އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 45 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
"އަޅުގަނޑުމެންގެ ޢިލްމުވެރި ޝައިޚް، ފަހަކަށް އައިސް އަޅުގަނޑަށް އިހުސާސްކުރެވެނީ ރޯދަ ހިފުން ވަރަށް ބުރަކަމެއްގެ ގޮތުގައެވެ. އަސްތަޣްފިރުﷲ، ކުރިން އަޅުގަނޑު މިހެނެއް ނޫނެވެ. އެހެނަސް މިހާރު އަޅުގަނޑަށް ވަރަށް ބޮޑު ބަލިކަމެއް އިހުސާސްކުރެވެއެވެ. އަޅުގަނޑު މިދެންނެވީ ނަފުލު ރޯދައިގެ ވާހަކައެވެ، ރަމަޟާން މަހުގެ ރޯދައެއް ނޫނެވެ. އަޅުގަނޑު އެތައް ފަހަރަކު މަސައްކަތްކޮށްފީމެވެ، އެހެނަސް ކުޑަކުޑަ ސަބަބަކަށްޓަކައި ރޯދަ ދޫކޮށްލަމެވެ. ޙައްލަކީ ކޮބައިތޯއެވެ؟ އަޅުގަނޑަށް ކަންތައް މިކުރެވެނީ ރަނގަޅުތޯއެވެ؟"
ޖަވާބު:ސުބުޙާނަﷲ! މިއީ ގިނަ ބަޔަކު ދައްކާ ވާހަކައެއް ކަމުގައި ވެއްޖެއެވެ. ބައެއް މީހުން ބުނާ ގޮތުގައި، އަޅުގަނޑު ވީހާވެސް ގިނައިން ތަހައްޖުދު ނަމާދު އަދާކުރުމަށް މަސައްކަތްކުރަމެވެ. މި އަޅުކަން ދޫކޮށްލުމަށް ބޭނުމެއް ނުވެއެވެ. އަދި މިކަމަށްޓަކައި އަލާމް ބަހައްޓައި، އަހުލުވެރިންނަށް ހޭލެއްވުމަށް އެދެމެވެ. ނަމަވެސް، ދެތިން ދުވަހަށްވުރެ ގިނަ ދުވަހު މި އާދަ ދެމެހެއްޓުމަށް ދަތިވެ، ބައެއްފަހަރު ތަހައްޖުދު ނަމާދު ދޫކޮށްލެވެއެވެ.
އަދި ހަމައެހެންމެ، ހޯމަ އަދި ބުރާސްފަތި ދުވަހު ސުންނަތް ރޯދަ ހިފުމަށް މަސައްކަތްކުރާ ކަމަށާއި، ވީހާވެސް ގިނައިން ރޯދަ ހިފުމަށް އަޒުމު ކަނޑައަޅައެވެ. މި މަސައްކަތުގައި ރައްޓެހިންނާއި، ރަޙްމަތްތެރިންނާއި އަދި އަހުލުވެރިންގެ އެހީތެރިކަމާއެކު ހިތްވަރު ހޯދައެވެ. އެހެންނަމަވެސް، އެއް ހަފްތާ ނުވަތަ ދެ ހަފްތާއަށް ރޯދަ ހިފުމަށްފަހު، އެ އަޅުކަން ވަގުތީގޮތުން މެދުކަނޑާލެވެއެވެ.
