އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 11 ސިކުންތު
ޢަލީ އިޙްޞާން ފިރާޤް
ލޭމައްޗަށް ދިއުމަކީ ލޭގެ ޕްރެޝަރ ހުންނަން ޖެހޭ މިންވަރަށް ވުރެ މައްޗަށް ދިއުމެވެ. ލޭގެ ޕްރެޝަރ ބަލާއިރު މައިގަނޑު ދެބަޔަކަށް ބަލައެވެ. އެއީ ސިސްޓޯލިކް ޕްރެޝަރ (މަތިކޮށް ހުންނަ ބައި) އަދި ޑަޔަސްޓޯލިކް ޕްރެޝަރ (ތިރިކޮށް ހުންނަބައި) އެވެ.
ސިއްހީ މައްސަލައެއް ނެތް މީހެއްގެ ސިސްޓޯލިކް ޕްރެޝަރ (މަތިކޮށް ހުންނަ ބައި) ހުންނަން ވާނީ 120 އަށް ވުރެ ދަށްކޮށެވެ. އަދި ޑަޔަސްޓޯލިކް ޕްރެޝަރ (ތިރިކޮށް ހުންނަބައި) ހުންނަން ވާނީ 80 އަށް ވުރެ ދަށުގައެވެ.
ސިސްޓޯލިކް ޕްރެޝަރ 90 އަށްވުރެ ދަށް ވެއްޖެ ނަމަ ނުވަތަ ޑަޔަސްޓޯލިކް ޕްރެޝަރ 60 ވުރެ ދަށް ވެއްޖެ ނަމަ ކަނޑައެޅޭނީ ލޭގެ ޕްރެޝަރ ދަށްވީކަމުގައެވެ.
ލޭގެ ޕްރެޝަރ ހުންނަންޖެހޭ މިންގަނޑާއި މީހާގެ އުމުރާވެސް ގުޅުމެއްވެއެވެ. މިސާލަކަށް ދަންނަވާނަމަ މީހާގެ އުމުރުން ފަންސާހަށް ދާނަމަ މިދެންނެވި (120/80) ވަރަށް ވުރެ ކުޑަ ތަންކޮޅެއް މަތިކޮށް ޕްރެޝަރ ހުރުން އެއީ މައްސަލައެއްކަމަށް ޑަކްޓަރުން ފާހަގައެއް ނުކުރެއެވެ.
ލޭމައްޗަށް ގޮސްފައި ހުންނަ ގިނަ މީހުންގެ ލޭގެ ޕްރެޝަރު ނުރައްކާތެރި މިންވަރަކަށް މަތިވި ނަމަވެސް އެއްވެސް އަލާމާތެއް ނުފެނި ހުރެދާނެއެވެ. އެއްވެސް އަލާމާތެއް ނުފެނި އަހަރުތަކެއް ވަންދެން ލޭމައްޗަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ލޭމައްޗަށް ގޮސްފައި ހުރިކަން ގިނަފަހަރަށް އެނގެނީ ކޮންމެވެސް ކަމެއްގައި ޑަކްޓަރަށް ދެއްކުމުން ލޭގެ ޕްރެޝަރ ބެލުމާއި ގުޅިގެންނެވެ.
ލޭމައްޗަށް ދާނަމަ މިދަންނަވާ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނޭވާކުރުވުމާއި، ނޭފަތުން ލޭއައުމާއި، ފައިގެ ކުޑަހުޅު ނުވަތަ އަތުގެ އިނގިލިތައް ދުޅަވުމާއި، ބޮލުގައި ރިހުން ފަދަ އަލާމާތްތައް ހިމެނެއެވެ. ނަމަވެސް މިދެންނެވި ގިނަ އަލާމާތައް ފެންނަނީ ލޭގެ ޕްރެޝަރ ނުރައްކާވާ ހިސާބަށް މައްޗަށް ދިޔުމުންނެވެ.
ކޮންމެ އަހަރަކު މަދުވެގެން އެއްފަހަރު ލޭގެ ޕްރެޝަރ ހުރި މިންވަރު ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް އުމުރުން ސާޅީސް އަހަރުން މައްޗަށް ދިޔުމުން ލޭގެ ޕްރެޝަރު ބެލުން ވަރަށް މުހިންމެވެ.
ލޭގެ ޕްރެޝަރ މައްޗަށް ދިޔުމަކީ އެއްކޮށް ރަނގަޅު ކުރެވޭ ބައްޔެއް ނޫނެވެ. ބޭސްދެނީ ޕްރެޝަރ ދަށްކޮށް ބެހެއްޓުމަށެވެ. ބަލި ރަނގަޅުކުރާކަށް ނޫނެވެ. އެހެންކަމުން ޑޮކްޓަރ ގެ ލަފާއެއްނެތި ބޭސް ހުއްޓާ ލައިގެން ނުވާނެއެވެ. ގަވައިދުން ފަރުވާ ހޯދުމާއެކު، ދިރިއުޅުމަށް އެދެވޭ ހެޔޮ ބަދަލުތަކެއް ގެނެސްގެން ލޭމަށްޗަށް ދިޔުން ކޮންޓްރޯލް ކޮށްގެން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެވިދާނެއެވެ.
Advertisement
22 ޖޫން 2025