އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުން އެކަނިވެސް 422 އުޅަނދެއް ޓޯކޮށްފިއެވެ.
މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ މަހުގެ 12 އިން 30އަށް މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުން އެކަނިވެސް ޖުމްލަ 422 އުޅަނދެއް ޓޯކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި މަޖީދީ މަގުން އެކަނިވެސް 219 އުޅަނދު ފުލުހުން ވަނީ ޓޯކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 216 ސައިކަލަކާއި، 2 ކާރެއްގެ އިތުރުން ތަކުރާރުކޮށް ޕާކުކުރުމުގެ ސަބަބުން ޓޯކޮށްފައިވާ 1 ސައިކަލެވެ.
މީގެއިތުރުން، މިދިޔަ މަހުގެ 12 އިން 30އަށް ބޮޑުތަކުރުފާނު މަގުން އެކަނިވެސް 203 އުޅަނދު ޓޯކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެތޭރޭގައި ހިމެނެނީ 164 ސައިކަލަކާއި، 38 ކާރެއްގެ އިތުރުން ތަކުރާރުކޮށް ޕާކުކުރުމުގެ ސަބަބުން ޓޯކޮށްފައިވާ 1 ކާރެވެ.
މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މިފަދަ އޮޕަރޭޝަންތައް ފުލުހުން މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
Advertisement
1 ޖުލައި 2025