫބަކުރުގެފާނެވެ! އެ ދެ ފަރާތަކާއެކު ތިން ވަނައަށް ﷲ ވޮޑިގެންވާ ބަޔަކާ މެދު ކަލޭގެފާނު ދެކެވަޑައިގަންނަވަނީ ކިހިނަކުންތޯއެވެ؟" މި ފަދަ ބަސްފުޅުތަކުން ޢިބުރަތް ލިބިގަނެ، ހުރިހައި ވަގުތެއްގައި ވެސް އިސްލާމްދީންމަތީގައި ތެދުވެރިކަމާ އެކު ތިބުމަށް ޢަޒުމުކަނޑައަޅައި ތިމާގެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރެވޭތޯ މަސައްކަތްކުރާށެވެ!    

މުސްލިމް އަޚުންނޭވެ! މި ދަތުރުފުޅުގައި، الله سُبْحَانَهُ وَتَعَالَى ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިމާޔަތްކުރައްވައި ނަޞްރުދެއްވާނޭކަމުގެ ފުރިހަމަ ޔަޤީންކަން އެ ކަލޭގެފާނަށް އޮތެވެ. މައްކާގެ މުޝްރިކުން، ބޮޑު އިނާމު ހުށައަޅައިގެންނާއި، ފިޔަވަޅުފުޅުގެ އަސަރުތަކަށް ބަލައިގެން، އެކަލޭގެފާނު ހޯދުމަށް ޓަކައި ކުރި މަސައްކަތް މާތް الله ނާކާމިޔާބުކުރެއްވިއެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.--- މާނައީ "ތިޔަބައިމީހުން އެކަލޭގެފާނަށް ނަޞްރު ނުދިނަސް، ހަމަކަށަވަރުން، اللهُ، އެކަލޭގެފާނަށް  ނަޞްރު ދެއްވިއެވެ. ދެ މީހުންކުރެ އެކަކުކަމުގައިވާ ޙާލު، ކާފިރުވި މީހުން، އެކަލޭގެފާނު ނެރެލި ހިނދުގައެވެ. އޭގެ ދެ ކަލުން (ޘައުރު ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، الله ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވި ހިނދުގައެވެ. އެ ހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން الله ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި ކާފިރުވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللهގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللهއީ، ޢަޒީޒުވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ." 

މުސްލިމް އަޚުންނޭވެ! ހިޖުރައިގެ މި މަތިވެރި ޙާދިސާއަށް ފުން ނަޒަރަކުން އަހަރެމެން ބަލައިލާ އިރު، މި ޙާދިސާއިން އަހަރެމެންނަށް ގިނަގުނަ ޢިބުރަތްތަކެއް ލިބެއެވެ. ކަންކަމުގައި މާތް اللهއާ ވަކީލުކުރާންޖެހޭކަމީ، ހިޖުރައިގެ ޙާދިސާއިން އަހަރެމެންނަށް ލިބޭ ފިލާވަޅެކެވެ. މާތް اللهއާ ވަކީލުކުރުމަކީ، އެއްވެސް ޙާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރައިލައިގެން ތިބުމެއް ނޫނެވެ. ވަކީލުކުރުމަކީ، ކަންކަން ކުރުމުގައި  ލިބޭން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، މާތް اللهގެ ޙަޟުރަތުން ރައްކާތެރިކަމާއި ތައުފީޤު ލިބޭނޭކަމަށް ޔަޤީންކޮށްގެން ހުރުމެވެ. 

މުސްލިމް އަޚުންނޭވެ! ހިޖުރައިގެ ސަވާބާއި ދަރުމަ ލިބުން ހުރީ އެ ކަމުގައި ހިޖުރަވެރިޔާގެ ނިޔަތުގެ މައްޗަށެވެ. ބައެއް މީހުން ދުންޔަވީ ފާއިދާއެއް ހޯދުމަށް ނުވަތަ މީހަކާ ކާވަނިކުރުމަށް ވެސް ހިޖުރަކޮށް އުޅެއެވެ. ނަމަވެސް ސަވާބާއި ދަރުމަ ހުރި ހިޖުރައަކަށް ހިޖުރަ ވާނީ، މާތް الله އާއި އެކަލާނގެ ރަސޫލާއަށް ޓަކައި ކުރި ހިޖުރައަކަށް ވާނަމައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (فَمَنْ كَانَتْ هِجْرَتُهُ إِلَى اللّٰهِ وَرَسُوْلِهِ فَهِجْرَتُهُ إِلَى اللّٰهِ وَرَسُوْلِهِ)[5] މާނައީ "ފަހެ އެ މީހަކު ހިޖުރަކުރީ، اللهއާއި އެކަލާނގެ ރަސޫލާއަށް ޓަކައިކަމުގައި ވާ ނަމަ، އެ ހިޖުރަ ވާހުށީ اللهއާއި އެކަލާނގެ ރަސޫލާއަށް ޓަކައި ކުރި ހިޖުރައެއްކަމުގައެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު