އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 13 މިނެޓް, 59 ސިކުންތު
ޢަލީ އިޙްޞާން ފިރާޤް
ކްރޮނިކް ކިޑްނީ ޑިޒީޒް، ނުވަތަ ކްރޮނިކް ރެނަލް ޑިޒީޒް ނުވަތަ ކުރުކޮށް ދަންނަވާނަމަ، ސީކޭޑީ (CKD) އަކީ، ދުވަސްތައް ފާއިތުވަންމުންދާ ވަރަކަށް ކިޑްނީގެ މަސައްކަތް ގެއްލެމުންދިޔުން ނުވަތަ ދަށްވެގެންދާ ހާލަތަށް ކިޔޭނަމެކެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ކްރޮނިކް ކިޑްނީ ޑިޒީޒްއަކީ ބައްޔެއް ނުވަތަ އެނޫންވެސް ހާލަތެއްގެ ސަބަބުން ކިޑްނީގެ މަސައްކަތް ދަށްވެ، ކިޑްނީއަށް ލިބޭ ގެއްލުންތައް ގިނަ ދުވަސްވީ ވަރަކަށް އިތުރަށް ގޯސްވެގެންދިޔުމެވެ.
އެމެރިކާގެ 37 މިލިއަން މީހުންނަށް ސީކޭޑީ ޖެހިފައިވާއިރު، އެތައް މިލިއަން މީހުންނަކީ ސީކޭޑީ ޖެހުމުގެ ނުރައްކާ ބޮޑު މީހުންނެވެ. ކުރިއާލާ ކިޑްނީ ބަލި ދެނެގަނެ ފަރުވާ ފެށުމަކީ ކިޑްނީ ފެއިލްވުމުން ރައްކާތެރި ކުރެވޭނެކަމެކެވެ. ސީކޭޑީ (CKD) ޖެހިފައިވާ މީހުން މަރުވުމަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ ހިތުގެ ބަލިތަކެވެ.
ކިޑްނީގެ ބަލިތަކުގެ ސަބަބުން ހިތާއި ލޭހޮޅިތަކުގެ ބަލިތައް ޖެހުމުގެ ފުރުސަތު ވެސް އިތުރުވެއެވެ. މި މައްސަލަތައް ފެންނާނީ ކުއްލިއަށް ނޫނެވެ. ގިނަ ދުވަސްވީ ވަރަކަށެވެ. ބަލި އަވަހަށް ދެނެގަނެ ފަރުވާފެށުމަކީ ސީކޭޑީ (CKD) ގޯސް ނުވެ ހިފަ ހައްޓައިދޭނެ ކަމެކެވެ. މި ބަލި އިތުރަށް ގޯސްވެ އެންމެ ފަހުން ކިޑްނީ ފެއިލްވެ، ދިރިއުޅުން ދެމެހެއްޓުމަށް ޑައިލިސިސް ނުވަތަ ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ޖެހިދާނެއެވެ.
ސަބަބުތައް:
ސީކޭޑީ (CKD) ޖެހިފައިވާ މީހުންގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނަށް އެބަލި ޖެހެނީ ހަކުރުބައްޔާއި ލޭމައްޗަށް ދިޔުން ނުވަތަ ހައިޕަރޓެންޝަންގެ ސަބަބުންނެވެ. ތިރީގައި މިދަންނަވައިލަނީ ސީކޭޑީ (CKD) ޖެހުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ.
1.ހަކުރުބަލި (ހަކުރު ބަލީގެ ޓައިޕް 1 އަދި ޓައިޕް 2): ހަކުރު ބައްޔަކީ ލޭގައި ހަކުރުގެ މިންވަރު ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރުވުމެވެ. ހަކުރު ކޮންޓްރޯލް ނުކުރެވިއްޖެނަމަ އޭގެ ސަބަބުން ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް ގެއްލުން ލިބެއެވެ. އޭގެ ތެރޭގައި ކިޑްނީއާއި ހިތާއި ލޭހޮޅިތަކާއި ނާރުތަކާއި ލޯ ހިމެނެއެވެ.
