އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު
ކައުންސިލަރުންނަށް ޚާއްސަކޮށްގެން ހިންގާ ޚަތީބުކަމުގެ ކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު ޖުލައި 3 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.
މި ޕްރޮގްރާމަކީ 15 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށާއި، މީގެ ފުރަތަމަ ބުރުގައި 50 ކައުންސިލަރުންނަށް ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ. މި ކޯހަށް ބައިވެރިން ހޮވުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ ކީރިތި ޤުރުއާން ފަރިތަކޮށް ކިޔެވުމުގެ ފެންވަރާއި، ދިވެހި ބަހާއި ޢަރަބި ބަހުގެ ކިޔެވުމުގެ ފަރިތަކަމަށެވެ.
ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޖުލައި 3 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ. މީގެ ތެރޭގައި ސީވީ، އައިޑީ ކާޑުގެ ކޮޕީ، އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓް އަދި މިހާރު ވަޒީފާ އަދާކުރަމުންދާކަން އަންގައިދޭ ލިޔުން ހިމެނެއެވެ.
މި ޕްރޮގްރާމަކީ ރަށްރަށުގެ ކައުންސިލަރުންގެ ދީނީ ޢިލްމީ ފެންވަރު މަތިކޮށް، ރަށްރަށުގައި ދީނީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ބާރެއް ލިބިގެންދާނެ މުހިންމު ޕްރޮގްރާމެއް ކަމަށް ބެލެވެއެވެ.
Advertisement
25 ޖޫން 2025