މީގެ އިތުރުން ޞަދަޤާތް ދިނުމުގައި ވަރަށް ކުރިއަރާފައިވާ މީހެއް ކަމަށްވެސް ބުނެއެވެ. ޞަދަޤާތް ދިނުމުގައި އަޖައިބުވެފައިވާ މީހެއް ކަމަށެވެ. އެންމެން އޭނާއާ ބެހޭގޮތުން ވާހަކަ ދައްކާ، އަދި ބައެއް މީހުން ބުނަނީ އަހަރެން ﷲ އަށް ޙަމްދު ކުރަމޭ، ރަށުގައި ވިޔަސް ދަތުރުމަތީގައި ވިޔަސް ވިތުރި ނަމާދު ދޫނުކުރަމޭ. އެކަމަކު ހެނދުނާއި ހަވީރުގެ ޛިކުރުތައް ކުރަން މަސައްކަތް ކުރަމޭ. އެ ޛިކުރުތައް ފަސޭހަ ކަމަށް ވެސް ބުނެއެވެ. އެކަމަކު އެ ޛިކުރުތައް ކުރަން ނުކުޅެދޭ ކަމަށެވެ. އެއްދުވަހު ނުވަތަ ދެދުވަހު ކުރުމަށްފަހު އެ ޛިކުރުތައް ދޫކޮށްލާ ކަމަށެވެ. ސުވާލަކީ މިއީ ޠަބީޢީ ކަމެއްތޯ؟
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 148 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَلِكُلٍّ وِجْهَةٌ هُوَ مُوَلِّيهَا فَٱسْتَبِقُوا۟ ٱلْخَيْرَٰتِ أَيْنَ مَا تَكُونُوا۟ يَأْتِ بِكُمُ ٱللَّهُ جَمِيعًا إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴿١٤٨﴾
މާނައީ: "ކޮންމެ މީހަކަށްމެ (އަޅުކަންކުރުމުގައި) އެމީހަކު ކުރިމަތިލާ ފަރާތެއްވެއެވެ. ފަހެ، ހެޔޮކަންތައްކޮށް އުޅުމުގައި ތިޔަބައިމީހުން އެކަކު އަނެކަކާ ވާދަކޮށް، (އެކަކު އަނެކަކަށްވުރެ) ކުރިއަރައިދާށެވެ! ތިޔަބައިމީހުން ކޮންމެ ތަނެއްގައި ތިބިކަމުގައިވިޔަސް (قيامة ދުވަހުން) اللَّه ތިޔަބައިމީހުން އެންމެން އެއްތާކަށް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (148)"
މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތްފުޅުގެ ތެރެއިން، އެކަލާނގެ އަޅުތަކުންނަށް އެކި އަޅުކަންތަކުގައި ތަފާތު ޤާބިލުކަން ދެއްވައެވެ. މިސާލަކަށް، އެކަކަށް ރޭގަނޑު ނަމާދުކުރުމުގެ ތައުފީޤު ދެއްވާފައި، އަނެއް މީހަކަށް ރޯދަ ހިފުމުގެ ޤާބިލުކަން ދެއްވުން އެކަށީގެންވެއެވެ. މިއީ އިންސާނުންގެ މެދުގައި ހުރި ތަފާތުތަކަށް ރިޢާޔަތްކުރައްވައި، ކޮންމެ މީހަކަށްވެސް އޭނާއަށް އެންމެ އެކަށޭނަ ގޮތަކަށް އަޅުކަން ކުރުމުގެ ފުރުޞަތު ދެއްވުމެވެ.
ސުވަރުގެއަށް ވަނުމަށް އަށް ދޮރާށި ހުރިކަން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. މި ދޮރާށިތަކުގެ ތެރޭގައި ޞަދަޤާތް، ޖިހާދު، ނަމާދު އަދި ރޯދައިގެ ދޮރާށިތައް ހިމެނެއެވެ. މި ދޮރާށިތަކުން ވަނުމުގެ ފުރުޞަތު ލިބޭނީ އެ އަޅުކަންތައް އިޚްލާޞްތެރިކަމާއެކު އަދާކުރާ މީހުންނަށެވެ.
އަހަރެމެން ކޮންމެ މުސްލިމަކުވެސް އިޚްލާޞްތެރިކަމާއެކު އަޅުކަންތައް އަދާކޮށް، ﷲ ގެ ރުއްސެވުން ހޯދައި، ސުވަރުގޭގެ އަށް ދޮރާށިންވެސް ގޮވައިލެވޭ ބައެއްގެ ގޮތުގައި ވުމަށް މަސައްކަތްކުރަންވާނެއެވެ. މާތް ﷲ އަހަރެމެން އެންމެންނަށްވެސް މި ނަސީބު މިންވަރު ކުރައްވާށިއެވެ."
Advertisement
22 ޖޫން 2025