އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 33 ސިކުންތު
ގިނައިން ރޯދަހިފުމަކީ ކެންސަރުޖެހުމާއި ދުރުހެލިކޮށްދޭ ކަމެއް ކަމަށް ބުނާއަޑު އިވިއްޖެއެވެ. މިކަމުގައި އެއްވެސް ޙަޤީޤަތެއް ފެންނަން އެބައޮތްތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ ވާހަކަ އެކި ގޮތްގޮތަށް ސައިންސްވެރިން ދައްކާތާ މިހާރު 2،3 އަހަރުވެދާނެއެވެ. ފުރިހަަމ ދިރާސާ ރިޕޯޓެއް ހާމަކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އިސްލާމް ދީނަށް ވަންނަ މީހުން ގިނަވެދާނެ ކަމުގެ ބިރަށް އެރިޕޯޓް ހާމަނުކުރިޔަސް މިހާރުވެސް އެކަމަކީ ޔަޤީންކުރެވިފައިވާ ކަމެއްކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ
ރޯދަ ހިފުމުން ކުރާ ފައިދާތައް މިހާރުވެސް ސައިންސްވެރިންނަށް އެނގެއެވެ. ދިރާސާތަކުގެ އަލީގައި ރޯދަ ހިފަން ޑޮކްޓަރުން މިހާރުވެސް ގެންދަނީ ބުނަމުންނެވެ. ތަފާތީ ބުނާ ގޮތެވެ. ޑޮކްޓަރުން ބުނަނީ "12، 14، 16 ގަޑިއިރުވަންދެން ނުކައި ހުރުމަށެވެ."
މިހާތަނަށް ހެދި ކޮންމެ ދިރާސާއަކުންހެން ދައްކާފައިވަނީ ރޯދަހިފުމުން ލިބެނީ ފައިދާ ކަމެވެ. މިއުޅެނީ އެކަންކަމުގެ ތަފްޞީލުތައް ހާމަކުރާކަށް ނޫނެވެ. މުޅިން ތަފާތު ވާހަކައެއް ދައްކަންވެގެންނެވެ.
ކެންސަރު ސެލްތައް ކޮންމެ މީހެއްގެ ހަށިގަނޑުގައިވެސް ހުރެއެވެ. ކެންސަރުބަލި ޖެހުން މިދަނީ ވަރަށް ބޮޑުތަނުން ގިނަވަމުންނެވެ. އެއީ ކެއުމުގެ ވައްޓަފާޅިއަށާއި ކައިއުޅޭ ބާވަތްތަކަށް ގެނެވުނު ނުބައި ބަދަލުތަކުގެ ސަބަބުންނެވެ. ކެންސަރު ސެލްތަކަށް ފަލަވެ ބާރުގަދަވެ ހަށިގަނޑަށް ބާރުފޯރުވަން ފުރުޞަތުފަހިވެގެންދަނީއެވެ.
ރޯދަހިފީމާ ވާނެ ގޮތަކީ ކެވޭ މިންވަރު މަދުވުމެވެ. ކޫސަނި ކެއުންތައް ބޮޑުތަނުން މަދުވެގެންދާނެއެވެ. އަދި ރޯދަ ހިފާމީހާ ގިނަ ވަޤުތުތަކެއްގައި ނުކައި ހުންނާތީ ކެންސަރު ސެލްތަކަށް ފަލަވެ ވަރުގަދަވެ ބާރުގަދަވެ ފެތުރި ގަތުމުގެ ފުރުޞަތު ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އަދި އެތައް ބައިވަރު ސެލްތަކެއް މަރުވެސްވާނެއެވެ.
ސައިންސްވެރިންނަށް މިހާރުވެސް މިކަންކަން އެނގެއެވެ. ދަނީވެސް ދިރާސާތައް ކުރަމުންނެވެ. އެއްވެސް އެއްޗެއް ނުބުނެ ލަސްކުރަމުން އެގެންދަނީ މައްސަލައިގެ ނާޒުކުކަން ބޮޑުކަމުންނެވެ. ސުރުޚީއަޅާ ހިސާބުންވެސް ގިނަ ބައަކު އިސްލާމް ދީނުގެ ކަންކަމަށް ވިސްނަން ފަށާނެކަން އެނގޭތީއެވެ. ގިނަ ބައަކު އިސްލާމްވާނެތީއެވެ.
އަހުރެން މިވާހަކަ މިހާރުވެސް މިދައްކަނީ މި ޙަޤީޤަތް ވަރަށް އަވަހަށް ހާމަވެގެންދާނެކަމަށް ބެލެވޭވަރު ބޮޑުކަމުންނެވެ. މިއީ އަދި ޔަޤީންކުރެވިފައިވާ ކަންކަމެއް ނޫނެވެ. ދިރާސާކުރަމުން އަންނަ ކަންކަމެވެ.
އެކަމަކު މިހާރުވެސް އަހުރެން ވަރަށް ސާބިތުކަމާއިއެކު ބުނަމެވެ. ރޯދަހިފުން ގިނަކުރާށެވެ! ކެންސަރު ބަލި އެމީހަކާއި ދުރުވުމުގެ ފުރުޞަތު ހަމަ ވަރަށް ބޮޑެވެ! އިން ޝާ ﷲ
ދެން އޮތީ ކިތަންމެ ގިނައިން ރޯދަހިފާ މީހަކަށްވެސް ކެންސަރު ޖެހުމެވެ. ދުނިޔޭގައިވާ ކޮންމެ ބައްޔަކީ ވެސް ކޮންމެ މީހަކަށްވެސް ކޮންމެ ވަޤުތަކުވެސް ޖެހިދާނެ ބައްޔެކެވެ. އަދި ގޮތް ނުއެނގޭ ބައްޔެއްވެސް ޖެހިދާނެއެވެ. އެއީ ﷲ ތަޢާލާ އެމީހަކު އިމްތިޙާން ކުރެއްވެވުމަށެވެ.
އިސްލާމް ދީން ނޫން އެހެން ދީންތަކުގެ ބޮޑެތި މީސްމީހުންވެސް ރޯދައާއި ކެންސަރާއި ގުޅުވައިގެން މިފަދަ ވާހަކަތައް މިހާރު އެބަދައްކައެވެ. އެއީ އެމީހުންނަށްވެސް އަހުރެން މިބަޔާންކުރި ކަންކަން އެނގި ޤަބޫލުކުރެވޭތީއެވެ.
- ޑރ. އިކްރިމް ސުލްޠޯން
Advertisement
1 ޖުލައި 2025