2.ލޭމައްޗަށް ދިޔުން: ލޭމައްޗަށް ދިޔުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ ހާޓްއެޓޭކްޖެހުމާއި، ސްޓްރޯކްޖެހުމާއި، އަދި ދިގުމުއްދަތަކަށް ފަރުވާކުރަންޖެހޭ ކިޑްނީ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ. ހަމައެހެންމެ ސީކޭޑީ (CKD) ގެ ސަބަބުންވެސް ލޭމައްޗަށް ދިޔުން މެދުވެރިވެއެވެ.
3.ގްލޯމެރޫލޯނެފްރައިޓިސް (Glomerulonephritis) : މިއީ ކިޑްނީގައި ލޭ ފުރާނައިދޭ ޔުނިޓްތައްކަމުގައިވާ ގޮލޮމެރުލީތައް ދުޅަވުމެވެ. މިއީ ކިޑްނީ ބަލިތަކުގެ ތެރެއިން ތިންވަނައަށް އެންމެ އާންމުކޮށް ފެންނަ ވައްތަރެވެ.
4ވާރުތަވާ ބައެއް ބަލިތައް: މީގެ ތެރޭގައި އެންމެ އާންމު ބައްޔަކީ ކިޑްނީގައި ބޮޑެތި ސިސްޓު އުފެދޭ ބައްޔެވެ. މިބަޔަކީ ޕޮލިސިސްޓިކް ކިޑްނީ ޑިޒީޒް (Polycystic kidney disease) ނުވަތަ ޕީކޭޑީ (PKD) އެވެ.
5. ވިހެއުމުގެ ކުރިން އުފެދޭ ބައެއް އައިބުތައް: މިއީ ތުއްތު ދަރިފުޅު މައިމީހާގެ ބަނޑުގައި އަށަގަނެ ބޮޑުވަމުންދާއިރު އުފެދޭ އައިބުތެކެވެ. މިސާލަކަށް ކުޑަކަމުދާ ތަކެތި ދަތުރުކުރާ ހޮޅި އާދަޔާ ހިލާފަށް ހިމަވުމުގެ ސަބަބުން ކުޑަކަމުދާ ތަކެތި އަނބުރާ ކިޑްނީއަށް ދިޔުން ފަދަ މައްސަލަތަށް ހިމެނެއެވެ. މީގެ ސަބަބުން ކިޑްނީގައި އިންފެކްޝަން އުފެދުމަށް މެދުވެރިވެއެވެ.
6. އޮޓޯއިމިއުން ބަލިތައް: އޮޓޯއިމިއުން ބަލިތަކަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ހަށިގަނޑަށް ގެއްލުންދޭ ބަލިތަކެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ ބައްޔަކީ ލޫޕަސް ނެފްރައިޓިސް (Lupus nephritis) އެވެ. މިބަލީގެ ސަބަބުން ކިޑްނީގައި ހުންނަ ކުދިކުދި ލޭހޮޅިތައް ދުޅަވެ، ލަކުނުލާ ގޮތް މެދުވެރިވެއެވެ.
7. އިތުރު އެހެން ބައެއް ސަބަބުތަކުގެ ތެރޭގައި ކިޑްނީގައި ހިލަ އުފެދުމާއި، ޓިއުމަރު އުފެދުމުގެ ސަބަބުން ކިޑްނީއަށް ގެއްލުންވުން ހިމެނެއެވެ. ހަމައެހެންމެ ފިރިހެނުންގެ ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުމާއި، ކުޑަކަމުދާ ނިޒާމުގައި ތަކުރާރުކޮށް އުފެދޭ އިންފެކްޝަންތަކުގެ ސަބަބުންވެސް ސީކޭޑީ (CKD) ޖެހިދާނެއެވެ.
