އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު
މީސްތަކުންނޭވެ! މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ! ގިނަ ބައަކު ނަމާދަށް ފަށާނީ ވަރަށް ބޮޑަށް ޚުޝޫޢަތްތެރިވުމުގެ ނިޔަތާއި ޢަޒުމާއިއެކުގައެވެ. ނަމަވެސް ނަމާދަށް ފަށާތަނުން މީހާގެ ވިސްނުން ނަމާދުން ބޭރުވެގެންދެއެވެ. ދުނިޔަވީ ކަންކަމަށް ވިސްނެން ފަށައެވެ. އަދި ސަޖިދައިގައި އޮންނަ ވަޤުތުތަކުގައި އެކަން ވަކިން ބޮޑުވެގެންދެއެވެ.
މިކަންކަމަކީ އިއްތިފާޤަކުން މެދުވެރިވާ ކަންކަމެއް ނޫނެވެ. މިއީ ޝައިޠޯނާ އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ކުރުވާ ކަންކަމެވެ. އެއީ ސަބަބެއް ނެތިއެއްވެސް ނޫނެވެ.
ޝައިޠޯނާއަށް ސަޖިދަކޮށް ﷲ ތަޢާލާގެ ރުގިވޮޑިގަތުން ހޯދަން މަސައްކަތްކުރަން ލިބުނު ފުރުޞަތު ނަގައިލީއެވެ. ތައުބާވާން ދެއްވެވި ފުރުޞަތުގެ ބޭނުންވެސް ނުހިފީއެވެ. އެހެންކަމުން ﷲ ތަޢާލާ ވަނީ ޝައިޠޯނާއަށް ވަންނަން ޖެހޭނީ ނަރަކައަށް ކަމާއި އޮންނަން ޖެހޭނީ ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބުގައިކަން ބަޔާންކުރައްވަވައިފައެވެ.
ﷲ ތަޢާލާގެ ޙަޟްރަތުން އެކަންކަން ޝައިޠޯނާއަށް އެނގި ޔަޤީންވުމުން ޝައިޠޯނާ ގަދައަޅައި އޭއްޗަށް ކުރެވުނުހައި މަސައްކަތްތަކެއް ކުރަނީ ވީހައި ގިނަ ބައަކު ނަރަކައަށް ވެއްދުވޭތޯއެވެ. އެކަންކުރަން އޮތް އެންމެ ފަސޭހަމަމަގަކީ ޝަރީކު ކުރުވުން ކަމުގައިވާތީ ޝައިޠޯނާގެ މަސައްކަތުން ބޮޑު ބައެއް އެވަނީ ކާމިޔާބުކުރެވިފައެވެ. އެއީ ދުނިޔޭގައި ގިނައީ ﷲ ތަޢާލާއަށް އީމާންނުވެ ޝަރީކުރާމީހުން ކަމުގައިވާކަމެވެ.
ދެން މިއޮތީ ﷲ ތަޢާލާގެ އެއްކައުވަންތަކަމާއި ﷲ ތަޢާލާ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނެތްކަން ޤަބޫލުކޮށްގެން ތިބި މުސްލިމުންގެ ބައެވެ. މުސްލިމުން ނަރަކައަށް ވައްދުވަން އެންމެ ފަސޭހަ އެއްގޮތަކަށް އޮންނާނީ އެމީހުންގެ ނަމާދުތަކަށް ހުރަސް އެޅުމާއި ނަމާދުގައި ޣާފިލުކުރުވައި ނަމާދުތައް ބާޠިލްކުރުވުމެވެ. ނަމާދަށް ހުއްޓުމުން ނަމާދުން މީހާ ދުރުކުރުވައި ނަމާދު ބާޠިލްކުރުވަން އެހައި ބޮޑަށް މަސައްކަތްކުރާ ސަބަބަކީ ހަމައެއީއެވެ.
ނަމާދުކުރަމުންދާ މީހަކަށް ފާފައެއް ކުރެވުނަސް ތައުބާވުމުން ހަމަ ވަޤުތުން ފާފަ ފުއްސަވައިދެއްވަވާނެކަން އެނގެން އޮތުމުން ޝައިޠޯނާ މަސައްކަތް އެކުރަނީ އެމީހަކީ ނަމާދުކުރިނަމަވެސް ނުކުރާ މީހަކަށް ހެއްދުވުމަށެވެ.
މީސްތަކުންނޭވެ! ޙައްލަކީ ކުރާ ނަމާދު ނަމާދަކަށް ހަދަން ގަދައަޅައި މަސައްކަތްކުރުމެވެ. އެކަން ކުރެވޭނީ ކުޝޫޢަތްތެރިކަމާއިއެކުގައި ނަމާދުކުރެވިގެންނެވެ. ވަކިން ޚާއްޞަކޮށް ނަމާދުގައި ﷲ ތަޢާލާ ޢާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަޤުތު ކަމަށްވާ ސަޖިދައަށް ސަމާލުކަން އިތުރުކޮށްގެންނެވެ.
ވީމާ ނަމާދުކުރާއިއރު މިކަންކަމަށް ދޭ ސަމާލުކަން އިތުރުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާށެވެ. ނަރަކައިން ސަލާމަތްވުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ އެއީއެވެ.
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން
Advertisement
9 ޖުލައި 2025