އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 15 މިނެޓް, 1 ސިކުންތު
ރުކޫޢިން ތެދުވަމުން (سَمِعَ اللهُ لِمَنْ حَمِدَهُ) ކިޔުމާއި، ރުކޫޢިން ތެދުވެ (رَبَّنَا وَلَكَ الْحَمْدُ) ކިޔުމަކީ ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި ގަދަވެގެންވާ ސުންނަތެކެވެ. ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ވާޖިބު ކަމެކެވެ.
ފަޟީލަތުއްޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީނު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.
ރުކޫޢިން ތެދުވަމުން (سَمِعَ اللهُ لِمَنْ حَمِدَهُ) ކިޔުމާއި، ރުކޫޢިން ތެދުވެ (رَبَّنَا وَلَكَ الْحَمْدُ) ކިޔުމަކީ ވާޖިބު ކަމެއް ކަން ދޭހަވާ ދަލީލުތަކަކީ:
1. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެގޮތުގައި ދެމިހުންނެވިކަން. އަދި އެއްވެސް ޙާލަތެއްގައި (سَمِعَ اللهُ لِمَنْ حَمِدَهُ) ވިދާޅުވުން ދޫކުރައްވާފައި ނުވެއެވެ.
2. އެއީ ރުކޫޢިން އިޢްތިދާލަށް ބަދަލުވުމުގެ ޝިޢާރެވެ.
3. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (وَإِذَا قَالَ : سَمِعَ اللَّهُ لِمَنْ حَمِدَهُ ، فَقُولُوا : رَبَّنَا وَلَكَ الْحَمْدُ ) މާނައަކީ: "އިމާމާ (سَمِعَ اللهُ لِمَنْ حَمِدَهُ) ކިޔައިފިނަމަ، ތިޔަބައިމީހުން (رَبَّنَا وَلَكَ الْحَمْدُ) ކިޔާ ހުށިކަމެވެ."
ދެވަނަ:
އެކަނި ހުރެ ނަމާދު ކުރާ މީހާ ރުކޫޢިން ތެދުވަމުން (سَمِعَ اللهُ لِمَنْ حَمِدَهُ) ކިޔުމާއި، ރުކޫޢިން ތެދުވެ (رَبَّنَا وَلَكَ الْحَمْدُ) ކިޔުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް ހުރިހާ ފިގްހުވެރިން އިއްތިފާގްވެލައްވައެވެ. މި އިއްތިފާގް އިމާމް ޠަޙާވީ އެކަލޭގެފާނުގެ "ޝަރްޙު މަޢާނިލް އާޘާރިގެ 1/240 ގައި، އަދި އިބްނު ޢަބްދިލް ބައްރި، އެކަލޭގެފާނުގެ "އަލްއިސްތިޛްކާރުގެ 2/178 ގައި ނަގުލު ކުރައްވާފައިވެއެވެ. ނަމަވެސް އިބްނު ގުދާމާ ރަޙިމަހުﷲ އެކަލޭގެފާނުގެ "އަލްމުޣްނީ ގެ 1/548 ގައި ބަޔާން ކުރައްވާފައިވާ ގޮތުގައި މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ކުޑަ ޚިލާފެއް ހުއްޓެވެ. އެހެންނަމަވެސް، އެބޭފުޅުން އިޚްތިލާފުވެފައިވަނީ އިމާމް އާއި މައުމޫމް ކިޔާނީ ކޮން އެއްޗެއްތޯ ކަނޑައެޅުމުގައެވެ.
އިމާމާ އާއި ބެހޭ ގޮތުން ޙަނަފީ އަދި މާލިކީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. "ހަމައެކަނި (سَمِعَ اللهُ لِمَنْ حَمِدَهُ) ކިޔުމުން ފުދޭނެއެވެ. އިމާމާ (رَبَّنَا وَلَكَ الْحَمْدُ) ކިޔުން ސުންނަތް ވެގެން ނުވެއެވެ.
ނަމަވެސް ޝާފިޢީ އަދި ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިންގެ ރައުޔަކީ އިމާމާ ރުކޫޢިން ތެދުވަމުން (سَمِعَ اللهُ لِمَنْ حَمِدَهُ) ކިޔުމާއި، ރުކޫޢިން ތެދުވެ (رَبَّنَا وَلَكَ الْحَمْدُ) ކިޔަން ޖެހޭނެ ކަމަށެވެ.
މި މައްސަލާގައި ރާޖިޙް ގޮތަކީ: ދެވަނަ ގައުލެވެ. ދަލީލަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. (كَانَ رَسُولُ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ إِذَا قَالَ سَمِعَ اللهًُ لِمَنْ حَمِدَه قَالَ : الَّلهُمَّ رَبَّنَا وَلَكَ الحَمدُ) ރަވާހުލް ބުޚާރީ ވަމުސްލިމް. މާނައަކީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ (سَمِعَ اللهُ لِمَنْ حَمِدَهُ) ވިދާޅުވުމަށްފަހު (الَّلهُمَّ رَبَّنَا وَلَكَ الحَمدُ) މިފަދައިން ވިދާޅުވެއެވެ.
މައުމޫމުންނާއި ބެހޭ ގޮތުން ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީ (ހަނަފީ، މާލިކީ، ޙަންބަލީ) ހަމައެކަނި (رَبَّنَا وَلَكَ الْحَمْدُ) ކިޔުމުން ފުދޭނެ ކަމަށެވެ. އަދި (سَمِعَ اللهُ لِمَنْ حَمِدَهُ) ކިޔަން ނުޖެހޭނެ ކަމަށެވެ.
ނަމަވެސް ޝާފިޢީންނާއި ޡާހިރީން ވިދާޅުވަނީ މައުމޫމުން ރުކޫޢިން ތެދުވަމުން (سَمِعَ اللهُ لِمَنْ حَمِدَهُ) ކިޔުމާއި، ރުކޫޢިން ތެދުވެ (رَبَّنَا وَلَكَ الْحَمْدُ) ކިޔުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ. މި ބޭފުޅުންގެ ދަލީލަކީ ކީރިތި ރަސުލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުކޫޢިން ތެދުވެވަޑައިގަންނަވަމުން (سَمِعَ اللهُ لِمَنْ حَمِدَهُ) ވިދާޅުވެފައި، ރުކޫޢިން ތެދުވެވަޑައިގެން (رَبَّنَا وَلَكَ الْحَمْدُ) ކިޔުއްވާފައިވުމެވެ. އަދި އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. (صَلُّوا كَمَا رَأَيْتُمُونِي أُصَلِّي) މާނައަކީ: "ތިމަންކަލޭގެފާނު ނަމާދު ކުރައްވަނިކޮށް ތިޔަބައިމީހުންނަށް ފެނުނު ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާ ހުށިކަމެވެ." ވިމާ، ރުކޫޢިން ތެދުވަމުން (سَمِعَ اللهُ لِمَنْ حَمِدَهُ) ކިޔާ، އަދި ރުކޫޢިން ތެދުވެ (رَبَّنَا وَلَكَ الْحَمْدُ) ކިޔަން ޖެހެއެވެ.
ފަޟީލަތުއްޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "މި މައްސަލާގައި ރާޖިޙް ގޮތަކީ މައުމޫމުން ހަމައެކަނި (رَبَّنَا وَلَكَ الْحَمْدُ) ކިޔުމުން ފުދޭނެ ކަމަށެވެ. އަދި (سَمِعَ اللهُ لِمَنْ حَمِدَهُ) ކިޔަން ނުޖެހޭނެ ކަމަށެވެ.
ދަލީލަކީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
(إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ ، فَإذَا كَبَّرَ فَكَبِّرُوا ، وَإِذَا رَكَعَ فَارْكَعُوا ، وَإِذَا رَفَعَ فَارْفَعُوا ، وَإِذَا قَالَ : سَمِعَ اللَّهُ لِمَنْ حَمِدَهُ ، فَقُولُوا : رَبَّنَا وَلَكَ الْحَمْدُ ، وَإِذَا سَجَدَ فَاسْجُدُوا ، وَإِذَا صَلَّى قَاعِدًا فَصَلُّوا قُعُودًا أَجْمَعُونَ)
މާނައަކީ: "އިމާމާލެވިގެން ވަނީ ތިޔަބައިމީހުން އޭނާ އަށް ތަބާވުމަށެވެ. އޭނާ ތަކްބީރު ކިޔައިފިނަމަ ތިޔަބައިމީހުން ތަކްބީރު ކިޔާ ހުށި ކަމެވެ. އަދި ރުކޫޢުކޮށްފިނަމަ ތިޔަބައިމީހުން ރުކޫޢު ކުރާ ހުށި ކަމެވެ. އަދި ރުކޫޢިން ތެދުވެއްޖެނަމަ ތިޔަބައިމީހުން ތެދުވާށެވެ. އަދި އިމާމާ (سَمِعَ اللهُ لِمَنْ حَمِدَهُ) ކިޔައިފިނަމަ ތިޔބައިމީހުން (رَبَّنَا وَلَكَ الْحَمْدُ) ކިޔާށެވެ. އިމާމާ ސަޖިދަކޮށްފިނަމަ ތިޔަބައިމީހުން ސަޖިދަ ކުރާ ހުށި ކަމެވެ. އިމާމާ އިށީނދެ އިނދެ ނަމާދު ކުރާނަމަ ތިޔަބައިމީހުންވެސް އިށީނދެގެން ތިބެ ނަމާދު ކުރާ ހުށި ކަމެވެ."
މި ޙަދީޘްގައި މިވަނީ ހުރިހާ ރުކޫޢިން ތެދުވާ އިރުގައި ފިޔަވާ އެހެން ހުރިހާ ރުކުނެއްގައިވެސް އިމާމާ ކިޔާ ގޮތަށް ކިޔުމަށް އަންގަވާފައެވެ. އެއިން ދޭހަވަނީ އެކަމުގައި ތަފާތު ކުރަން ޖެހޭ ކަމެވެ. والله أعلم
އިތުރު ސުވާލެއް:
މެންދުރު ނަމާދު ނުކޮންހުއްޓާ އަސުރު ނަމާދު ވަގުތު ޖެހުނީ ދެން މެންދުރު ނަމާދުކުރަން އެންމެ ރަންގަޅު ވާނީ ކޮން ވަގުތަކުތޯ؟
ކޮންމެ ނަމާދެއްވެސް އެނަމާދަކަށް ކަނޑަ އެޅިފައިވާ ވަގުތުގައި ކުރަން ވާނެއެވެ. ޢުޛުރެއް މެދުވެރިވެގެން، ނަމާދު ވަގުތު ފާއިތުވެއްޖެނަމަ، ވީހާވެސް އަވަހަކަށް އެނަމާދެއް ގަޟާ ކުރަން ޖެހޭނެއެވެ. އެގޮތުން، މެންދުރު ނަމާދު ނުކޮށް ހުއްޓާ ޢަޞްރު ނަމާދު ވަގުތު ޖެހިއްޖެނަމަ، ލަސްނުކޮށް މެންދުރު ނަމާދު ގަޟާ ކުރަންވާނެއެވެ. އެއަށްފަހު ޢަޞްރު ނަމާދު ކުރާނީއެވެ. މެންދުރު ނަމާދު ނުކޮށް ޢަޞްރު ނަމާދެއް ނުކުރެވޭނެއެވެ. ސަބަބަކީ ނަމާދުތައް ކުރަން ޖެހެނީ ތަރްތީބުން ކަމަށްވީތީވެއެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
5 ޖުލައި 2025