އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހަކަށް ނިކަމެތިކަމެއް ލިބުމުން އެއީ އޭނާގެ ތަޤްވާވެރިކަން ކުޑަކަމުން ކަމަށް ބުނުމާ ހިތާމަކުރަންޖެހޭނަމަ ކެތްތެރިކަން ކުޑައީ ކަމަށް ބުނަން ހެޔޮނުވާނެ ސަބަބުތައް!

މީހަކަށް ނިކަމެތިކަމެއް ލިބުމުން އެއީ އޭނާގެ ތަޤްވާވެރިކަން ކުޑަކަމުން ކަމަށް ބުނުމާ ހިތާމަކުރަންޖެހޭނަމަ ކެތްތެރިކަން ކުޑައީ ކަމަށް ބުނަން ހެޔޮނުވާނެ ސަބަބުތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

މީހަކަށް ނިކަމެތިކަމެއް ލިބޭއިރަށް ނުވަތަ ހިތާމައެއް ކުރިމަތިވާއިރަށް ގިނަ ބައަކު ވަރަށް ފަސޭހައިން ގޮތް ނިންމައެވެ. ބުނެއެވެ. "އޭނާގެ ތަޤްވާވެރިކަން ކުޑައީއެވެ." މީހަކަށް ހިތާމަކުރަން ޖެހިއްޖެނަމަ ބުނެއެވެ. "އޭނާގެ ކިބައިގަ ކެތްތެރިކަން ނެތީއެވެ." މިފަދަ ބަސްތަކަކީ ބުނެގެންވާނެ ބަސްތަކެއް ނޫނެވެ. މަސައްކަތް މިކުރަނީ އެފަދަ ބަސްތައް ބުނެގެން ނުވާނެ ސަބަބު ބުނެދިނުމަށެވެ. އިން ޝާ ﷲ

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެމީހަކީ އީމާންތެރިއެއް ނަމަ އެއްވެސް ދަތިކަމެއް ނުވަތަ ކަންބޮޑުވުމަކާއި ކުރިމަތިނުވާނެ ކަމަށެވެ. ނަމަވެސް ދުނިޔެ ލައްވަވާފައި މިވަނީ މުއުމިނުންގެ ހުރަގެ ކަމުގައެވެ. ވީމާ ތަޤްވާވެރިންނަށް ވެސް ކަންބޮޑުވުމާއި ދަތިޙާލަތާއި ހިތްދަތިކަން ކުރިމަތިވާނެއެވެ. ތަޤްވާވެރިކަން ބޮޑުވި ވަރަކަށް ކުރިމަތިލާންޖެހޭ މައްސަލަތައްވެސް ގިނަވާނެއެވެ.

އިންސާނަކު ތަޤްވާވެރިވެގެން އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެނަމަ ، ކަންބޮޑުވާންޖެހޭނެ ކަމެއް ކުރިމަތިނުވާނެ ނަމަ އަދި ހިތްދަތިކަމެއް ކުރިމަތިނުވާނެ ނަމަ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުހައްމަދު ﷺ އަކަށް އެކަންކަން ކުރިމަތިވެވަޑައިނުގަތީހެވެ. ނަމަވެސް އެކަންކަން ކުރިމަތިވެވަޑައިގެންނެވި މިންވަރު އެއޮތީ ސިޔަރަތުން ފެންނާށެވެ!

ހިތްދަތިކަމަށް ބަލައިފިނަމަ އިތުރު އެކަލޭގެފާނު ﷺ ގެ އަނބިކަނބަލުން ޚަދީޖަތުގެފާނު އަވަހާރަވުމުން އެތައް އަހަރެއްވަންދެން އެކަމުގެ ހިތާމައިގައި އުޅުއްވެވިއެވެ. ދަރިކަލުން އިބްރާހީމްގެފާނު އަވަހާރަވި ދުވަހު ނުހަނު ކީރިތިކުރެއްވެވިއެވެ. ލޯފުޅުން ކަރުނަ އެޅުއްވެވި އެތައް ޙާދިސާއެއް ހިނގައިދިއައެވެ.

ދަރިކަލުން ޔޫސުފްގެފާނު ގެއްލިވަޑައިގަތުމުގެ ހިތާމައިގައި ކީރިތިކުރައްވަވަމުން ގޮސް ޔަޢްޤޫބްގެފާނުގެ ދެލޯފުޅު އެކުގައި ހުދުވެއަނދިރިވެގެންދިއައެވެ. ބަލިމަޑުކަމަށްބަލާނަމަ އައްޔޫބްގެފާނަށް ޖެހިވަދައިގެންނެވި ބޮޑު އާލާސްކަންފުޅަށްބަލާށެވެ!

މިބޭބޭކަލުންނަށް އެކަންކަން ކުރިމަތިވެވަޑައިގަތީ އެބޭކަލުންގެ ކިބައިގައި ތަޤްވާވެރިކަން ނެތުމަކުން ނޫނެއް ނޫންހެއްޔެވެ؟ ތަޤްވާވެރިކަމުގެ އެންމެ ކުރީގައި ތިއްބަވަނިކޮށް ނޫންހެއްޔެވެ؟

އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. ބިރުވެރިކަމާއި ކަންބޮޑުވުން ކުރިމަތިވަނީ އާރާއި ބާރު ނެތިގެނެއް ނޫނެވެ. ތަނަވަސްކަން ނެތިގެނެއްވެސް ނޫނެވެ. އެހެންނޫންނަމަ ހުރިހާ ބާރުތަކާއި މުއްސަނދިކަން ﷲ ތަޢާލާ ދެއްވެވި ފިރުއަޢުނަށް ބިރުވރިކަމާއި ކަންބޮޑުވުން ކުރިމައްޗެއް ނުވާނެއެވެ. ނަމަވެސް ބިރުވެރިކަމާއި ކަންބޮޑުވުން ކުރމަތިވެ ފިރުއަޢުނަށް އެތައް ރެއެއްގެ ނިދި ގެއްލުނެވެ.

ބިރުވެރިކަމާއި ކަންބޮޑުވުމާއި ހިތްދަތިކަން ހަމަ ކޮންމެ މީހަކަށްވެސް ކުރިމަތިވާނެއެވެ. މީހުން އުޅޭގޮތުން އެންމެންނަށް މީހުންގެ މައްސަލަތައް ނުއެނގިދާނެއެވެ. ހަމަ ކޮންމެ މީހަކަށްވެސް މައްސަލަތައް ހުންނާނެއެވެ. ދުނިޔޭގައި މީސްތަކުން ލެއްވެވީ މައްސަލަތަކާއިއެކުގައެވެ. އެއީ އިމްތިޙާން ކުރެއްވެވުމަށްޓަކައެވެ. ދުނިޔެވެސް އާޚިރަތް ވެސް ކާމިޔާބުކުރެވޭނީ އިމްތިޙާނުން ފާސްވެގެންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް