އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 23 ސިކުންތު
އަޅުގަނޑަކީ ޒުވާނެކެވެ. ދީނުގެ ކަންކަމަށް ފަރުވާ ބަހައްޓަން ވަރަށް ބޮޑަށް މަސައްކަތްކުރަމެވެ. ލޯބިވެރިއަކު ހުރެއެވެ. ނަމަވެސް އޭނާ ބަހައްޓަނީ އޭނާގެ މަޤާމުގައެވެ. އެކަހެރިކޮށް ބައްދަލެއް ނުކުރަމެވެ. ބައްދަލުކުރަނީ ޢާއިލާގެ މީހުންނާއިއެކުގައެވެ. އެކަން ކަމުނުގޮސްގެން އޭނާ ބުނަނީ އެކަހެރިކޮށް ބައްދަލުނުކުރާނަމަ ވަކިވާނެ ކަމަށެވެ.
އޭނާ ދެކެ ވަރަށް ލޯބިވަމެވެ. އެކަމަކު ދީން ހުއްދަ ނުކުރާ ކަމެއް ކުރަން ބިރުގަނެއެވެ. މިޙާލަތުގައި ޢަމަލުކުރަން އޮތް ގޮތަކީ ކޮބައިތޯ؟
ޖަވާބަކަށް ދިއުމުގެ ކުރިން ދާދިފަހުން ހިނގައިދިއަ ކަމެއްގެ ވާހަކަ ބުނެލާނަމެވެ! ދެމީހަކު ލޯބިވީއެވެ. އެކަހެރިކޮށް ބައްދަލުވެސްކޮށް އުޅުނެވެ. ކައިވެނީގެ ރަސްމިއްޔާތަށް ތައްޔާރުވާން ފެށިތަނާ އަނހެންކުއްޖާގެ ޢާއިލާގެ ފިހާރައަކުން ފިރިހެން މީހާއަށް ވަޒީފާއެއް ދިންތާ ހަފްތާއެއްވެސް ނުވަނީސް އެތަނުން އޭނާ ކުރީ ވައްކަމެވެ.
އެކަން ފަޅާއެރުމުން ކައިވެނިކުރުން ހުއްޓައިލިކަން އަންހެންކުއްޖާ އޭނާއަށް އެންގުމުން ޢާއިލާގެ އެންމެންނަށް ފެންނާނެ ގޮތަށް އޭނާ ސޯޝަލްމީޑިއާގައި ހާމަކުރީ އަންހެންކުއްޖާ އާއި އޭނާޢާއިދެމެދުގައި ބޭއްވި ގުޅުމުގެ ފޮޓޯތަކެވެ. އޭނާގެ ކަނޑައިލާފައެވެ. އަންހެންކުއްޖާގެ ބަރަހަނާ ފެންނާނެ ގޮތަށެވެ.
ޢާންމުކޮށް އެންމެންނަ ފެންނާނެގޮތް ހެދުމުގެ ކުރިން އޭނާ ހުއްޓުވަންޖެހުނީ ޢާއިލާގެ މީހަކު ނުކުމެ އޭނާއާއި ކުރިމަތިލައި އޭނާ ސައިޒުކޮށްގެންނެވެ.
ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބަކަށް ބުނެލަން އޮތީ ދީނުގައި ވަކި ގޮތަކަށް ބަޔާންވެގެންވާ ކަންކަމުގައި މިޙާލަތެއް އެޙާލަތެއް ނުއޮންނާނެއެވެ! އޮންނާނީ ދީނުގައި ޢަމަލުކުރަން އޮތް ގޮތެވެ.
ތިރީގައިވާ ލިޔުމުން ތިފަދަ މައްސަލަތަކަށް ވަރަށް ރަނގަޅު ޖަވާބެއް ކަމަށް ދެކެމެވެ. ލިޔުން ވިދާޅުވެލައްވާއިރު މިހާމަކުރި ހާދިސާގެ މަތިން ހަނދުމަކުރައްވަމުން ވިދާޅުވެލައްވާށެވެ!
ފުރަތަމަ ވެސް ސުވާލެއް ކޮށްލާނަމެވެ. އެ ސުވާލަކީ އަންހެނުން "އެކްސްޕޯޒްކުރަން" ގިނަ ބައަކު މަސައްކަތްކުރާއިރު އެކަންވުމުން އެއްވެސް އަނހެނަކަށް ލިބޭ ގެއްލުމުގެ އެއްވެސް ޒިންމާއެއް އެއިން އެއްވެސް މީހަކު ނަގާހެއްޔެވެ؟ ނަގާނަމަ އެފަދަ ކަމެއްގެ ސަބަބުން ނިކަމެތި ޙާލެއްގައި ޖެހިގެން، ނުވަތަ ހިތްދަތިވެގެން އުޅެން އެއްވެސް އަނހެނަކަށް ޖެހެންވީ ކީއްވެގެން ހެއްޔެވެ؟
މިއަދު ސޯޝަލްމީޑިއާއަކީ މުޢާމަލާތުކުރަން އެންމެންވެސް ބޭނުންކުރާ އެންމެ ޢާންމު ވަސީލަތެވެ. ވީމ އެއިގެ ބޭނުން ނުހިފާކަށް ނުބުނަމެވެ. ބޭނުންހިފަންވީއެވެ. ނަމަވެސް ހިލޭ އަންހެނަކާއި ފިރިހެނަކު ވާހަކަދައްކާނަމަ އަންހެން މީހާގެ ފަރާތުން ޢާއިލާގެ އިތުރު މީހަކު ލައިގެން ގްރޫޕެއްހަދައި ގްރޫޕުގައި ވާހަކަދައްކާށެވެ.
