އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު
ހައުސް މެއިޑް ކިޔަސް އެހެން ނަމެއް ކިޔައިގެންވެސް ގޭގައި ނޯކަރަކު ގެންގުޅޭނަމަ މަދުވެގެން މަހަކު 7000 ރުފިޔާވަރު ޚަރަދުކުރަން އެބަޖެހެއެވެ. 300 ޑޮލަރު ކަމަށް ބަލައިފިނަމަ މުސާރައަށް އެކަނިވެސް 6000 ރުފިޔާވަރު ޚަރަދުކުރަން އެބަޖެހެއެވެ. ވިސާއާއި އެހެނިހެން އަސާސީ ޚަރަދުތަކަށް 1000 ރުފިޔާވަރު ޚަރަދުކުރަންޖެހެއެވެ. އެއިގެ އިތުރުން ހުންނާނެ ކޮޓަރިއެއް ދޭންޖެހެއެވެ.
ކިތަންމެ ބުރަކޮށް މަސައްކަތްކުރަންޖެހުނަސް އެހައި ތަނަވަސްކަން ނެތި ނޯކަރަކު ގެންގުޅެވޭކަށް ނެތެވެ. ވީމާ މިބުނެދެނީ ނޯކަރަކާއި ނުލައި ގޭގެ މަސައްކަތްތައް ވަރަށް ފަސޭހައިން ކުރެވެން އޮތް ގޮތެކެވެ.
"ޞަޙީޙުލް ބުޚާރީގައި ރިވާވެގެންވެއެވެ. އުޑި އެނބުރުއްވުމުގެ ސަބަބުން ފާޠިމަތުގެފާނުގެ އަތްޕުޅުގައި ހުންނަނީ ފޮޅުލައިފައެވެ. އެކަމުގެ ޝަކުވާ އެކަމަނާ ކުރައްވައެވެ. އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ހަނގުރާމައިގެ އަސީރުންތަކެއް ގެނެވުނެވެ. އެތަނުން އަޅެއް ދެއްވާތޯ ބެއްލެވުމަށްޓަކައި ފާޠިމަތުގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެންނެވިއެވެ.
އޭރު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެކޮޅަކު ނޫޅުއްވައެވެ. އުޅުއްވަނީ ޙުރުމަތްތެރި ދޮންމަންމާފުޅު ޢާއިޝަތުގެފާނެވެ. ފާޠިމަތުގެފާނު އެވާހަކަ ޢާއިޝަތުގެފާނުގެ އަރިހުގައި ދަންނަވާފައި އެނބުރި ވަޑައިގެންނެވިއެވެ. ޢާއިޝަތުގެފާނު އެވާހަކަ މާތް ރަސޫލާ صلّى اللّـه عليه وسلّم ގަނޑުވަރިކޮޅަށް ވަޑައިގަތުމުން އަރިހުގައި ވިދާޅުވެ ދެއްވެވިއެވެ.
އެރޭ ޢަލީގެފާނާއި ފާޠިމަތުގެފާނު އަވަހާރަފުޅު ލައްޕަވަން ތިއްބަވަނިކޮށް މާތް ރަސޫލާ صلّى اللّـه عليه وسلّم ވަޑައިގެންނެވިއެވެ. ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. [ދަރިފުޅު އެދުނު ކަންތަކަށްވުރެ ހެޔޮކަން ބޮޑު ކަމެއް ބައްޕަ ދަރިފުޅަށް އުނގަންނަވައި ދެއްވަން ހެއްޔެވެ؟ ދަރިފުޅު ނިދުމުގެ ކުރީން ﷲ އަކްބަރު ތިރީސް ހަތަރުފަހަރު، ސުބްޙާނަﷲ ތިރީސްތިންފަހަރު، އަލްޙަމްދުﷲ ތިރީސް ތިންފަހަރު ކިޔާށެވެ. އެއީ ޚާދިމަކަށްވުރެ ދަރިފުޅުމެން ދެމީހުންނަށް ރަނގަޅު ކަމެކެވެ.]
{ صحيح البخاري، كتاب فضائل أصحاب النبى صلى الله عليه وسلم، باب مَنَاقِبُ عَلِيِّ بْنِ أَبِي طَالِبٍ الْقُرَشِيِّ الْهَاشِمِيِّ أَبِي الْحَسَنِ رضى الله عنه، ޙަދީޘް 3705}
ޢިލްމްވެރިން ބަޔާންކުރައްވަވާ ގޮތުގައި އެފަދައިން ޛިކުރުކޮށްގެން ނިދައިފިނަމަ އެމީހަކަށް އަނެއްދުވަހު މަސައްކަތްކުރާނެ ހަކަތަ ދެއްވަވާނެތެވެ. ކުރަންޖެހޭ މަސައްކަތްތައް ކުރަން ބުރައަކަށްނުވެ ލުއި ފަސޭހަވެގެންދާނެތެވެ. އިން ޝާ ﷲ. އެހެނީ ނޯކަރަކު ނުގެންގުޅެ އެކަން އެއަށްވުރެ ފައިދާހުރި މަގަކުން ޙާޞިލްކުރެވޭނީ އެގޮތުން ކަމުގައިވާތީއެވެ.
މިކަމަށް ހޭދަވާނީ އެންމެ މިނިޓެއްހައިއިރެވެ. ވީމާ ކޮންމެރެއަކުވެސް މިކަން ކޮށްލަން އާދަކުރަމާ ހެއްޔެވެ؟ ނޯކަރަކާއި ނުލައި މަސައްކަތްކުރެވޭނެ މަގު ފަހިވީއެވެ. އިން ޝާ ﷲ
Advertisement
22 ޖޫން 2025