އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު
ބައެއް ފަހަރު އަޑު އިވެއެވެ. "އަހަރެންގެ މައިންބަފައިން ދުނިޔެދޫކުރިއިރު އެއްވެސް ތަނަވަސްކަމެއް ވާރުތަކޮށްދީފައެއް ނުވެއެވެ." މިހެންބުނާއިރު އޭނާ ހުންނަނީ މުސާރައަށް މަހަކު އެތައްހާސް ރުފިޔާ ލިބޭ ވަޒީފާއެއްގައެވެ.
އެހާލަތުގައި ކުރަންޖެހޭ ސުވާލަކީ ގެންގުޅެ ބޮޑުކޮށް ތަޢްލީމް ޙާޞިލްކޮށްދިނީ ކާކުހެއްޔެވެ؟ ބޮޑު މުސާރަ ތިއަ ލިބެނީ ކާކުކުރި އިންވެސްޓަކުންހެއްޔެވެ؟ ވީމާ ރަނގަޅަށް ވިސްނައިލާށެވެ.
އެއީ ފުދުންތެރި ބައްޕައެކެވެ. އޯގާތެރިވި މަންމައެކެވެ. ދުނިޔެ ދޫކުރީ ދަރިންނަށް ދިރިއުޅެވޭނެ މަގު ދައްކައިދީފައެވެ. ބޯހިޔާވަހިކަން ފޯރުކޮށްދީ އާމްދަނީ ހޯދޭނެ މަގުދައްކައިދީފިނަމަ އެއީ ނަމޫނާ ބައްޕައެކެވެ. އާމްދަނީ ހޯދޭނެ މަގުކަމަށް ބުނުމުން އެއީ ބޮޑު ވިޔަފާރިއެއް ކަމަށް ނުދެކޭށެވެ. ވަޒީފާ އަދާކޮށްގެން އާމްދަނީ ހޯދޭނެ މަގުފަހިވެފައި އޮތްނަމަ ވެސް އެއޮތީ އާމްދަނީ ހޯދޭނެ މަގުފަހިކޮށްދެވިފައެވެ.
މައިންބަފައިން މަރުވުމުން އެމީހުންނަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ހެޔޮ ކަމަކީ ޞަދަޤާތްކުރުމެވެ.
އެކަނިވެފައިވާ ޔަތީމް، މިސްކީން ކުދިންނަށް އެހީތެރިވެދޭ މީހާ ސުވަރުގޭގައި ވާނީ ތިމަންކަލޭގެފާނާއި މިފަދައިން ކަމަށް ހަދީޘްފުޅު ކުރައްވަވައި ރަސޫލް ﷺ ދެއްކެވީ އަތްޕުޅުގައި ވިދިވިދިގެން އިން ދެ އިނގިލިފުޅެވެ. މާނައަކީ ސުވަރުގޭގައި އެހައި ގާތުގައި ވާނެ ކަމެވެ.
އެވަރުންވެސް ޔަޤީންކަން ނުލިބެނީ ހެއްޔެވެ؟ ﷲ ތަޢާލާއަށްޓަކައި ޔަތީމް ކުދިންނަށާއި ހުވަފަތް އަންހެނުންނަށް އެހީތެރިވުމަކީ ރޭގަނޑު ހަތަރުދަމު ރޭއަޅުކަން ކުރުމާއި ކޮންމެ ދުވަހަކު ރޯދައަށް ހުރުން ފަދަ ކަމެއް ކަމުގައިވެސް ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވ
މައިންބަފައިން ނެތި ދިއުމުން އެމީހުންނަށްޓަކައި މިފަދަ ޞަދަޤާތްތައް ކުރަމުންގެންދާށެވެ. ނަރަކައިން ސަލާމަތްވާން އެދޭ މީހާ ކަދުރުއޮށެއްގެ ފަޅިވަރެއް ނަމަވެސް ޞަދަޤާތްކުރަން އޮތް ޙަދީޘްފުޅަށް ޢަމަލުކުރާށެވެ! އެއިރުން ތިބާގެ މައިންބަފައިންނަށާއި ތިބާއަށް ވެސް ލިބިގެން އެދަނީ ނަރަކައިން ސަލާމަތްވުމަށް ދިއްކުރެވޭނެ އެންމެ ވަރުގަދަ އެއް އައްޑަނައަށެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
3 ޖުލައި 2025