އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މާލީ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރުމަށް 35 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތުތައް ހުޅުވާލާފައިވަނީ އެމްއެމްއޭގެ "ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް" ގެ ދަށުންނެވެ.
މި ސްކޮލަރޝިޕްތަކަކީ މެލޭޝިއާގެ ނަން މަޝްހޫރު ދެ މަރުކަޒެއް ކަމުގައިވާ އިންޓަނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އައިއެންސީއީއައިއެފް) އާއި ޔުނިވަރސިޓީ އިސްލާމް ސެލަންގޯރ (ޔޫއައިއެސް) ގައި ކިޔެވުމަށް ދެވޭ ފުރުޞަތުތަކެކެވެ.
އައިއެންސީއީއައިއެފްގައި އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް ކޯހަށް ފުލީ ފަންޑެޑް 5 ފުރުޞަތާއި ޕާޝިއަލީ ފަންޑެޑް 5 ފުރުޞަތު ލިބެން ހުންނާނެއެވެ. މީގެ އިތުރުން، މައިކްރޯ ސެޓްފިކެޓް ފްރޮމް އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސްއަށް 5 ފުރުޞަތު ލިބޭނެއެވެ. އަދި ޔުނިވަރސިޓީ އިސްލާމް ސެލަންގޯރގައި ސެޓްފިކެޓް އިން ޝަރީއާ އިކޮނޮމިކްސް ފޯ ބޭންކިންގ އެންޑް ފައިނޭންސް ކޯހަށް 20 ފުރުޞަތު ދެވޭނެއެވެ.
އެމްއެމްއޭއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސްކޮލަރޝިޕްތަކަށް ކުރިމަތިލާ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް އެ އޮތޯރިޓީގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާނެއެވެ. ކޮންމެ ދަރިވަރަކަށްވެސް ހުށައެޅޭނީ ފުލްޓައިމް އެއް ޕްރޮގްރާމަށެވެ.
ދަރިވަރުން ހޮވުމުގައި މެރިޓް އަދި މާލީ ހާލަތަށް ރިޢާޔަތްކުރެވޭނެ ކަމަށާއި، އިވެލުއޭޝަން ޕްރޮސެސްގެ ތެރޭގައި އިންޓަވިއު ބައެއްވެސް ހިމެނޭނެ ކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ. މި ފުރުޞަތަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ގާބިލް ދިވެހި ޒުވާނުން ތަމްރީނުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
Advertisement
2 ޖުލައި 2025