އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ފަށާފައިވާ "ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢު" ގެ ދަށުން، މ. އަތޮޅު މަޑުއްވަރީ އަދި ރަތްމަންދޫގައި ޚާއްސަ ގަސް އިންދުމުގެ ޙަރަކާތެއް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
މި ޙަރަކާތުގައި އެ ދެރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، ސަރުކާރުގެ ބައެއް އިދާރާތަކުން ފޯރިއާއެކު ބައިވެރިވެފައިވެއެވެ. މިކަމަށްޓަކައި އެއްބަސްވުމެއްގެ ދަށުން ގިނަ އަދަދެއްގެ ގަސް އެރަށްރަށަށް ވަނީ ފޯރުކޮށްދެވިފައެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ދިވެސްރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގަސްގަހާގެހީގެ ސަބަބުން ލިބޭ ފައިދާތައް އިތުރުކުރުމެވެ. ޚާއްސަކޮށް، މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ގަސް އިންދުމަކީ މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
މަޑުއްވަރީގައި ގަސް އިންދުމުގެ ޙަރަކާތް ކުރިއަށް ދިޔައިރު، ޒުވާނުންނާއި އަންހެނުންގެ އިތުރުން ކުޑަކުދިންވެސް ވަރަށް ފޯރިއާއެކު މި ހަރަކާތުގައި ބައިވެރިވިކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ. ރަށުގެ އެކި ސަރަހައްދުތަކުގައި، ޚާއްސަކޮށް އާންމުން އެއްވެ އުޅޭ ތަންތަނާއި މަގުތަކުގައި ގަސް އިންދާފައިވެއެވެ. ހަމަ އެފަދައިން ރަތްމަންދޫގައިވެސް މި ޙަރަކާތް ވަރަށް ކާމިޔާބުކަމާއެކު ނިމިގެން ގޮސްފައިވާ ކަމަށް ވަނީ ފާހަގަވެފައެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެއްޓަށް ދެއްވާ ސަމާލުކަން ދައްކުވައިދޭ އެއް ކަމަށްވާއިރު، މިފަދަ ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ރަށްތައް އިތުރަށް ފެހިވެ، ތިމާވެށި ރައްކާތެރިކުރުމަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ހަބަރު: ސަރުކާރު
Advertisement
3 ޖުލައި 2025