ސީކޭޑީ (CKD) ގެ ރިސްކު ފެކްޓާތައް:
ބޭސްވެރިކަމުގައި ހާއްސަ ގޮތެއްގައި ބަލިތަކުގެ ވާހަކަ ދައްކާއިރު ރިސްކުފެކްޓާރ (risk factor) އޭ ބުނާ ބަހުގެ މާނައަކީ ބައްޔެއް ޖެހުމުގެ ފުރުސަތު އިތުރު ކުރުވާ ކޮންމެ ކަމެކެވެ. ނުވަތަ ކޮންމެ ސަބަބެކެވެ. އެގޮތުން ސީކޭޑީ (CKD) ޖެހުމުގެ ފުރުސަތު އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި، ހަކުރު ބައްޔާއި ލޭމައްޗަށް ދާބަލި ހުރުމާއި، ހިތުގެ ބަލިތައް ހުރުން ހިމެނެއެވެ. ފަލަވާ ބައްޔާއި، ދުންފަތުގެ އިސްތިއުމާލުކުރުމަކީވެސް ކިޑްނީ ބަލިތައް ޖެހުމަށް މެދުވެރި ކުރުވާ ސަބަބެކެވެ.
ކަޅު ނަސްލުގެ މީހުންނާއި، އުމުރުން ދުވަސްވުމާއި، އާއިލާ ތެރޭގައި ކިޑްނީ ބަލީގެ މީހުން ތިބުމާއި، ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުމަކީވެސް ސީކޭޑީ (CKD) ޖެހުމުގެ ފުރުސަތު އިތުރުކުރާ ސަބަބުތަކެވެ. އަދި ބައެއް މީހުންގެ ކިޑްނީގައި ހުންނަ އައިބެއްގެ ސަބަބުންވެސް މި ބައްޔަށް މަގުފަހިކުރެއެވެ.
ކޮންމެ މީހަކަށްވެސް އަދި ކޮންމެ އުމުރެއްގެ މީހަކަށްވެސް ކިޑްނީ ބަލި ޖެހިދާނެއެވެ. ނަމަވެސް ބައެއް މީހުންނަށް ކިޑްނީބަލި ޖެހުމުގެ ފުރުސަތު އަނެއްބައި މީހުންނަށް ވުރެ އިތުރެވެ. އިސްވެ ދެންނެވިފައިވާ ކަންތައްތަކަކީ ކިޑްނީބަލި ޖެހުމުގެ ފުރުސަތު އިތުރުކުރުވާ ކަންކަމެވެ.
ފެނިދާނެ އަލާމަތްތަކަކީ ކޮބާ؟
ކިޑްނީ ބަލީގެ އަލާމާތްތައް އާންމުގޮތެއްގައި ފެންނަނީ ނުވަތަ ފާހަގަވަނީ ވަރަށް ބޮޑުވަރުވާ ފަހުންނެވެ. އަދި މީގެ ތެރެއިން ގިނަ އަލާމާތްތަކަކީ ވަރަށް އާންމު އަލާމާތްތަކެކެވެ. އެހެން އާންމު ބަލިތަކުންވެސް ފެނިދާނެ އަލާމާތްތަކެވެ. އޭގެ ތެރޭގައި ވަރުބަލިވުމާއި، ކަންތައްތަކަށް ސަމާލުކަންދިނުމަށް އުނދަގޫވުމާއި، ކާހިތްނުވުމާއި، ނިދަން އުނދަގޫވުމާއި، ފައިފޮއްސިވުމާއި، ހެނދުނު ނިދިން ހޭލާ ވަގުތު ލޯކައިރި ދުޅަވެފައިހުރުން ހިމެނެއެވެ.
