އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 53 ސިކުންތު
ޢާއިލާގެ މީހަކު ނުވަތަ އެނޫންވެސް މީހަކު މަރުވުމުން އޭނާގެ ފާފަ ފުއްސަވައި ފުރާނައަށް ރަޙްމަތް ލެއްވެވުން އެދި ކުރެވިދާނެ ކަންކަމާއިބެހޭ ގޮތުން ގިނަބައަކު ސުވާލުކުރެއެވެ. އެހެންކަމުން މިގެނެސްދެނީ މިކަމާއި ގުޅިގެން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.
މައްޔިތާ އަށްޓަކައި ކޮށްދޭންވީ ކަންތައްތައް
މައްޔިތާ މަރުވުމަށްފަހުގައި އޭނާއަށް ފައިދާ ކުރާނެ ކަންތަކުގެ ތެރޭގައި އޭނާއަށްޓަކައި ކޮށްދެވޭ ހެޔޮ ދުޢާ، ޞަދަޤާތް އަދި އޭނާގެ މަތިން ވެވޭ ޙައްޖު ހިމެނިގެން ވެއެވެ.
މައްޔިތާ އަށް ކޮށްދޭ ހެޔޮދުޢާގެ ފައިދާކުރާނެ ކަމުގެ ދަލީލަކީ ކީރިތި ޤުރުއާނުގެ ޙަޝްރު ސޫރަތުގެ 10 ވަނަ އާޔަތެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (وَالَّذِيْنَ جـآءُوْ مِنْ بَعْدِهِمْ يَقُوْلُوْنَ رَبَّنَ اغْفِرء لَنَا وَلِإِخْوَانِنَا الَّذِيْنَ سَبَقُوْنَا بِالْإِيْمَانِ وَلاَ تَجْعَلْ فِي قُلُوْبِنَاغِلاًّ لِّلَّذِيْنَ ءَامَنُوا رَبَّنَآ إِنَّكَ رَءُوْفٌ رَّحِيْمٌ (10) الحشر:(10) މާނައީ އަދި އެއުރެންގެ ފަހަތުން އަންނަ މީހުން ބުނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންނަށް ފާފަފުއްސަވައި، މަޣްފިރަތު ދެއްވާފާނދޭވެ! އަދި އަޅަމެންނަށްވުރެ ކުރީން އީމާންކަންމަތީ ދެމިތިބި އަޅަމެންގެ އަޚްތަކުންނަށްވެސް ފާފަފުއްސަވައި މަޣްފިރަތު ދެއްވާފާނދޭވެ! އަދި އަޅަމެންގެ ހިތްތަކުގައި އީމާންވެއްޖެ މީސްތަކުން ނަށް އެއްވެސް ކަހަލަ ރުޅިވެރިކަމެއް އޮތަ ނުދެއްވާފާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން އިބައިލާހީ ނުހަނު އޯގާވެރި، ރަޙީމުވަންތަ، އިލާހެވެ."
މައްޔިތަކު ވަޅުލާ ނިމުނު ތަނުން ކީރިތި ރަސޫލު الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. "استغفروا لأخيكم واسألوا له التشيت فإنه الآن يسأل" "މާނައަކީ:" ތިޔަބައިމީހުންގެ އަޚާގެ ފާފަ ފުއްސަވާ ދެއްވުމަށާއި، ޘާބިތުކަން ދެއްވުމަށް ދުޢާކޮށްދޭށެވެ. މިހާރު އޭނާ އާއިސުވާލު ކުރެވޭނެއެވެ." އަދިވެސް ޙަދީޘް ކުރެއްވިއެވެ. "إذا صليتم على الميت فأخلصوا له الدعاء" މާނައަކީ: "ތިޔަބައިމީހުން މައްޔިތާ އަށްޓަކައި އިޚްލާޞްތެރި ކަމާއިއެކު ދުޢާކޮށްދޭށެވެ."
މައްޔިތާ އަށް ފައިދާ ކުރާނެ ދެވަނަ ކަމަކީ އޭނާގެމަތިން ކުރެވޭ ޞަދަޤާތެވެ. އޭގެދަލީލަކީ އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަށްﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. أنَّ رجلا قال للنبي صلى الله عليه وسلم إن أمي افتلتت نفسها ولم توصي وأظنها لو تكلمت تصدقت أفلها أجر إن تصدقت عليها فثأل النبي صلى الله عليه وسلم : نعم މާނައަކީ: މީހަކު އައިސް ކީރިތި ރަސޫލާ صلى الله عليه وسلم އަށް ދެންނެވިއެވެ. އަޅުގަނޑުގެ މަންމަ ވަޞިއްޔަތެއް ނުކޮށް ނިޔާވެއްޖެ އެވެ. މަންމަ ވާހަކަ ދެއްކިނަމަ ޞަދަޤާތް ކުރުމަށް ވަޞިއްޔަތް ކުރާނެކަމަށް ވަރަށް ބޮޑަށް ހީވެއެވެ. ދެންފަހެ މަންމަގެމަތިން އަޅުގަނޑު ޞަދަޤާތް ކޮށްފިނަމަ އޭގެ އަޖްރު (ޘަވާބު) މަންމަ އަށް ލިބޭނެ ހެއްޔެވެ.
ރަސޫލު الله صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. "އާނއެކެވެ."
މާތް ﷲ ރުއްސުންލެއްވި ސަޢުދު ބިން ޢުބާދާގެ ކިބައިން ރިވާވެގެން ވެއެވެ. "أن أمه توفيت وهو غائب فقال: يا رسول الله إن أمي ماتت وأنا غائب فهل ينفعها إن تصدقت عنها فقال : أشهدك أن حائطي المخراف صدقة عَنْهَا" މާނައަކީ: އެކަލޭގެފާނު ރަށުގައި ނޫޅުއްވަނީސް މަންމާފުޅު ދުނިޔެ ދޫކުރައްވައިފި އެވެ. ދެން އެކަލޭގެފާނު މިޚަބަރު ކީރިތި ރަސޫލާ صلى الله عليه وسلم އަށް ދެއްވައި ވިދާޅުވިއެވެ. ތިމަންނާގެ މަންމަގެމަތިން ޞަދަޤާތް ކޮށްފިނަމަ މަންމައަށް އޭގެ ފައިދާ ކުރާނެތޯއެވެ. ޙަދީޘް ކުރެއްވިއެވެ. "އާނއެކެވެ." އެހިނދު ސަޢުދު ވިދާޅުވިއެވެ. ކަލޭގެފާނު ހެކިކުރައްވާ ވިދާޅުވަމެވެ. " މިޚްރާފް" އޭ ކިޔާތަނުގައިވާ ދެކަދުރުދަނޑު މަންމަގެ ނަމުގައި ޞަދަޤާތް ކޮށްފީމެވެ."
މައްޔިތާއަށް ފައިދާ ކުރާނެ ތިންވަނަ ކަމަކީ އޭނާގެ މަތިން ޙައްޖުވުމެވެ. މިކަމުގެ ދަލީލަކީ ޞަޙާބީއަކު މަރުވެފައިވާ މަންމަގެ މަތިން ޙައްޖު ވުމާއި ބެހޭގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم އާއި ސުވާލު ކުރުމުން ޙަދީޘް ކުރެއްވިއެވެ " أرأيت لوكان على أمك دين أكنت قاضيته, قالت: نعم قال: فدين الله أحق بالقضاء"" މާނައަކީ: ތިބާގެ މަންމަގެ ދަރަންޏެއް އޮތްނަމަ އަދާކުރާނަން ހެއްޔެވެ؟ ޞަޙާބީ ދެންނެވިއެވެ. "އާދޭހެވެ." ޙަދީޘް ކުރެއްވި އެވެ. "ﷲގެ މައްޗަށްވާ ދަރަނި އަދަކުރުން މާ ޙައްޤުކަން ބޮޑެވެ."
އަލްއިމާމުއް ނަވަވީ- ރަޙިމަހުﷲ ވިދާޅުވި އެވެ. "މައިން ބަފައިންނަށް ހެޔޮކޮށް ހިތަން ބޭނުންމީހާ އެމީހުންގެ ނަމުގައި ޞަދަޤާތް ކުރާހުށި ކަމެވެ. ހަމަކަށަވަރުން މަރުވެފައިވާ މީހުންގެ ނަމުގައި ކުރާ ޞަދަޤާތުގެ ޘަވާބު އެބައިމީހުންނަށް ލިބޭނެ ކަމާއި މެދުގައި މުސްލިމުންގެ މެދުގައި ޚިލާފެއް ނެތެވެ.
މައްޔިތާގެ މަތިން ނަމާދު ކުރުމާއި ރޯދަ ހިފުމާއި ބެހޭގޮތުން ޝާފިޢީ މަޛްހަބުގެ ޢިލްމު ވެރިންނާއި އެހެނިގެން މަޛްހަބު ތަކުގެ ގިނަ ޢިލްމުވެރިން ދެކިލައްވަނީ އެކަމުގެ ސަބަބުން މައްޔިތާ އަށް ފައިދާ އެއް ނުކުރާނެ ކަމަށެވެ. ނަމަވެސް މައްޔިތާގެ މައްޗަށް ވާޖިބުވެފައިވާ ރޯދައެއް ނުހިފި ވާނަމަ ހިފުމަކުން މައްސަލައެއްނެތް ކަމަށް ޖުމްހޫރު ޢިލްމުވެރިން ދެކިލައްވައެވެ.
މައްޔިތާގެ މައްޗަށް ޤުރުއާން ކިޔެވުމުގެ މައްސަލާގައި ބައެއް ޢިލްމުވެރިން ދެކިލައްވަނީ އެކަމުން މައްޔިތާ އަށް ޘަވާބު ލިބޭނެ ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ދެކިލައްވަނީ އެކަމުން މައްޔިތާ އަށް ފައިދާއެއް ނުކުރާނެ ކަމަށެވެ. ނަމަވެސް މިކަމުގައި ހަނދާން ކުރަން ޖެހޭނެ ކަމަކީ ރާއްޖޭގެ އާދަކާދާއި ގައިވާ ފަދައިން ބަޔަކު މީހުންނަށް އަގުދީގެން ޤުރުއާން ކިޔެވުމަކުން މައްޔިތާ އަށް ފައިދާ އެއް ނުކުރާނެ އެވެ. ސަބަބަކީ އެބައިމީހުން ކިޔަވާނީ އިޚްލާޞްތެރި ކަމާއި އެކުގައި ނޫންކަމަށް ވާތީވެ އެވެ. އެއީ އެބައިމީހުންނަށް ލިބޭ ފައިސާގެ ބޭނުމުގައި ކަމަށްވާތީވެ އެވެ. މައްޔިތާއަށް ދުޢާކޮށް ދިނުމަށް ކީރިތި ރަސޫލާ صلى الله عليه وسلم އަމުރު ކުރައްވަމުން ޙަދީޘް ކުރެއްވި އެވެ. "إذا صلّيتم علي الميت فأخلصوا له الدعاء" މާނައަކީ " ތިޔަބައިމީހުން މައްޔިތާ އަށްޓަކައި އިޚްލާޞްތެރި ކަމާއި އެކު ދުޢާ ކޮށްދޭށެވެ." އެހެން ކަމުން އިޚްލާޞްތެރި ކަމެއް ނެތި ކޮށްފި ކަމަކުން ފައިދާއެއް ނެތެވެ.
ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ހުރިހާ އަޅުކަމަކުންވެސް މައްޔިތާ އަށް ފައިދާ ކޮށްދެވޭނެ އެވެ. އެއީ ނަމާދު ކުރުން ކަމުގައިވީ ނަމަވެސް، ރޯދަހިފުން ކަމުގައިވީ ނަމަވެސް ނުވަތަ ޤުރުއާން ކިޔެވުން ކަމުގައިވީ ނަމަވެސް އެވެ. ނަމަވެސް މިކަންތައް ތަކަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރިކަންތަކެވެ. ޚިލާފެއްނެތި ދަންނަ ބޭކަލުންގެ އިޖްމާޢުން މައްޔިތާ އަށްފައިދާ ކުރާނެ ކަންތަކަކީ ހެޔޮދުޢާ އާއި ޞަދަޤާތް އަދި ޙައްޖު ވުމެވެ.
މައްޔިތާ އަށް ޓަކައި ކޮށްދެވޭނެ އެންމެ ހެޔޮ ކަމަކީ ގިނަގިނައިން ހެޔޮ ދުޢާކޮށް ދިނުމެވެ. މާތް ﷲ ވަޙީ ކުރެއްވި އެވެ. (وقل رَّبِّ ارْحَمْهُمَا كَمَا رَبَّيَانى صغيرًا(24) الإسراء: 24 މާނައަކީ؛ "އަދި ބުނާށެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ކުޑަކުޑަ ކުއްޖަކު ކަމުގައި ތިމަންވީ ދުވަހު ތިމަންގެ ޙާލު ބަލައި ބޮޑުކުޅަ ފަދައިން އެދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!"
ރަސޫލާ ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. إذا ماتَ الإنسانُ انقَطعَ عَنْهُ عَمَلُهُ إلا مِنْ ثَلاَثَةٍ إِلا مِنء صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أوْ وَلَدٍ صَالِحٍ يَدءعُولهُ" މާނައަކީ: " އިންސާނާ މަރުވެއްޖެނަމަ ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ހުއްޓިގެން ދެއެވެ. ދެމިހުންނަނިވި ޞަދަޤާތެއް، ނުވަތަ ފައިދާ ކުރަނިވި ޢިލްމެއް ނުވަތަ ދުޢާކޮށްދޭނެ ޞާލިޙް ދަރިއެކެވެ. "
ސާޅީސް ވުމުން ކެއްކުމާއި، ޞަލަވާތްފުޅު ކިޔެވުމާއި މިފަދަ ކަންތަކަކީ ސުންނަތުން ސާބިތުވާން ހުރި ކަންތައްތަކެއް ނޫނެވެ.
- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް
Advertisement
30 ޖޫން 2025