އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިސްނާ ބައަކަށް: ﷲ ތަޢާލާގެ ގަދަފަދަ އިންޒާރުތައް މިހާރުވެސް ދަނީ ލިބެމުން!

ވިސްނާ ބައަކަށް: ﷲ ތަޢާލާގެ ގަދަފަދަ އިންޒާރުތައް މިހާރުވެސް ދަނީ ލިބެމުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 48 ސިކުންތު

ދުނިޔޭގައި މީސްތަކުންނަށް ލިބޭ ކޮންމެ އުފަލަކީ އަދި ކޮންމެ ކުރިއެރުމަކީވެސް ﷲ ތަޢާލާ ލައްވަވާ ރަޙްމަތެވެ. ދިރިހުރެވޭކަން އެއީ އެންމެ ބޮޑު ރަޙްމަތެވެ. ސަލާމަތް ޞިއްޙަތެއް ލިބިފައިވުމާއި އަދި ބައްޔެއް ހުރިނަމަވެސް އެބައްޔަކާއިއެކު އުޅެވޭކަން އެއީވެސް ﷲ ތަޢާލާ ލައްވަވާ ރަޙްމަތެވެ. 

ހަމަ އެއާއިއެކު ފުންކޮށް ވިސްނާލަންޖެހޭ އެތައް ކަންތައްތަކެއް ކޮންމެ ދުވަހަކުވެސް މިދަނީ ފެންނަމުންނެވެ. އެއްކަމެއް ބުނެލާނަމެވެ! މުސްލިމުން ދުނިޔޭގައި އުޅެން އޮތް ގޮތް ﷲ ތަޢާލާ ވަނީ އަންގަވައި ދެއްވަވައިފައެވެ. ބައިބައިނުވެ އެއްބައެއްގެ ގޮތުގައި ދެމތިބުމަށް ވަނީ އަންގަވައިފައެވެ. އެއްބައަކު އަނެއްބައަކަށް ވާގިވެރިވެ ނަޞްރުދޭ ބައަކަށްވުމަށް ވަނީ އަންގަވައިފައެވެ. 

ނަމަވެސް އެއިން އެއްވެސް ކަމެއް އެބަކުރެވޭހެއްޔެވެ؟ ނަތީޖާ ފެންނަމުން އަންނަ ގޮތް ނުފެނޭ ހެއްޔެވެ؟ މިހިރަ ފެންނަނީ ހަމަ ﷲ ތަޢާލާގެ ގަދަފަދަ އިންޒާރުތަކެވެ. ޙާލަތު ބަދަލުކުރުން އޮތީ މުސްލިމުންގެ އަތްމަތީގައެވެ. ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުނުކޮށް ދޫކޮށްލުމުން ދުނިޔޭގައިވެސް ދެއްވަވާ އިންޒާރުތަކެވެ. 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! ޢިބްރަތަކަށް ފުދޭނެއެވެ. އިން ޝާ ﷲ 

ނާސާއިން ރިލީޒްކުރި ޖައްވުގެ ބިރުވެރި އަޑު- ކީރިތި ޤުރްއާނުގައިވާ ދާއްބައިގެ އިންޒާރުގެ ބަސްފުޅާ ގުޅިގެން ހިނގައްއެވެ. ގުޅުވައިލީ ހަމައެކަނި މުސްލިމުންނެއްވެސް ނޫނެވެ. ޤުރްއާން އެނގޭ ކާފިރުންވެސް ވަނީ އެކަންކޮށްފައެވެ. 

ޖައްވަށްދާ ބައެއް އެސްޓްރޯނޯޓުންނަށް ޖައްވުން ބިރުވެރިއަޑެއް އިވުނުކަމަށް ބުނުމުން މީސްތަކުންނަށް ޤަބޫލުކުރަން ވަރަށް އުނދަގޫވާނެއެވެ. ނާސާއިން އެބިރުވެރި އަޑު ރިލީޒްނުކުރިނަމަ އެކަން ޤަބޫލުކުރެވޭނެ މީހަކުވެސް ނުހުންނާނެއެވެ. އެއީ ޖައްވުން އެއްވެސް އަޑެއް އިވޭނެކަމަށް ޤަބޫލުނުކުރެވޭތީއެވެ. 

ކޮންމެއަކަސް އެ އަޑު މިއަދު މިވަނީ އިވިފައެވެ. އެއީ ބިރުވެރި ޖަނަވާރެއްގެ އަޑުފަދަ އަޑެއްކަމަށް އެންމެންވެސް ޤަބޫލުކުރެއެވެ.   

"އެއުރެންގެ މައްޗަށް (ޢަޛާބުގެ) ބަސްފުޅު ޙައްޤު ވާހިނދު، ތިމަންރަސްކަލާނގެ، އެއުރެންނަށްޓަކައި ބިމުން ދާއްބައެއް ނެރުއްވާހުށީމެވެ. އޭތި އެއުރެންނާ ވާހަކަދައްކަމުން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާން ނުވާ ބަޔަކު ކަމުގައި މީސްތަކުންވިއެވެ." (އަންނަމްލް: 82) 

އަހުރެން ބުނަން ބޭނުންވަނީ އެއަޑަކީ ފަހުޒަމާނުގައި ފައުޅުކުރައްވަވާނެ ބޮޑު ބިޔަ ދާއްބައިގެ އަޑުކަމަކަށް ނޫނެވެ. އެކަމަކު އެއީ އެ ދާއްބަ ފައުޅުކުރެއްވެވުން ގާތްވެއްޖެ ކަމުގެ ޢަލާމާތެއްކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. 

ކޮންމެއަކަސް ޖައްވުން މިފަދަ ބިރުވެރި އަޑެއް އިވުމަކީ ކުޑަކަމެއްގެ ގޮތުގައި ނުދެކޭށެވެ. މިފެންނަނީ ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކެވެ. މީސްތަކުންނަށް ފޮނުއްވަވާ ވަރުގަދަ އިންޒާރުތަކެވެ. އަމަލުތައް އިޞްލާޙްކޮށް ތައުބާވުމަށް ދެއްވަވާ ފުރުޞަތުތަކެވެ. ވިސްނައި ބޭނުންހިފުން އޮތީ އެމީހެއްގެ އަތްމަތީގައެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ނާސާއިން ރިލީޒްކުރި އަޑު:

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް