އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުލައިމާނުގެފާނާ އައްޔޫބްގެފާނުގެ ސިޔަރަތުން ލިބިގަންނަންޖެހޭ އެންމެ މުހިންމު ފިލާވަޅު!

ސުލައިމާނުގެފާނާ އައްޔޫބްގެފާނުގެ ސިޔަރަތުން ލިބިގަންނަންޖެހޭ އެންމެ މުހިންމު ފިލާވަޅު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ފުރަތަމަ ސުލައިމާނުގެ މައްޗަށް ބަލައިލަމާ ހިނގާށެވެ! މުޅި ދުނިޔޭގެ ވެރިކަން ދެއްވެވިއެވެ. ތަނަވަސްކަން ދެއްވެވިއެވެ. ވައި ކިޔަމަންތެރިކޮށްދެއްވެވިއެވެ. ޖަނަވާރުތަކާއި ޖިންނީންގެ މައްޗަށް ވެރިކަން ދެއްވެވިއެވެ. މިހެންގޮސް އުނިވާ އެއްވެސް ނިޢުމަތެއް ނެތެވެ. ހުރިހާ ނިޢުމަތްތަކެއް ލިބިވަޑައިގެންނެވިއެވެ. 

އެކަމަކު އަބަދުވެސް އެންމެ ބޮޑަށް އިސްކަން ދެއްވެވީ ކޮންކަމަކަށް ހެއްޔެވެ؟ ﷲ ތަޢާލާއަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެވަޑައިގަތުމަށެވެ. 

ދެން ބަލައިލަންވީ އައްޔޫބްގެފާނާއިމެދުގައެވެ. ނިޢުމަތްތައް ދެއްވެވުމަށްފަހު އެހުރިހާ ނިޢުމަތްތަކެއް އަނބުރާ ގެންދެވިއެވެ. ތަނަވަސްކަމާއި ދަރިންނާއި އަނބިން (އެންމެ އަނބިކަނބަލަކު ފިޔަވައި) ގެއްލިވަޑައިގަތެވެ. އިންތިހާއަށް ބޮޑު އާލާސްކަންފުޅެއްގައި އެތައް އަހަރެއްވަންދެން އޮންވަން ޖެހިވަޑައިގަތެވެ. އެންމެ ނިކަމެތި ޙާލުކޮޅުގައެވެ.  

އެކަމަކު އިސްކުރެއްވެވީ ކޮންކަމެއް ހެއްޔެވެ؟ އެއްވެސް މިންވަރަކަށް ޝަކުވާ ނުކުރައްވަވައި ކެތްތެރިވެވަޑައިގަތުމެވެ.  

ވިސްނާށެވެ! މިކަންކަން އަހުރެމެންގެ ކިބައިގައި ނެތި ﷲ ތަޢާލާގެ މަގުގައި ޘާބިތެއް ނުވެވޭނެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއްވެސް ނުލިބޭނެއެވެ. ނިޢުމަތްތައް ދެއްވަވައިފިނަމަ ފިލާވަޅު ލިބިގަންނަންވީ ސުލައިމާނުގެފާނުގެ ސިޔަރަތުންނެވެ. ދަތި އުނދަގޫ ޙާލަތެއް ކުރިމަތިވެއްޖެނަމަ އައްޔޫބްގެފާނުގެ ސިޔަރަތުންނެވެ.  

ކީރިތި ޤުރްއާނުގައި މިފަދަ އެތައް ވާހަކަތަކެއް ވެއެވެ. މިރޭ ހާމަކޮށްމިލީ ވަރަށް ކުޑަކުޑަ ދެމިޘާލެކެވެ. ގިނަ ބައަކަށް މަގުއޮޅި ހަލާކުގެ ތެރެއަށް ވަންނަމުން އެދަނީ މިކަންކަމަށް ވިސްނައި ނުލެވޭތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް