އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 35 ސިކުންތު
ނަމާދަކީ ހަމަ ހަށިގަނޑާއި ހަށިގަނޑުގެ ގުނަވަންތަކުން ކުރާ ކަމަކަށް ހަދާލައިގެން ނަމާދުކުރާ ބައަކު އުޅެއެވެ. ދުލުން ކިޔާތަކެތިވެސް އެމީހުން ހަދަނީ ދުލުންކޮށްލާ ޙަރަކާތަކަށެވެ. އެހެނީ އެމީހުން ކިޔާ އެއްޗަކަށް އެމީހުން ސަމާލުކަމެއް ނުދެއެވެ. މާނަދަސްނުކުރާތަނުގައި ކިޔާ އެއްޗަކަށްވެސް ވިސްނައެއް ނުލައެވެ.
އެހެންކަމުން މިގެނެސްދެނީ ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ.
ނަމާދުގައި ޚުޝޫޢަތްތެރިވުން ދެބަޔަކަށް ބެހިގެންދެއެވެ:-
ހ- އެއީ ނަމާދަށް ފުރިހަމަކަން ގެނެސްދޭ ކަމެކެވެ. އެއީ ނަމާދުގެ ރޫޙުވެސްމެއެވެ. ޚުޝޫޢަތްތެރި ވުމަކީ ތިމާގެ ހިތާއި ވިސްނުމާއި ފިކުރު ނަމާދުގައި ޝާމިލު ކުރުމެވެ. ފަހަރެއްގައިވެސް ނަމާދުގެ ޙަރަކާތްތައް ކުރާއިރު ދުނިޔަވީ އެހެން ކަންކަމާ ތިމާ ފިކުރުކޮށް ހަދައިގެން ނުވާނެއެވެ.
ށ- އެއީ ނަމާދުގައި ޘަވާބާއި ދަރުމަ ނުހަނު އިތުރުވެގެންދާ ކަމެއްވެސް މެއެވެ. ﷲ ސުބުޙާނަހޫވަތަޢާލާ ވަނީ ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުންނަށް ފަލާޙާއި ކާމިޔާބު ހުރިކަން ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގައި ބަޔާން ކުރައްވާފައެވެ.
ނަމާދަށް ހާޒިރުވެ ހުންނަމީހާ އަބަދުވެސް ތިމާ މިހުއްޓި ހުރީ ﷲ ގެ ޙަޟުރަތުގައިކަން ހަނދާން ބަހައްޓަން ވާނެއެވެ. މިހެނީ ތިމާގެ ހިތުގައި ވާހާކަމެއް ﷲ ދެނެވޮޑިގެން ވާކަންވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. އަދި ހަމަ އެހެންމެ ދުނިޔޭގެ ރަސްކަލެއް ކައިރީ އަދަބު ވެރިކަމާއެކު ހުއްޓިހުރެގެން، ދުނިޔޭގައި ލެއްވިހާކަމެއް ހިތުގައި ބަހައްޓައިގެން ހުންނަ ގޮތަށް، ނެތުމުގެތެރެއިން ވުޖޫދަށް އަޅަމެން ގެންނެވި މާތްﷲ ހަޟުރަތުގައި ހުއްޓި ހުރެގެންވެސް ނުވާނެއެވެ. މާތްﷲއީ ސިއްރާއި ފައުޅު މޮޅަށް ދެނެވޮޑިގަންނަވާ ހުސްޠާހިރު ވަންތަ ފަރާތެކެވެ. ވީމާ އަބަދުވެސް ތިމާ މިހުއްޓިހުންނަނީ ﷲގެ ޙަޟުރަތުގައި މުނާޖާ ދަންނަވަންކަން ހަނދުމަ ބަހައްޓަންވާނެއެވެ.
މިސާލަކަށް ނަމާދުގައި ސޫރަތުލް ފާތިޙާ ކިޔަވާ އިރު ތިމާގެ ކިޔެވުން ﷲ އައްސަވައި ވޮޑިގެން އިޖާބަ ދެއްވައެވެ. (الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ) ނަމާދުކުރާމީހާ މިއާޔަތް ކިޔާވާނިމުމުން ﷲ ވަޙީ ކުރައްވާނެތެވެ. "ތިމަން ﷲ ގެ އަޅާ ތިމަން ﷲ އަށް ޙަމްދު ދަންނަވައިފިއެވެ" (الرَّحْمَنِ الرَّحِيمِ) އަދި އަޅާ މިއާޔަތް ކިޔާވާނިމުމުން ﷲ ވަޙީ ކުރައްވާނެތެވެ. "ތިމަން ﷲ ގެ އަޅާ ތިމަން ﷲ އަށް ޘަނާ ދަންނަވައިފިއެވެ"
(مَالِكِ يَوْمِ الدِّينِ)އަދި އަޅާ މިއާޔަތް ކިޔާވާނިމުމުން ﷲ ވަޙީ ކުރައްވާނެތެވެ. "ތިމަން ﷲ ގެ އަޅާ ތިމަން ﷲ މާތްކުރައްވާ މަތިވެރި ކުރަށްވައިފިއެވެ"
(إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ)އަދި އަޅާ މިއާޔަތް ކިޔާވާނިމުމުން ﷲ ވަޙީ ކުރައްވާނެތެވެ. "މިއީ ތިމަން ﷲ ގެ އަޅާޔާ ތިމަން ﷲ އާ ދެމެދުގައިވާކަމެކެވެ. އެ އަޅާޔަށްއޮތީ އެ އެދުނު ކަމެކެވެ."
(اهْدِنَا الصِّرَاطَ الْمُسْتَقِيمَ، صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ) އަދި އަޅާ މިއާޔަތްތައް ކިޔާވާނިމުމުން ﷲ ވަޙީ ކުރައްވާނެތެވެ. "މިއީ ތިމަން ﷲ ގެ އަޅާޔަށްޓަކައި ވާކަމެކެވެ. ތިމަން ﷲގެ އަޅާޔަށް ވަނީ އެ އަޅާ އެދުނު ކަމެކެވެ."
މިހެން މިކަންތައް ހިތްމައްޗަށް ގެނެސްގެން ނަމާދުގައި ތިބެވޭނަމަ އަޅުގަނޑުމެންގެ ހިތްތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްގަންނާނެ ފުރުޞަތެއް ލިބިގެންދާނެއެވެ!
ވީމާ، ނަމާދު ކުރަން ހުރި ތަނުގައި އަޑުގަދަކޮށް ލަވަ ޖަހައި ހަދާ ކަމަށް ވަނީނަމަ، އެހެން ތަނަކަށް ގޮސް ނަމާދު ކުރުން ބުއްދިވެރި އެވެ.
والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
7 ޖުލައި 2025