މިދެންނެވި އަލާމާތްތަކުގެ އިތުރުން ރޭގަނޑު ގަޑީގައި މާގިނައިން ކުޑަކަމުދާންޖެހުމާއި، ހަންގަނޑު ކުރަކިވެ ކެހުމާއި، ރޭގަނޑު ގަޑީގައި ހަށިގަނޑުގެ މަސްތަކުގައި ރިއްސުން ހިމެނެއެވެ. ކުރިންވެސް ދެންނެވިފައި ވާނެ ފަދައިން މި އަލާމާތްތަކަކީ އާންމު އަލާމާތްތަކެކެވެ. ބައެއް ފަރާތްތަކަށް ކިޑްނީގެ މައްސަލަތަށް ހުންނަކަން އެނގެނީވެސް ވަރަށް ބޮޑުވަރުވާ ފަހުންނެވެ. އެހެނީ ކިޑްނީ ބަލީގެ ކުރީކޮޅުގައި ބައެއް ފަހަރު އެއްވެސް އަލާމަތެއް ފާހަގަވާ ވަރަށް ނުފެނިވެސް ހިނގައިދާނެއެވެ.
ސީކޭޑީ (CKD) ކަން ޔަގީން ކުރުމަށް ހަދާ ޓެސްޓްތައް:
ސީކޭޑީ (CKD) ހުރިކަމަށް ޑޮކްޓަރަށް ޝައްކު ކުރެވޭނަމަ، ބަލިމީހާގެ ލެބޯޓްރީ ޓެސްޓުތައް ހަދުވާނެއެވެ. އޭގެ ތެރޭގައި ލޭގެ ޓެސްޓާއި، ކުޑަކަމުދާ ތަކެތީގެ ޓެސްޓާއި، ޖީއެފްއާރް (GFR) ފަދަ ޓެސްޓުތައް ހިމެނެއެވެ. މީގެ އިތުރަށް ސީޓީ ސްކޭން އަދި ކިޑްނީގެ ބަޔޮޕްސީ ޓެސްޓުތައްވެސް ހަދައެވެ.
ލޭގެ ޓެސްޓު ހަދަނީ ލޭގައި ކްރިއޭޓިނިން (creatinine) ހުރި މިންވަރު ބެލުމަށެވެ. ކްރިއޭޓިނިން އަކީ ހަށިގަނޑުގައި އުފެދޭ ބޭކާރު މާއްދާއެކެވެ. އެ މާއްދާ ހަށިގަނޑުން ބޭރުވަނީ ކިޑްނީ މެދުވެރިކޮށް ކުޑަކަމުދާ ތަކެތީގެ ޒަރީއާއިންނެވެ. ސިއްހަތު ރަނގަޅު މީހެއްގެ ލޭގައި ކްރިއޭޓިނިންގެ މިންވަރު ހުންނަން ޖެހޭނީ މަދުންނެވެ. ލޭގައި ކްރިއޭޓިނިންގެ މިންވަރު އިތުރުނަމަ އެއީ އެކިއުޓް ކިޑްނީ ޑިޒީޒް (AKD) ނުވަތަ ސީކޭޑީ (CKD) ހުރިކަމުގެ އަލާމާތެކެވެ.
ކުޑަކަމުދާތަކެތީގެ ޓެސްޓުގައި މައިގަނޑު ގޮތެއްގައި ބަލަނީ އަލްބިއުމިން (Albumin) އޭ ކިޔާ ޕްރޮޓީން ހުރި މިންވަރަށެވެ. ސިއްހަތު ރަނގަޅު މީހެއްގެ ކުޑަކަމުދާތަކެތީގައި އާންމުކޮށް އަލްބިއުމިން ހުންނަނީ ދުވާލަކު 30 މިލިގްރާމަށްވުރެ މަދު މިންވަރަކަށެވެ. މިއަށްވުރެ އިތުރުވެއްޖެނަމަ އެއީ ކިޑްނީ މައްސަލައެއް ހުރިކަމުގެ އަލާމަތެކެވެ. ކުޑަކަމުދާ ތަކެތީގައި އަލްބިއުމިން އިތުރުވެއްޖެނަމަ ލޭގައި މި މާއްދާ މަދުވެގެންދެއެވެ.
