އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 27 ސިކުންތު
އަޅުގަނޑުމެން މި ދުނިޔޭގެ ޙަޔާތުގަ އުޅޭއިރުގަ އަޅުގަނޑުމެން ފަހަރެއްގައިވެސް ވިސްނާލީމުތޯ އަޅުގަނޑުމެންގެ މައިންބަފައިންނަށް ބަހައްޓަންޖެހޭ ޤަދަރަކީ ކިހާ މިންވަރެއްގެ ޤަދަރެއްކަން.؟ އެމީހުންނަކީ އަޅުގަނޑުމެން މި ދުނިޔެއަށް އައުމުގެ މަތިވެރި ސަބަބު. އެމީހުންނަކީ އެމީހުންނަށް އަޅުގަނޑުމެން ޚިދުމަތް ކިތަންމެ ވަރަކަށް ކުރިކަމުގައި ވިޔަސް އެމީހުންގެ އަގު އަދާ ނުކުރެވޭފަދަ އަގުހުރި މާތް މަތިވެރި ބައެއް. އަޅުގަނޑުމެންގެ ލޮބުވެތި މައިންބަފައިން، އެބައިމީހުންގެ ކުރިމަތީގައި އުއްފުވެސް ނުބުނުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަންގަވާފަ.
(فَلَا تَقُل لَّهُمَآ أُفٍّۢ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًۭا كَرِيمًۭا ) (فَلَا تَقُل لَّهُمَآ أُفٍّۢ) "ފަހެ ތިބާ އެމީހުންގެ ކުރިމަތީގަ އުއްފުވެސް ނުބުނާށެވެ." ކޮބައިތޯ އުއްފަކީ؟ ނުރުހުމުގެ ކިތަންމެ ކުޑަނަމަވެސް ބަހެއް ނުބުނާށޭ އެމީހުން ކުރިމަތީގަ. އަދި އެދެމީހުންގެ ކުރިމަތީގަ އަޑުލާ ނުހަދާށެވެ. ބާރަށް އެއްޗެއް ނުބުނާށެވެ. މަޑުމައިތިރި ކަމާއެކު (وَقُل لَّهُمَا قَوْلًۭا كَرِيمًۭا) " އަދި އެދެމީހުންނަށް މާތް ރިވެތި ހެޔޮ ބަހުން ބަސް ބުނެ އުޅޭށެވެ." އެމީހުން އުފާވާގޮތަށް، އޯގާވެރިކަމާއެކީގަ.
--- " އަދި ރަޙުމްވެރިކަމާ އޯގާވެރިކަމުން އެދެމީހުންގެ ކުރިމަތީގަ ތިބާގެ ފިޔަގަނޑު، ނިކަމެތިކަމުގެ ފިޔަގަނޑު ތިރިކޮށްލާށެވެ." ތިބާގެ މި ޣުރޫރުގެ ފިޔަގަނޑު، ތިބާގެ ބުރާކަމުގެ ފިޔަގަނޑު ނިކަމެތިކޮށް އެފިޔަގަނޑު ތިރިކޮށްލާށެވެ. އެމީހުން ކުރިމަތީގައި ތިބާ ވާށޭ ނިކަމެއްޗެއް ކަމުގަ. އެމީހުންނަކީ ތިމާގެ ވެރިންކަމުގަ ތިބާ ދެކޭށެވެ. ތިމާގެ ވެރިންނަކީ އެއީ. ތިމާއަކީ އެދެމީހުންގެ ޚާދިމުން ކަމުގައި ދެކޭށެވެ. އެމިންވަރަށް ތިމާ ތިރިވާށޭ އެދެމީހުން ކުރިމަތީގަ. އޯގާވެރިބަހުން ބަސް ބުނާށޭ. ހެޔޮކޮށް މުއާމަލާތް ކުރާށޭ. އަތުން ކާންދޭށޭ. އުރާލައިގެން ގެންގުޅޭށޭ އެދެމީހުން އުރާލައިގެން ގެންގުޅެން ޖެހިއްޖެ ހާލުގަ. އުފުލާލައިގެން ގެންގުޅެން ޖެހިއްޖެ ހާލުގަ އެދެމީހުން އުފުލާލައިގެން ގެންގުޅޭށޭ.
އާދެ އަޅުގަނޑުމެންގެ މައިންބަފައިންނަކީ ވަރަށް މަތިވެރި ޤަދަރެއް ލިބިގެންވާ ބައެއް. ހާއްސަގޮތެއްގަ އަޅުގަނޑުމެންގެ މައިންގެ ނުރުހުން އަޅުގަނޑުމެންނަށް ލިބިއްޖެކަމުގައި ވާނަމަ މަރުމަތީގަ އަޅުގަނޑުމެންނަށް (لا إله إلا الله) ކިޔުމަށް ހުރަސް އެބައޭޅޭ. ކިހާ ބޮޑުކަމެއްތޯ އެއީ؟ އިންސާނަކު މަރުވާއިރު (لا إله إلا الله) އަކީ ހާދަ މަތިވެރި އެއްޗެކޭ. (من كان آخر كلامه لا إله إلا الله دخل الجنة) " އެމީހެއްގެ އެންމެ ފަހު ބަހަކީ (لا إله إلا الله) ކަމުގަ ވެއްޖެ މީހާ ސުވަރުގެ ވަންނަ ހުއްޓެވެ." އެކަމަކު އެ (لا إله إلا الله) ކިޔުމަށް ހުރަސް އެޅިއްޖެއްޔާ އޭނަ ސުވަރުގެ ވަންނާނެތޯ އަވަހަށް؟ އެއީ މިއަދު އަޅުގަނޑުމެން އެކަމާމެދު ވިސްނަންވީ ކަމެއް.
އެހެންވީމަ އަޅުގަނޑުމެންގެ މައިންވަފައިން ރުއްސާފަ ތިބެންޖެހޭނީ. އެމީހުން ހެއްވާލާފަ ބައިތިއްބަން ޖެހޭނީ. ތިމަ ބުނާ ބަހުން. ތިމަ ކުރާ ކަންތައްތަކުން. ތިމާގެ ޢަމަލްތައް ހުންނަ ގޮތުން. ތިމާގެ އަޚްލާޤު ބަހައްޓާގޮތުން. އެދެމީހުން އަބަދުވެސް އިންތިޒާރު ކުރާނެ ތިމާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ރުއްސަވާ ގޮތުގެ މަތިން އުޅޭ ކުއްޖެއް ކަމުގައިވާން، މީހެއްކަމުގައި ވާން އެދެމީހުން އަބަދުވެސް އިންތިޒާރު ކުރާނެ. އެކަން އަޅުގަނޑުމެންގެ ކިބައިން ފެނިއްޖެ ކަމުގައި ވާނަމަ ހާދަ އުފާވާނޭ އެމީހުން.
ރީތިކޮށް ޤުރުއާން ކިޔަވާ، ބަރާބަރަށް ނަމާދުކޮށް، ޚުލްޤު ހެޔޮ މީހަކަށް ވެވިއްޖެކަމުގައި ވާނަމަ އެއީ އެމީހުން އެންމެ އުފާވާނެ ކަންތައް. އަދި ހަމަ އެހެންމެ މީހުންގެ ތާރީފުގެ ބަސްތަކުން އެމީހުން، އަޅުގަނޑުމެން އެކަން ބޭނުން ނުވެ. އެހެންނަމަވެސް މީހުންގެ ތާރީފުގެ ބަސްތަކުން "ހާދަ ރަނގަޅު ކުއްޖެކޭ އެއީ. ހާދަ ރީތިކޮށް ކިޔަވާ ކުއްޖެކޭ އެއީ ما شاء الله، ހާދަ ހެޔޮ މީހެކޭ އެއީ ما شاء الله" ހާދަ ރަނގަޅު މީހެކޭ މީސްތަކުންގެ ދޫތަކުން އެ ތާރީފު އޮހިގެން ދިޔުމަކީ އެއީ ﷲ ރުއްސަވާ ކަމުގެ ޢަލާމާތެއް. އެހެންވީމަ އަޅުގަނޑުމެން އެކަމާ މެދު ވިސްނާ، އަޅުގަނޑުމެން އަމިއްލައަށް މީހުންގެ ތާރީފު ބޭނުން ނުވާ ހާލުގަ އެމީހުން އެގޮތަށް ތާރީފު ކުރުމަކީ އެއީ މައިންބަފައިން އުފާވާނެ ކަމެއް. ﷲ ރުއްސަވާ ވޮޑިގެންވާ ކަމުގެ ޢަލާމާތެއް ނިޝާނެއް.
އާދެ އެހެންވީމަ އަޅުގަނޑުމެން އަޅުގަނޑުމެންގެ މައިންވަފައިންނަށް އޯގާވެރިކޮށް ހިތަންވީ. އެމީހުންނަށް އެހޮކޮށް މުޢާމަލާތް ކުރަންވީ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އެކަމުގެ މަތިވެރި ހެޔޮ ތަޢުފިޤު ދެއްވާށި. އާމީން.
- ޝައިޚް އިބްރާހީމް ފަރީދު އަހްމަދު
Advertisement
30 ޖޫން 2025