އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު
ޢާއިލާއެކުގައި ދަތުރުދިއުމާއި ރެސްޓޯރަންޓްތަކަށް ގޮސް ކައި ހެދުމަކީ ގުޅުން ބަދަހިވާ ކަމެކެވެ. ޕާކްތަކަށް ގޮސް ވަޤުތު ހޭދަކޮށް ކުޅިވަރުކުޅުމަކީ ލޯބި އިތުރުވެ ގުޅުން ބަދަހިވާ ކަމެކެވެ. ދައްކަން މިއުޅެނީ އެހުރިހާ ކަމަކަށްވުރެވެސް ފައިދާކުރާނެ، އަދި ކިތަންމެ ފަޤީރު ނަމަވެސް އެކަމެއް ކުރުން މާމުހިންމު ކަމެއްގެ ވާހަކައެވެ.
ދިރިއުޅެންކުރާ މަސައްކަތުގައިވެސް އެންމެ ބާރަށް ކުރިއަރައިދަނީ އަދި އެންމެ ބޮޑަށް ކާމިޔާބުކުރެވެނީ ޢާއިލާގެ ގިނަ ބައަކު ގުޅިގެން އެކުގައި މަސައްކަތްކުރުމުންނެވެ. އަޅުކަންކުރުމުގައިވެސް ޢާއިލާގެ އެންމެން ބައިވެރިވެގެން، ޚާއްޞަކޮށް ފިރިންނާއި އަނބިދަރިން ބައިވެރިވެގެން ކުރުމަކީ އިސްލާމް ދީން ވަރަށް ބޮޑަށް ބާރުއަޅާކަމެކެވެ.
މިސްކިތުގެ ޖަމާއަތުގައި ފަރުޟު ނަމާދުތައް ކުރިނަމަވެސް ސުންނަތް ނަމާދުތައް ކުރުން އެންމެ ރަނގަޅީ ގޭގައިކަމަށް ޙަދީޘްފުޅުގައި އޮތީ އެސަބަބަށްޓަކައެވެ. ޚާއްޞަކޮށް ރޭގަނޑުގެ ފަހު ދަންފަޅީގައި ޢާއިލާ އާއިއެކު ސުންނަތް ނަމާދު ކުރުމަކީ ވަރަށް މަތިވެރި ހެޔޮ އަމަލެކެވެ. ވީމާ ވަގުތު އޮތް ވަރަކުން ޢާއިލާ އާއިއެކުގައި ސުންނަތް ނަމާދުތައް ކުރާށެވެ.
ދުޢާ އިޖާބަ ކުރުން އެންމެ ގާތް ވަގުތަކީވެސް ރޭގަނޑުގެ ފަހު ދަންފަޅިއެވެ. ސުންނަތުގައި އޮތީ އަނބިން ދަރިން ހޭލައްވާށެވެ. އަދި އެކަމުގައި އަނބިން އިސްނެގުމަކީ އެކަމުގެ ޘަވާބު އެމީހަކަށް ލިބިގެންދާނެވެސް ކަމެކެވެ. ޢާއިލާއެކުގައި ސުންނަތް ނަމާދުތައް ކުރުމަށްފަހު ޚާއްޞަކޮށް ދަމުނަމާދުކުރުމަށްފަހު ގިނަ ގިނައިން ހެޔޮ ދުޢާކުރާށެވެ. އެކަމުގެ ފައިދާ މުޅި ޢާއިލާއަށް ލިބިގެންދާނެއެވެ. އަދި އެއިރުން ދަރިންނަށްވެސް އެކަން ދަސްވާނެއެވެ. މައިން ބަފައިން އެކަމަށް ދިން ސަމާލުކަން ދަރިންނަށް އެނގުމަކީ އެކުދިންވެސް އެކަމަށް އިތުރަށް ޝައުޤްވެރިވާނެ ކަމެކެވެ.
ފިރިން އަނބިންނަކީ ޞާލިޙް އަޅުން ކަމުގައި ލައްވަވާތޯ ދުޢާކުރާށެވެ. އަނބިން ފިރިންނަކީ ވެސް ޞާލިޙް އަޅުން ކަމުގައި ލައްވަވާތޯ ދުޢާކުރާށެވެ. ދަރިންނަށްޓަކައިވެސް ހެޔޮދުޢާކުރާށެވެ. ދަރިން ލައްވައިވެސް ދުޢާކުރުވާށެވެ! ރަނގަޅު ތައުލީމާއި ތަރުބިއްޔަތާއި ތަޤްވާވެރިކަން އަދި އިސްލާމް ދީނުގައި ސާބިތު ކުރެއްވެވުން އެދި ދުޢާކުރަން ހިތްވަރުދޭށެވެ. ދަރިން ބައިވެރިކޮށްގެންވެސް ދުޢާކުރުން ގިނަކުރާށެވެ.
އިންޝާ ﷲ ހެޔޮބަދަލުތައް ދާދިއަވަހަށް ފެންނަން ފަށާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
28 ޖޫން 2025