އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު
ބޭސްފަރުވާއަށް ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް އެހީވުމަށް އެންސްޕާ (ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ) އިން ހިންގާ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން، މިދިޔަ މެއި މަހު އެކަނިވެސް 14 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން މެއިމަހު ޖުމްލަ 14،236،810.51 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މި ޚަރަދުގެ ތެރެއިން ބޮޑުބައި ވަނީ ރާއްޖެއިން ބޭސްފަރުވާ ހޯދުމަށް ކުރެވިފައެވެ.
އެގޮތުން، ރާއްޖެއިން ބޭރުން ބޭސްފަރުވާގެ ޚަރަދުކުރުމަށް 3،909،573.95 ރުފިޔާ ޚަރަދުކޮށްފައިވާއިރު، ރާއްޖެއިން ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް 10،327،236.56 ރުފިޔާ ޚަރަދުކޮށްފައިވާކަން އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް، އެނދުމަތި ކޮށްގެން ފަރުވާދިނުމަށް، ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން އެކި ހޮސްޕިޓަލްތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެތެރެއިން، އޭޑީކޭ ހޮސްޕިޓަލްގެ ޖުމްލަ 190 ކޭސްއަކަށް 3،228،935.21 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލްގެ ޖުމްލަ 334 ކޭސްއަކަށް 4،192،916.43 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން އެނގޭގޮތުގައި އެންމެ ގިނައިން ޓްރީޓޮޕް ހޮސްޕިޓަލުން ބޭސްފަރުވާއަށް ޚަރަދުކުރީ، ކަށީގެ ބައްޔަށް ފަރުވާ ކުރުމަށެވެ. އެގޮތުން ކަށީގެ ބަލިތަކުގެ 53 ކޭހަށް 1،221،484.60 ރުފިޔާ އެހީގެ ގޮތުގައި ހަމަޖައްސާފައިވެއެވެ. މީގެ އިތުރުން، އެންމެ ގިނައިން އޭޑީކޭ ހޮސްޕިޓަލުން ބޭސްފަރުވާއަށް ޚަރަދުކުރީ، ކާޑިއޯވެސްކިއުލަރ ބައްޔަށް ފަރުވާ ކުރުމަށްކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުންދަނީ، ބޭސްފަރުވާއަށް ދިމާވާ މާލީ ދަތިތަކުން ކުއްލިއަކަށް އަރައިގަތުމަށް މަސައްކަތްކުރާ ފަރާތްތަކަށާއި، ދިގު މުއްދަތަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ބޭސްފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމަށް އެހީތެރިވުމުގެ ގޮތުންނެވެ.
Advertisement
2 ޖުލައި 2025