އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއްދީ ފަސް ސަރަޙައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރަނީ

އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއްދީ ފަސް ސަރަޙައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 50 ސިކުންތު

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ މަގެއް ތަނަވަސްކޮށްދިނުމުގެ ގޮތުން، އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ދިނުމާއެކު ފަސް ސަރަޙައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން ފަތުރުވެރިކަން ފުޅާކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމުގެ ގޮތުން އަންނަ މި ބަދަލަކީ، ޚާއްސަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، އެހެން ހުރިހާ މެހެމާނުންނަށް ވެސް މެހެމާންދާރީ އަދާކުރެވޭ ގޮތަށް ފަރުމާކުރެވޭ ޚިދުމަތެކެވެ.

މި މަޝްރޫޢުގެ ދަށުން އިންވެސްޓަރުންނަށް ދެވޭ ލުއިތަކުގެ ތެރޭގައި ލީސް އެކުއިޒިޝަން ކޯސްޓް 20 އިންސައްތަ ދަށްކުރުމާއި، ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ. އަދި ރިސޯޓް ތަރައްޤީ ކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި ލީސް އެކުއިޒިޝަން 6 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ދެއްކޭ ގޮތަށް ވެސް ހަމަޖެހިގެންދާނެއެވެ.

މީގެއިތުރުން، ރިސޯޓް ތަރައްޤީ ކުރުމަށް ގެންނަ ތަކެއްޗަށް 20 އިންސައްތައާ ހަމައަށް ޑިއުޓީ މަޢާފުކޮށްދިނުމާއި، ފަރުނީޗަރާއި ކިޗަން އެޕްލައިންސަސް އަދި އިލެކްޓްރޯނިކް ތަކެއްޗަށް ވެސް ޑިއުޓީ މަޢާފުކޮށްދެވޭނެއެވެ. އަދި ގްރޭސް ޕީރިއަޑްގެ ކުރިން ރަށް ނުވަތަ ފަޅު އޮޕަރޭޓްކުރެވޭ ޙާލަތުގައި، ބާކީ އޮންނަ މުއްދަތަށް އަރާ ބިމު ކުލި އެއްކޮށް މަޢާފުކޮށްދެވޭނެއެވެ.

މީގެއިތުރުން ފަތުރުވެރިކަން އެކަށީގެންވާ ގޮތެއްގައި ތަރައްޤީވެފައި ނުވާ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ، ހއ.އަތޮޅާއި، ހދ.އަތޮޅާއި، ށ. އަތޮޅު އަދި ތ.އަތޮޅާއި ލ.އަތޮޅު އަދި އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކޮށް އިންވެސްޓްމަންޓް އިތުރުކުރުމަށް އެ ސަރަޙައްދުތަކުގައި ރިޒޯޓު ތަރައްޤީކޮށް އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އުސޫލެއްގެ ދަށުން ލުއިތަކެއް ހަމަޖައްސަވައިދެއްވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، އޯޕަން ބިޑިން އުސޫލާއި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދާއި، ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތަކާއި، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ލީސް އެކުއިޒިޝަންގެ ޕަރ ހެކްޓަރ ރޭޓްތައް ކުޑަކުރެވިފައިވާކަމަށެވެ. މީގެއިތުރުން ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ ކްލޯޒް ބިޑިންގެ ދަށުން، ތ. އަތޮޅުގެ ރަށްރަށަށް އިން ލޮކޭޝަން ޕްރެމިއަމް އުނިކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

އަދި ހއ، ހދ ،ށ، ތ އަދި އައްޑޫ ސިޓީގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް ފަޅުތަކުން އުނިކުރުމަށްވެސްވަނީ ނިންމަވާފައެވެ. މީގެއިތުރުން ލ. އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރިމިއަމް 150000 އެމެރިކާ ޑޮލަރުން 100000 އެމެރިކާ ޑޮލަރަށް ކުޑަކުރުމަށްވެސް ވަނީ ނިންމަވާފައެވެ. މިގަވާއިދުގެ ދަށުން ހއ، ހދ، ށ. ތ އަދި ލ އަތޮޅުގެ ފަޅުތަކުގެ ޕްރީމިއަމް 30 އިންސައްތަވެސް ސަރުކާރުންވަނީ ކުޑަކޮށްފައެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ކްރޮސް ސަބްސިޑީގެގޮތުގައި ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ހއ، ހދ ، ށ، ތ، ލ އަދި އައްޑު ސިޓީގެ 20 އާއި 40 ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައްވަނީ އުނިކޮށްފައެވެ. އަދި 6 އަތޮޅުގެ 40 ހެކްޓަރަށްވުރެ ބޮޑެތި ރައްތަކަށްދީފައިވާ ސައިޒް ޕްރިމިއަމްތައް 2000000 އެމެރިކާ ޑޮލަރުން 1000000 އެމެރިކާ ޑޮލަރަށްވަނީ ކުޑަކޮށްފައެވެ.

މިއާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އައު ދޮރެއް ހުޅުވި، އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު