އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔޭގެ ޙަޔާތް ސިފަކޮށްދެއްވަވާފައިވަނީ ދަތުރުވެރިއަކު ދަތުރުމަތީގައި މަޑުކޮށްލާ މަންޒިލެއްގެ ގޮތުގައެވެ. ވީމާ ތިމާ ބޭނުންކުރާނެ ތަކެތި ހޯދަންވާނީވެސް އެކަމަށް ވިސްނައިގެންނެވެ.
މިޘާލަކަށް ކާރެއް ބޭނުންވާނަމަ ކާރެއް ގަންނާށެވެ. ސައިކަލެއް ގަންނަން ބޭނުންވާނަމަ ސައިކަލެއްވެސް ގަންނާށެވެ. އެކަމަކު ގަންނަންވީ ތިމާ ކުރަން ބޭނުންވާ ކަންކަން ކުރެވޭނެ އެއްޗެކެވެ. އެހެން މީހުން ފަދައިން ވުމަށް އޭނާ ދުއްވާ ފެންވަރުގެ އަގުބޮޑު އެއްޗެއްސެއް ނޫނެވެ. ގެންގުޅޭ ފޯނުފަދަ އެއްޗެތި ގަތުމުގައިވެސް ވިސްނަންއޮތީ ހަމަ މިގޮތަށެވެ.
އަބަދުވެސް އައު އަގުބޮޑު އެއްޗެތި ބާޒާރަށް ނެރޭނެއެވެ. އެއެއްޗެއްސަށް ދަހިވެތިވާ މީހަކަށް އަބަދުވެސް ޖެހޭނީ އެކަމަށް ޚަރަދުކުރާށެވެ! އެއީ ދުވަހަކުވެސް ކޮށް ނިމޭނެ ކަމެއް ނޫނެވެ.
ދެން ބަލައިލަންވީ އެކަންކަމުން ތިމާގެ އާޚިރަތަށް ލިބޭ ގެއްލުމަށެވެ. އަބަދުވެސް ޖެހެނީ ފައިސާ ހޯދަން ބުރަކޮށް މަސައްކަތްކުރާށެވެ! އަޅުކަންކުރާނެ ވަޤުތުވެސް އޮންނަނީ ނުލިބިފައެވެ. ދެވަނަ ކަމަކަށް ކުރިން މިބުނި ފަދައިން އަބަދުވެސް ބޮޑެތި ޚަރަދުތައް ކުރަންޖެހެތީ އޮންނަނީ ޞަދަޤާތް ނުކުރެވިފައެވެ.
ނަތީޖާއަކަށް ވެގެންދަނީ އެމީހަކީ ޢާޚިރަތް މަސައްކަތްކުރާ މީހަކު ކަމުގައި ނުވެވުމެވެ. އެއީ ކޮންމެ މުސްލިމަކަށްވެސް ލިބޭނެ އެންމެ ބޮޑު ދެރައެވެ. ބުއްދިވެރިންނަކީ ދުނިޔޭގެ ޙަޔާތާއިމެދު ވިސްނައި މިއީ ދާއިމަށް ތިބެވޭނެ ތަނެއް ނޫންކަން ޤަބޫލުކޮށްގެން ދަތުރުވެރިއަކު ފަދައިން ދުނިޔޭގައި އުޅުނު މީހެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
22 ޖޫން 2025