އެއީ އެއްވެސް ޙާލެއްގައި އަންހެނަކަށްވީތީ މިނިވަންކަން ނުދޭކަށް ނޫނެވެ. އަންހެނާގެ ޙައްޤުތައް ހމާޔަތްކުރެވޭކަން ކަށަވަރުކޮށްގެން މިނިވަންކަންދޭށެވެ.
މިހާރަކަށް އައިސް އަންހެނުންނަށް އެންމެ ބޮޑަށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި އެކަނބަލުންގެ އެކިފެންވަރުގެ ފޮޓޯތައް ފިރިހެނުންނާއި ހިއްޞާކުރެވޭކަން އެބަހިމެނެއެވެ. އެފަދަ ފޮޓޯތައް ފޮނުވިފައި ހުންނަނީ ފިރިހެނުން ވަރަށް ގިނަފަހަރު އެކަމަށް އެދުމުންނެވެ. އެދޭވަރުން ނުފޮނުވައިފިނަމަ ލޯބި ގެއްލިދާނެ ކަމުގެ ބިރު ހިތަށްވަދެގެންނެވެ.
ވީމާ އަންހެން މީހާގެ ފަރާތުން އޭނާގެ ޙައްޤުތައް ޙިމާޔަތްކޮށްދޭނެ މީހަކު ގްރޫޕުގައި އިންނަނަމަ އެފަދަ އެފަދަ ފޮޓޯތަކަށް އެދޭކަށްވެސް ނުކެރެނެއެވެ. ފާހިޝް ޢަމަލުތައް ކުރުމުގެ ވާހަކަތައް ދައްކާކަށްވެސް ނުކެރޭނެއެވެ. 3 ވަނަ މީހާއަށް އެނގޭނެތީ ބިރުގަންނާނެއެވެ.
ދެމީހުންގެ ވެސް ނިޔަތަކީ ކައިވެނިކުރުންކަމުގައިވާނަމަ ސިއްރުން ކުރަންޖެހޭ ކަންކަމެއް އަދި ސިއްރުން ދައްކަންޖެހޭނެ ވާހަކަތަކެއްވެސް ނުހުންނާނެއެވެ. މަޝްވަރާކުރަންވީ ދެމީހުންގެ ދިރިއުޅުން ކުރިއަށްގެންދާނެ ގޮތަކާއިބެހޭގޮތުންނެވެ. އެކުގައި ދިރިއުޅޭއިރު ތިމާ ބޭނުންވާނެ ކަންކަމާއިބެހޭ ގޮތުންނެވެ. އުފަލުގައި ދިރިއުޅެވޭނެ ގޮތްތަކާއިބެހޭގޮތުންނެވެ.
މިއިން ކޮންމެ ކަމަކީ ދެމީހުންގެ ޢާއިލާއަށްވެސް އެނގުން ރަނގަޅުކަންކަމެވެ. އެކަންކަން އިތުރަށް ދަސްކޮށްދީ ކައިވެންޏަށްފަހު އުފާވެރި ދިރިއުޅެއް އުޅެން ކުރަންވީކަންކަން ދަސްކޮށްދެވޭނީ އެއިރުންނެވެ.
ކައިވެނިކުރަން ބޭނުންވާ ދެމީހަކު ބައްދަލުކުރުމާއި ވާހަކަދެއްކުން އިސްލާމްދީން މަނައެއް ނުކުރެއެވެ. ހަމައެކަނި ޝަރުޠަކީ ދެމީހުން އެކަނި ބައްދަލުނުކުރުމެވެ. 3 ވަނަ މީހަކު ބައިވެރިކުރުމެވެ. އިސްލާމް ދީނުގައި އޮތީ ކައިވެނީގެ ކަންކަމަށް މަގުފަހިކޮށްދިނުމެވެ. ނަމަވެސް ދީނުގައި ބަޔާންވެގެންވާ އިންތަކުގެ ތެރެއިންނެވެ.
ހުރިހާ ކަންކަން ގޯހުން ގޯހަށް ބަދަލުވަމުން މިދަނީ "މީޓްކުރުމުގެ" ބަދަލުގައި "ޑޭޓްކުރެވޭތީ"އެވެ. އެއީ އިސްލާމް ދީނުގައި ހުއްދަކަމެއް ނޫނެވެ. ޙަރާމްކަމެކެވެ.
--މުފްތީ މެންކްގެ ދަރުސަކުން
Advertisement
23 ޖޫން 2025