ޖީއެފްއާރް (GFR) ނުވަތަ ގްލޯމެރައުލަރ ފިލްޓްރޭޝަން ރޭޓް (glomerular filtration rate) އަކީ މީހާގެ ސީރަމް ކްރިއޭޓިނިން ލެވެލް އާއި އުމުރާއި ޖިންސު ބޭނުންކޮށްގެން ހޯދާ އެއްޗެކެވެ.
ރައްކާތެރިވުން:
ޑޮކްޓަރުގެ ޕްރިސްކްރިޕްޝަން އާ ނުލައި ގަނެގެން ބޭނުންކުރާ ތަދުކަނޑުވާ ބޭސްތައް ނުވަތަ އޯވަރ ދި ކައުންޓަރ މެޑިސިން ބޭނުންކުރާ އިރު އޭގައިވާ އިރްޝާދުތަކަށް ތަބާވުން ވަރަށް މުހިންމެވެ. މިސާލަކަށް އެސްޕިރިން (aspirin)، އައިބޫޕްރޮފެން (ibuprofen) ކަހަލަ ތަދުކަނޑުވާ ބޭސް ބޭނުންކުރާއިރު ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. މާގިނަ ދުވަސްތަކެއް ވަންދެން، މާގިނައިން ތަދުކަނޑުވާ ބޭސް ބޭނުންކުރުމަކީ ކިޑްނީއަށް ގެއްލުން ވެދާނެކަމެވެ. ވީމާ އެފަދަ ބޭސްތައް ބޭނުން ކުރުން އެންމެ ރަނގަޅީ ޑޮކްޓަރެއްގެ އިރްޝާދުގެ ދަށުންނެވެ.
ހަށިގަނޑުގެ ބަރުދަން ރަނގަޅު މިނެއްގައި ހިފެހެއްޓުމަކީ ވަރަށް މުހިންމުކަމެވެ. ހަމައެހެންމެ، ގަވައިދުން ކަސްރަތު ކުރުމަކީވެސް ކިޑްނީ ބައްޔަށް މަގުފަހި ކުރުމުން ދުރުކޮށްދޭނެ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެ ހުރުމަކީވެސް ކިޑްނީ ބަލިން ރައްކާތެރިކޮށްދޭނެ ކަމެވެ. މީގެ އިތުރަށް ކިޑްނީ ބައްޔަށް މަގުފަހި ކުރާ އެއްވެސް ސަބަބެއް ތިމާގެ ކިބައިގައި ހުރިނަމަ، އެކަމެއް ކޮންޓްރޯލް ކުރުމަށް ޑޮކްޓަރުގެ އިރްޝާދާއެކު މަސައްކަތް ކުރަންޖެހޭނެއެވެ. މިސާލަކަށް ހަކުރު ބަލި ހުންނަ މީހެއްނަމަ ހަކުރު ކޮންޓްރޯލްކުރުމަށް ޑޮކްޓަރުގެ އިރްޝާދާއެކު މަސައްކަތް ކުރަންޖެހޭނެއެވެ. ހަމައެހެންމެ، ލޭމައްޗަށްދާ މީހެއްނަމަ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ޑޮކްޓަރުގެ އިރުޝާދާއެކު މައްސަކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
މިއީ މައުލޫމާތު ފެތުރުމުގެ ބޭނުމުގައި ލިޔެފައިވާ ލިޔުމެވެ. ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ އެންމެ ރަނގަޅު ގޮތަކީ އަވަހަށް ޑޮކްޓަރަށް ދައްކާ ޑޮކްޓަރުގެ އިރުޝާދާއެކު ފަރުވާގެ ކަންތައްތައް ކުރިއަށް ގެންދިޔުމެވެ.
ހަވާލާ:
https://www.mayoclinic.org/diseases-conditions/chronic-kidney-disease/symptoms-causes
https://www.kidney.org/atoz/content/about-chronic-kidney-disease
Advertisement
21 ޖޫން 2025