އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިއެރުން ހޯދައިދޭ އަނބިންގެ އަގުވަޒަންނުކުރުމަކީ ބަނގުރޫޓުވެ އިނދަޖެހޭ ސަބަބެއް!

ކުރިއެރުން ހޯދައިދޭ އަނބިންގެ އަގުވަޒަންނުކުރުމަކީ ބަނގުރޫޓުވެ އިނދަޖެހޭ ސަބަބެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި ހެޔޮލަފާ އަންތބަކު ހުންނާނެ ކަމަށް ބުނެވެނީ އެކަން އެގޮތަށް ވަރަށް ގިނައިން ދިމާވާތީއެވެ. އެކަން ޤަބޫލުކޮށް ތިމާއަށް ކުރިއެރުން ހޯދައިދިން އަނބިމީހާގެ އަގުވަޒަންކޮށް ހެޔޮކޮށް ހިތައިގެން އެކުގައި އުޅޭ ފިރިންވެސް މަދެއް ނޫނެވެ. އެހެންކަމާއިއެކުވެސް އެފަދަ ރަނގަޅު އަނބިންގެ އަގު ވަޒަންނުކުރާ ބައަކުވެސް އުޅެއެވެ. އެއީވެސް މަދުބައަކު ކަމަށް ބުނެވޭކަށްވެސް ނެތެވެ.  

މިއަނބިމީހާގެ އިޙްޞާޞްތަކަށް ވިސްނަވައިލައްވާށެވެ!  

އަޅުގަނޑުމެންގެ ކައިވެނިކުރެވުނުއިރު ފިރިމީހާ ކޮންމެ ހަފްތާއަކުހެން ކޯޓަށް ގެންދެއެވެ. އެއީ ދަރަނި ނުދައްކާތީއެވެ. ދުވާލަކު 2، 3 މީހުން އޭނާ ހޯދަން ގެއަށްވެސް އާދެއެވެ. ހަމަ ފައިސާގެ މައްސަލަތަކުގައެވެ. އަބަދު ހުންނަން ޖެހުނީ އެކަމާހުރެ ބޯގޮވައިފައެވެ.  

އޭނާދެކެ ލޯބިވެވުނު ވަރުން އެކި ގޮތްގޮތުން އޭނާއަށް އެހީތެރިވެދިނީމެވެ. ދަރަނިތައް އަދާކުރަން ޢާއިލާގެ މީހުން އަތުން ފައިސާވެސް ހޯދައިދިނީމެވެ. އެއިގެ އިތުރުން ވިޔަފާރިކުރާނެ ފައިސާވެސް ހޯދައިދިނީމެވެ. 2 ފިހާރައިގެ ހިސާބުތައް ބަލަހައްޓައިދީ އެހީތެރިވީމެވެ.  

މިވީ 6 އަކަ އަހަރެވެ. މިހާރު އޭނާއަކީ ތަނަވަސް މީހެކެވެ. ދަރަނިތަކުން ސަލާމަތްވެވި ތަނަވަސްކަން ލިބުމުން މިހާރު ޒުވާން ކުއްޖަކާ 2 އަންތބަށް ކައިވެނިކޮށްފިއެވެ. ކައިވެނީގެ ކުރިން 2 އަހަރު ބެހެއްޓީ ވަރަށް ދުރުކޮށްފައެވެ. މިހާރު އަޅުގަނޑަކީ އޭނާގެ ކުރިމަތީގައި އެއްވެސް މީހެއް ނޫނެވެ. ކާންބޯންދެއެވެ. އެހެން އެއްވެސް ގުޅުމެއް ނުބާއްވައެވެ.  

އަޅުގަނޑުގެ މިހާރުގެ ޢުމުރަނީ 33 އަހަރެވެ. ވީމާ ޢުމުރުން ދެން އޮތް ދުވަސްތައް މިޙާލުގައި ހޭދަކުރާކަށް އަމިއްލަ ޒަމީރު ޤަބޫލެއް ނުކުރެއެވެ. ހުރީ އެންމެ ކުއްޖެކެވެ. ﷲ އިރާދަކުރެއްވިއްޔާ އެކުއްޖާވެސް ބެލޭނެއެވެ. އަޅުގަނޑުގެ ސުވާލަކީ މިޙާލަތުގައި އޮތީ ކެތްކުރުންތޯއެވެ؟ ކެތްކުރަން ވެއްޖެނަމަ ހުރިހާ ގޮތަކުން ވެސް އަޅުގަނޑުގެ ދުވަސް ހިނގައިދާނެއެވެ. ވީމާ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟ 

ކިޔުންތެރިޔާގެ މައްސަލަ 2 ފަރާތަކަށް ޙިއްޞާކުރުމުންވެސް ދިން ލަފައަކީ ތިއަފަދަ ފިރިއަކު އިޞްލާޙް ވުމަކީ ނާދިރުކަމެއް ކަމަށާއި ނަމަވެސް އިޞްލާޙްވާން މުއްދަތެއް ދިނުން ރަނގަޅު ކަމަށެވެ. އެމުއްދަތުގައި އެދެވޭ ބަދަލެއް ނުފެނިއްޖެނަމަ ވަކިވެ އަލުން ދިރިއުޅުމެއް ފެށުން ބުއްދިވެރިކަމަށެވެ. އަދި ފުރަތަމަ ކަމަކަށް އިސްތިޚާރާ ކުރަންވާނެ ކަމަށެވެ. ޢުމުރުން ދެން އޮތްބައިގައި އުފާވެރި ޙަޔާތެއް ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެ ކަމަށެވެ.  

މިއީ މީގެ 3 އަހަރުކުރިން ކިޔުންތެރިއަކު ކުރި ސުވާލަކާއި ދެވުނު ޖަވާބެވެ. މި ސުވާލު މިނެގީ މިކަން މިހާރު އޮތްގޮތް މިއަދުނޫހަށް އެނގޭތީއެވެ. މިފިރިމީހާގެ މިހާރުގެ ޙާލަތު ހާމަކޮށްލުމުގެ ބޭނުމުގައެވެ. 

އަމިއްލަ 2 ފިހާރަވެސް ވިއްކާލައި މިހާރު ކުރާ މަސައްކަތަކީ ރަޢްޓެއްސަކު އޭނާގެ ފިހާރަތަކަށް އެތެރެކުރާ މުދައު ކަސްޓަމުން ކްލިއަރކުރުމުގެ މަސައްކަތެވެ. އޭނާގެ މުވައްޒިފެއްގެ ގޮތުގައެވެ.  

އެއަނބިމީހާއަކީ މިހާރު ރިޒޯޓެއް ހިންގާ މީހެއްގެ އަންތބެކެވެ. ދިރިއުޅެމުން އަންނަނީ ވަރަށް ލޯބިންނެވެ.  

މިހުންނަނީ ޢިބްރަތް ޙާޞިލުކުރުން ފައިދާކުރާނެ އަގުހުރި ފިލާވަޅުތަކެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް