އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރަހަން ކިތަންމެ މޮޅުނަމަވެސް މައްރަޒަކަށްވިޔަސް ސޫރަ ކުރަހައިގެން ނުވާނެ ސަބަބުތައް!

ކުރަހަން ކިތަންމެ މޮޅުނަމަވެސް މައްރަޒަކަށްވިޔަސް ސޫރަ ކުރަހައިގެން ނުވާނެ ސަބަބުތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 16 މިނެޓް, 36 ސިކުންތު

މަޝްހޫރު މީސްމީހުންގެ ސޫރަ ވަރަށް ބޮޑުކޮށް ކުރަހާފައި ހުއްޓައި ބައެއް މަޢްރަޟްތަކުން ފެނެއެވެ. އެއީ ހުއްދަކަމެއްތޯއެވެ؟  

ކިޔުންތެރިޔާގެ ސުވާލަށް ދޭން އޮތް ޖަވާބަކީ މަޢްރަޒެއްގައި ބައިވެރިކުރަން ކުރިނަމަވެސް ޙަރާމް ކަމެއްގެ ޙުކުމަށް ބަދަލެއް ނުއަންނާނެއެވެ. ޙަރާމްކަމެއް ކޮށްފިނަމަ ވާނީ ޙަރާމްކަމެއް ކުރި ކަމަށެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ.  

އިންސާނުންގެ ސިފައިގައި ރޮބޮޓް ހެދުންވެސް ހިމެނިގެންދާނީ ތަޞްވީރު ކުރެހުމުގެ ތެރެއަށެވެ. ޚުލާޞާ އަކީ އިންސާނެއްގެ ޞޫރާގައި ރޮބެޓެއް ހަދައިފިނަމަ، ނުވަތަ އެނޫންވެސް ފުރާނަ އެޅުއްވި އެއްޗަކާއި އެއްގޮތަށް ހަދައިފިނަމަ، އެކަންވާނީ ޙަރާމް ކަމަކަށެވެ. ޞޫރަ ކުރަހާ އަދި ހަދައި މީހުންނާއި މެދު މާތް ﷲ ގެ ވަޢީދުގެ ބަސްފުޅު އައިސްފައިވެއެވެ. އެބައިމީހުންނަށް ގިޔާމަތް ދުވަހުން ބުނެވޭނެއެވެ. ތިޔަބައިމީހުން ހެދި ތަކެތި ދިރުވާށެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. 

(أشد الناس عذابا يوم القيامة المصورون) ރަވާހުލް ބުޚާރީ ވަމުސްލިމް.  

މާނައަކީ: "ގިޔާމަތް ދުވަހުން އެންމެ ގަދަފަދަ ޢަޛާބު ލިބޭ ހުށީ ޞޫރަ ކުރަހާ ޞޫރަ ހަދާ މީހުންނަށެވެ." 

ޞޫރަ ކުރެހުމުގެ މައްސަލާގައި ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖްލިހުން ކުރައްވާފައިވާ ދިރާސާ ތިރީގައި މިވަނީއެވެ. 

އަޅުގަޑުމެންގެ މުޖްތަމަޢުގައި ޚިޔާލު ތަފާތުވުން އެންމެ ބޮޑަށް އުފެދިފައިވާ އެއް މައްސަލަ އަކީ ޞޫރަ ކުރެހުމުގެ މައްސަލަ އެވެ. އަޅުގަޑުމެންގެ ކިޔަވާ ކުދިންގެ ތެރެއިން ސައިންސް ސްޓްރީމް ގައި ކިޔަވާ ކުދިން ވަރަށް ގިނަ ފަހަރަށް ޞޫރަ ކުރަހަން ޖެހެއެވެ. ކުޑަކުދިންނަށް ކިޔަވައިދެއްވާ ބޭފުޅުން އެކުދިންނަށް އުނގަންނައި ދިނުމަށް ޓަކައި ބައެއް ކަހަލަ ޞޫރަ ކުރަހަން ޖެހެއެވެ. އެގޮތުން މިލިޔުމުގައި މިއަލިއަޅުވާލަނީ ސޫރަކުރެހުމާ ބެހޭގޮތުންނެވެ. ފޮޓޯނެގުންފަދަ މިމައްސަލަޔާ ގުޅުންހުރިބައިތަކަކަށް އެހެން ފުރުސަތެއްގައި އަލިއަޅުވާލާނަމެވެ. إن شاء الله 

ޞޫރަ ކުރެހުމަކީ ޙަރާމް ކަމެއް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އަނެއްބައި ޢިލްމުވެރިން ވަކި ޙުދޫދެއްގެ ތެރޭގައި އެކަން ހުއްދަ ކުރައްވައެވެ. އަނެއްބައި ޢިލްމުވެރިން ޞޫރަ މާނަ ކުރައްވަނީ ބުދު ހެދުމުގެ މާނާގައެވެ. ނަތީޖާ އެއްގެ ގޮތުން ގިނަ ރަޢްޔިތުން ތަކެއް ވަނީ މައްސަލާގައި ރަގަޅު ގޮތަކީ ކޮބައިކަން ދެނެގަންނަން އުނދަގޫ ހިސާބަކަށް ގޮސްފައެވެ. 

އެހެންކަމުން މި މައްސަލާގައި އިސްލާމީ ޝަރީޢަތުގައި ކަން އޮތް ގޮތް ބަޔާން ކޮށް ދިނުމަކީ ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމުގައި ދެކި އެކަން ކުރެވޭތޯ ބަލައިލާނަމެވެ.

وما توفيقنا إلا بالله عليه توكلنا وإليه ننيب. 

އަތުން ކުރަހާ ކުރެހުން ޢިލްމުވެރިން ދެބަޔަކަށް ބައްސަވައެވެ. އެއީ: 

ފުރާނަ އަޅުއްވާފައިވާ ތަކެތީގެ ޞޫރަ، (މިޘާލަކަށް އިންސާނުންނާއި ޖަނަވާރުންނާއި ދޫނި ޞޫފާ ޞޫފި ފަދަ ތަކެތި) ކުރެހުމާއި، ފުރާނަ އަޅުއްވާފައި ނުވާ ތަކެތީގެ މަންޡަރުތައް ކުރެހުމެވެ. މިޘާލަކަށް (ގަހެއް ނުވަތަ އިރު އަރާ މަންޡަރު ނުވަތަ މިނޫންވެސް ތަކެއްޗެވެ). 

މީގެ ތެރެއިން ފުރާނަ އަޅުއްވާފައި ނުވާ ތަކެތީގެ ޞޫރަ ކުރެހުމަކީ ހުއްދަ ކަމެއް ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވަނީ ފުރާނަ އެޅުއްވި ތަކެތީގެ ޞޫރަ ކުރެހުމެވެ.ފުރާނަ އެޅުއްވި ތަކެތި ކުރެހުމަކީ ޙަރާމް ކަމެއް ކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީ:  

ما رواه البخاري ومسلم في صحيحهما من حديث عبد الله بن مسعود رضي الله عنه أن النبي صلى الله عليه وسلم قال: إن أشد الناس عذابا يوم القيامة المصورون). 

މާނައަކީ: މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން، ގިޔާމަތް ދުވަހުން އެންމެ ޢަޛާބު ބޮޑު ބަޔަކީ ޞޫރަ ކުރަހާ މީހުންނެވެ."  

އަދިވެސް އިމާމް މުސްލިމް ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ.

(من صور صورة في الدنيا كلف أن ينفخ فيها الروح يوم القيامة.)

މާނައަކީ: "ދުނިޔޭގައި ޞޫރަ އެއް ކުރަހައިފިމީހަކަށް އެއެއްޗެއްގައި ފުރާނަ އެޅުމަށް ގިޔާމަތް ދުވަހުން ޖައްސަވާނެތެވެ." 

މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން އިމާމް ބުޚާރީ ރަޙިމަހުﷲ- ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. 

(من صور صورة فإن الله معذبه حتى ينفخ فيها الروح، وليس بنافخ فيها أبد) މާނައަކީ: "އެއެއްޗެއްގައި ފުރާނަ އެޅުމަށްދާންދެންމާތް ﷲ ޞޫރަކުރަހާ މީހާ އަށް ޢަޛާބު ދެއްވާނެތެވެ. ނަމަވެސް އެއްގޮތަކަށްވެސް އެމީހަކަށް އެކަމެއް ނުކުރެވޭނެއެވެ." 

وقد بعث النبي صلى الله عليه وسلم عليا رضي الله عنه وأمره أن لا يدع صورة إلا طمسها. والحديث في صحيح مسلم . 

މާނައަކީ: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަލީ ރަޟިޔަﷲ ޢަންހު- ފޮނުއްވުމުގެ ކުރިން އަމުރު ކުރެއްވިއެވެ. އެއްވެސް ޞޫރަ އެއް ތަޅާ ނުލާ ނުބަހައްޓާށެވެ." 

އިސްވެ ބަޔާން ކުރެވުނު ދަލީލު ތަކުގެ މާނާގައި ޞޫރަ ކުރެހުން ހުއްދަ ކުރައްވާ ޢިލްމުވެރިން ވިދާޅުވަނީ "ޞޫރަ" އޭ އޮތް ބަހުގެ މާނައަކީ ބުދު ހެދުން ކަމަށެވެ. ނުވަތަ ކަނޑާ ނެނގުން ކަމަށެވެ.

އިންސާނާގެ މޫނު ރަގަޅަށް ނޭނގޭ ގޮތަށް ހުންނަ ކުރެހުންތައް، (މިޘާލަކަށް ނޭފަތާއި ލޯ ނުހުންނަ ގޮތަށް މޫނު ކުރަހާފައި ހުންނަ ކުރެހުންތައް) ހުއްދަ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. 

އަލްމައުސޫޢަތުލް ފިގްހިއްޔާ ގައި އައިސްފައިވެއެވެ. އަށްވަނައީ: ތުއްތު ކުދިންނަށް އުނގަންނައި ދިނުން ފަދަ އެކަމެއްގައި މަޞްލަޙަތެއް އެކުލެވިފައިވާ ކަންކަމުގައި ޞޫރަ ކުރެހުމަކީ ޢިލްމުވެރިން މަނާ ކުރައްވާ ކަންތައްތަކެއް ނޫނެވެ. ޚާއްޞަ ގޮތެއްގައި ތުއްތު ކުދިން ކުޅުމަށް ތައްޔާރު ކޮށްފައި ހުންނަ ބުދު ތަކަކީ ޢިލްމުވެރިން އިސްތިޘްނާ ކުރައްވާފައިވާ ތަކެއްޗެވެ. އެއީ އަންހެން ކުދިން ދަރިން ތަރްބިއްޔަތު ކުރުވުމަށް ޢާދަ ކުރުވުމުގެ ބޭނުމުގައެވެ. 

ފަޟީލަތުއް ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ވަކި މީހަކު ނޭނގޭ ގޮތަށް ނޭފަތާއި، ލޮލާއި، އަނގަ، ފަދަ ތަންތަން އުނިކޮށް ހުންނަ ޞޫރަ އަކީ ފުރިހަމަ ޞޫރަ އަކަށް ނުވެއެވެ. އަދި އެއީ ﷲ ގެ ޚިލްގަތާއި އެއްގޮތް ވުމުގެ ގޮތުން ކުރެވޭ ކަމަކަށްވެސް ނުވެއެވެ. އެހެންކަމުން މިގޮތަށް ޞޫރަ ކުރެހުން ހުއްދަވެގެން ވެއެވެ." 

އެހެންކަމުން ލޮލުގެ ބަދަލުގައި ބޮޅެއް އަޅާފައި ނުވަތަ ނޭފަތުގެ ބަދަލުގައި ރޮނގެއް ދަމާފައި ހުންނަ ކުރެހުމަކީ ޙަދީޘް ގައި މަނާ ކުރައްވާފައިވާ ފަދަ ކުރެހުމަކަށް ނުވާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ އެފަދަ ކުރެހުމުގައި ﷲ ގެ ޚިލްގަތާއި އެއްފަދަ ކުރުން ހިމެނިފައި ނުވާތީވެއެވެ. 

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެގުނަވަނެއް ނެތުމުން ފުރާނަ ނުހުންނަ ވަރުގެ ބަޔެއް އުނިކޮށްފައި ކުރަހާފައި ހުންނަ ކުރެހުންތައް ހުއްދަވެގެން ވެއެވެ. އެގޮތުން ހަމައެކަނި މޫނު މަތި ކުރެހިދާނެއެވެ. އިބްނު ގުދާމާ ރަޙިމަހުﷲ- އެކަލޭގެފާނުގެ "އަލްމުޣްނީ" އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވެއެވެ. "ފޮޓޯ އެއްގައި ބޮލެއް ނެތި ހުސްހަށިގަނޑެއް، ނުވަތަ ހަށިގަނޑެއް ނެތި ހަމައެކަނި ބޮލެއް، ނުވަތަ ބޮލެއް ހުރެފައި ތިރީކޮޅުގައި ދިރޭ އެއްޗެއް ނޫން އެއްޗެއްގެ ޞޫރަ އެއް ހުރެއްޖެނަމަ ޙަދީޘްގައި މަނާ ކުރެވިގެންވާ ޞޫރަ ކުރެހުމުގެ ތެރެއަކަށް ނުވަންނާނެއެވެ." 

އެހެންބައެއް ޢިލްމުވެރިން ވިދާޅުވަނީ ޙަދީޘް ގައި މަނާ ކުރައްވާފައިވަނީ ހަމައެކަނި ބޯކުރެހުމެވެ. ބޯނެތިއްޖެނަމަ ޞޫރަ އަކަށް ނުވެއެވެ. އެބޭފުޅުންގެ ދަލީލަކީ މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން އަލްއިސްމާޢީލީ އެކަލޭގެފާނުގެ "މުޢްޖަމް" ގައި ރިވާ ކުރައްވާފައިވާ ޙަދީޘެވެ. 

(الصورة الرأس فإذا قطع الرأس فلا صورة)

މާނައަކީ: "ޞޫރަ އަކީ ބޮލެވެ. ބޯކަނޑާލައިފިނަމަ ޞޫރަ އަކަށް ނުވެއެވެ." މިއީ އައްޝައިޚް މުޙައްމަދު ނާޞިރުއްދީނުލް އަލްބާނީ- ރަޙިމަހުﷲ- ސިލްސިލަތުއްޞަޙީޙާގެ 4/544 ގައި ޛިކްރު ކުރައްވާފައިވާ ޙަދީޘެކެވެ. މިމާނާގައި ވަރަށް ގިނަ ޞަޙާބީންނާއި ތާބިޢީންގެ ފަރާތުން ރިވާޔަތްތައް އައިސްފައިވެއެވެ. 

މި ޙަދީޘްގައި މިވާ "ބޮލުގެ" މުރާދަކީ މޫނު ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. މާނައަކީ މޫނު ނޭނގޭ ގޮތަށް ހުރުމުން މައްސަލަ އެއް ނެތެވެ. އިމާމް ސިންދީ ރަޙިމަހުﷲ- ސުނަނުއްނަސާއީގެ ޝަރަޙައިގެ ގޮތުގައި ލިޔުއްވާފައިވާ “:ޙާޝިޔާ” ގައި ވިދާޅުވެފައިވެއެވެ. "ފޮޓޯގެ ބޯ ބުރިކޮށްލާފައި، ނުވަތަ މޫނު މަތި ނޭނގޭ ގޮތަށް ނޭފަތާއި ލޯ ކަނޑާލާފައި ހުރެއްޖެނަމަ އެއީ ބޯނެތް ފޮޓޯ އެއް ކަމުގައި ބެލެވޭނެއެވެ." 

ވީމާ، އިސްވެ ބަޔާން ކުރެވުނު ކަންތަކަށް ރިޢާޔަތް ކޮށް ކުރަހާފައި ހުންނަ ކުރެހުން ތަކަކީ ހުއްދަ ކުރެހުން ތަކެއް ކަމުގައި ގަބޫލު ކުރެވެއެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް