އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 49 ސިކުންތު
އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ އެހީތެރިކަން ލިބޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ލިބުނު ފަޚުރެއް ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި މި ބޭންކާއެކު ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމަށް އުއްމީދުކުރައްވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ބެއިޖިންގގައި ކުރިއަށްދާ އޭ.އައި.އައި.ބީ ގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން "ބިލްޑިންގ އޮން އަ ޑެކޭޑް އޮފް އިމްޕެކްޓް" މި މައުޟޫއަށް ބިޒްނަސް ރައުންޑްޓޭބަލްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވި ގޮތުގައި، ފާއިތުވި 10 އަހަރުގެ ތެރޭގައި އޭ.އައި.އައި.ބީ ވަނީ ބައިނަލްއަގްވާމީ ތަރައްގީގެ މައިދާނުގައި ހަރަކާތްތެރި އަދި އިތުބާރު ހުރި މުއައްސަސާއެއްގެ ގޮތުގައި ކުރިއަރާފައެވެ. އެގޮތުން، ދުނިޔޭގެ އާބާދީގެ 81 އިންސައްތައަށް ވުރެ ގިނަ މީހުންނާއި ދުނިޔޭގެ ޖީ.ޑީ.ޕީ ގެ 65 އިންސައްތަ މިހާރު ހިމެނޭ މެންބަރޝިޕަކާއެކު، ބޭންކުން ވަނީ ފައިނޭންޝިއަލް ޑިސިޕްލިން، ސްޓްރެޓީޖިކް ގުޅުންތައް، އަދި އެ ބޭންކުގެ މިޝަންގެ މައްޗަށް ބިނާކޮށް ވަރުގަދަ ބިންގަލެއް އަޅާފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ކާމިޔާބީތަކަކީ، ވަޒީރު ވިދާޅުވި ގޮތުގައި، ބަދަލުވަމުންދާ ދުނިޔެއާ ގުޅިގެން މަސައްކަތް ކުރުމާއި، އުފެދެމުން އަންނަ ގޮންޖެހުންތަކަށް އިޖާބަދިނުމާއި، ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެކަން ދައްކުވައިދޭ ކަންކަމެވެ.
ދުނިޔޭގެ އިގްތިސާދީ ކުރިއެރުމާއި، އިންފްރާސްޓްރަކްޗަރަށް އޮންނަ ބޭނުން އިތުރުވަމުންދާތީ، މި ދުވަސްވަރަށް ގިނަ ފަހަރު ކިޔަނީ "އޭޝިއާ ސެންޗަރީ" ނުވަތަ "އޭޝިއާގެ ގަރުނު"ކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭ.އައި.އައި.ބީ އިން މި ވަގުތުގެ ބޭނުން ހިފައިފައިވަނީ ދުރުވިސްނުމަކާއެކު ސްޓްރެޓީޖިކް ގޮތަކަށް ކަމަށާއި، އެގޮތުން އިންފްރާސްޓްރަކްޗަރ އާއި އިންވެސްޓްމަންޓްގެ ބޭނުންކޮށްގެން ގުޅުންތައް ބަދަހިކޮށް، ގުޅިގެން މަސައްކަތްކޮށް، ހިއްސާކުރެވޭ ފުދުންތެރިކަން ހާސިލުކުރުމަށް އެ ބޭންކުން މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިގްތިސާދީ ގޮންޖެހުންތަކާއި، ބަދަލުވަމުންދާ ވިޔަފާރީގެ ގުޅުންތަކާއި، ހިމާޔަތްކުރުމުގެ ސިޔާސަތުތައް އިތުރުވަމުންދާ މިފަދަ ހާލަތެއްގައި ވެސް، ބޭންކުން ވަނީ މަލްޓިލޭޓަރަލިޒަމަށް އޮންނަ އަޒުމުގައި ސާބިތުކަން ދަމަހައްޓާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން އޭ.އައި.އައި.ބީ އިން ގާއިމުކުރި 20 ބިލިއަން އެމެރިކާ ޑޮލަރުގެ ކޮވިޑް-19 ކްރައިސިސް ރިކަވަރީ ފެސިލިޓީ ވަނީ ގޮންޖެހުން ބޮޑު ދުވަސްވަރެއްގައި އެ ބޭންކުގެ މެންބަރު ގައުމުތަކަށް އެހީތެރިވުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ، ތަރައްގީވަމުން އަންނަ އެހެން ގިނަ ކުދި ޖަޒީރާ ގައުމުތަކެކޭ އެއްފަދައިން، މޫސުމަށް އަންނަ ބަދަލުތަކުގެ ދުރު ރާސްތާގެ ނޭދެވޭ އަސަރުތަކަށް ވަރަށް ބޮޑަށް ހުށަހެޅިފައިވާ ގައުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، 2028 ވަނަ އަހަރާ ހަމައަށް ހަކަތައިގެ ބޭނުންތަކުގެ 33 އިންސައްތަ އިއާދަ ކުރެވޭ ހަކަތައިން ފުއްދުމަށް ބޮޑު އަމާޒެއް ކަނޑައަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގައި ކުރިއަށްދާ ވޭސްޓް-ޓު-އެނަރޖީ ޕްރޮޖެކްޓްގައި އޭ.އައި.އައި.ބީ އިން ބައިވެރިވެފައިވާ ކަމަށާއި، ޖުމްލަ 140 މިލިއަން އެމެރިކާ ޑޮލަރުގެ މި ޕްރޮޖެކްޓަށް އޭ.އައި.އައި.ބީ އިން 40 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ދިނުމަކީ، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރަހުމަތްތެރި އިންފްރާސްޓްރަކްޗަރ ހައްލުތަކަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާތަނަށް 60 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާ އިންވެސްޓްކޮށްފައިވާއިރު، އޭ.އައި.އައި.ބީ ގެ އެހީތެރިކަން ލިބޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ލިބުނު ފަޚުރެއް ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި މި ބޭންކާއެކު ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމަށް ދިވެހިރާއްޖެއިން އުއްމީދުކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖެ ހިމެނޭ ގޮތަށް މެންބަރު ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރުމަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، ބޭންކުގެ ފަންނީ ގާބިލުކަން އިތުރުކުރުމާއި، މަޝްރޫޢުތައް ފެށޭ މަރުހަލާގައި ބައިވެރިވުން އިތުރުކުރުމަކީ މިފަދަ ދައުރެއް އަދާކުރުމަށް ބޭންކުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުކޮށްދޭނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއިން އޭ.އައި.އައި.ބީ އާއެކު މި ދަތުރުގައި ބައިވެރިވުމަކީ ފަޚުރެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ހަރުދަނާ ގުޅުމަކަށް އުއްމީދު ކުރައްވާ ކަމަށެވެ. އެގޮތުން، އެއީ އިތުރަށް ގުޅުންތައް ބަދަހިކޮށް، ހިއްސާކުރެވޭ ތަރައްގީއާއި، ދެފަރާތަށް ވެސް ފައިދާކުރަނިވި ކާމިޔާބީތަކުގެ ފުރުސަތުތައް ފަހިވެފައިވާ މަގެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ހަބަރު: ސަރުކާރު
Advertisement
25 ޖޫން 2025