އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒަކަރިއްޔާގެފާނުގެ ވާހަކަ 3: ދުޢާ އިޖާބަކުރެއްވުން

ޒަކަރިއްޔާގެފާނުގެ ވާހަކަ 3: ދުޢާ އިޖާބަކުރެއްވުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 11 މިނެޓް, 9 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ދުޢާ އިޖާބަކުރެއްވުން:  

زكريّا عليه السّلام،  މާތްسبحانه وتعالى ޙަޟްރަތުގައި އިބްތިހާލުވެވަޑައިގެން ކުރެއްވި ދުޢާފުޅު އެކަލާނގެ އިޖާބަކުރެއްވިއެވެ. އެކަލޭގެފާނުގެ އަރިހަށް އެ އުފާވެރި ޚަބަރުދެއްވުމަށް މަލާއިކަތް ބޭކަލަކު ފޮނުއްވިއެވެ. މިވާހަކަ މަރްޔަމު ސޫރަތުގެ 7 ވަނަ އާޔަތުގައި މާތް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

يَا زَكَرِيَّا إِنَّا نُبَشِّرُكَ بِغُلَامٍ اسْمُهُ يَحْيَىٰ لَمْ نَجْعَل لَّهُ مِن قَبْلُ سَمِيًّا ﴿٧

މާނައީ: [އޭ زكريّا ގެފާނެވެ! ހަމަކަށަވަރުން، ފިރިހެންދަރިޔަކު ލިބޭނެކަމުގެ އުފާވެރި خبر ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ދެއްވަމެވެ. އޭނާގެ ނަމަކީ، يحيى އެވެ. މީގެކުރިން އޭނާގެ ނަމުން ނަންކިޔޭ މީހަކު ތިމަންރަސްކަލާނގެ ނުލައްވަމެވެ.] 

މި އާޔަތުގައި މާތްسبحانه وتعالى، زكريّا عليه السّلام އަށް އަންގަވައިފައި އެވަނީ އެކަލޭގެފާނަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގަންނަވާނެކަމުގެ ވާހަކައެވެ. އެ ދަރިކަލުންގެ ނަންފުޅަކީ يحيى ކަމުގައެވެ. يحيى عليه السّلام  ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން މާތް، كريّا عليه السّلام އަށް ވަޙީ ކުރައްވައިފައިވާކަމަށް އާލު ޢިމްރާނު ސޫރަތުގެ 39 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވެއެވެ. 

فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ أَنَّ اللَّـهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًا بِكَلِمَةٍ مِّنَ اللَّـهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ الصَّالِحِينَ ﴿٣٩

މާނައީ: [ދެންފަހެ، އެކަލޭގެފާނު محراب ގައި ނަމާދު ކުރެއްވުމުގައި قائم ވެވަޑައިގެން ހުންނަވަނިކޮށް، އެކަލޭގެފާނަށް، ملائكة ން ގޮވާލައްވައި ދެންނެވިއެވެ. ހަމަކަށަވަރުން، اللَّه، ކަލޭގެފާނަށް يحيى ގެފާނު ދެއްވާނެކަމުގެ އުފާވެރި خبر ދެއްވަތެވެ. اللَّه ގެ حضرة ންވާ كلمة ފުޅެއް ތެދުކުރައްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި، (އެކަލޭގެފާނު ވާހުށީ) މާތް ސާހިބެއްކަމަށާއި، އަންހެނުންނާ ދުރުހެލިވެ ރައްކާތެރިވެވަޑައިގެންވާ ބޭކަލެއްކަމަށާއި، صالح ންގެ ތެރެއިންވާ ނަބީބޭކަލެއްކަމަށެވެ]. 

كريّا عليه السّلام އަށް ކުއްލިއަކަށް މި ލިބިވަޑައިގެންނެވި ޚަބަރުން އެކަލޭގެފާނަށް ވިދާޅުވެވުނެވެ. [އަޅުގަނޑަށް ދަރިކަލަކު ލިބޭނީ ކިހިނެތްތޯއެވެ؟ މިހާރު އަޅުގަނޑުވަނީ މުސްކުޅިވެ ގައިބާރު ދެރަވެފައެވެ. މިކަން އެއްކިބާގައި އޮއްވާ އަޅުގަނޑުގެ އަންހެނުންނަކީ ދުވަހަކުވެސް ދަރިމައިވީ މީހެއްނުމެނޫންމެއެވެ. އެކަމަނާވެސް އިންނެވީ ޢުމުރުފުޅުން ދުވަސްފުޅުވެ، މުސްކުޅިފުޅުވެފައެވެ].  މިވާހަކަ މަރްޔަމް ސޫރަތުގެ 8 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ. 

قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَكَانَتِ امْرَأَتِي عَاقِرًا وَقَدْ بَلَغْتُ مِنَ الْكِبَرِ عِتِيًّا ﴿٨

މާނައީ: [އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ކުއްޖަކު ލިބޭނީ ކިހިނަކުންތޯއެވެ؟ އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. އަދި އަޅާވެސް މިހުރީ، މުސްކުޅިކަމުގެ نهاية އަށް ފޯރާފައެވެ.] 

އޭގެ ޖަވާބުގައި އަރަހުށި މާތް އެކަލޭގެފާނަށް އެންގެވި ބަސްފުޅު މަރްޔަމު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٌ وَقَدْ خَلَقْتُكَ مِن قَبْلُ وَلَمْ تَكُ شَيْئًا ﴿٩

މާނައީ: [އެކަލާނގެ وحى ކުރެއްވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. މީގެކުރިން ކަލޭގެފާނަކީ، موجود ވެގެންވާ އެއްޗެއްކަމުގައި ނުވާ حال، ތިމަންރަސްކަލާނގެ ކަލޭގެފާނު ހެއްދެވީމެވެ.] 

މާތްسبحانه وتعالى، زكريّا عليه السّلام އަށް މިދެންނެވި ފަދައިން ވަޙީ ކުރެއްވުމުން އެކަލޭގެފާނު އެދިވަޑައިގެންނެވީ އަނބިކަނބަލުން އާލާސްވެއިންނެވި ކަމުގެ ހެއްކެއް ދެއްކެވުމަށެވެ. މަރްޔަމު ސޫރަތުގެ 10 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ. 

قَالَ رَبِّ اجْعَل لِّي آيَةً ۚ قَالَ آيَتُكَ أَلَّا تُكَلِّمَ النَّاسَ ثَلَاثَ لَيَالٍ سَوِيًّا ﴿١٠

މާނައީ: [އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަޅާއަށް علامة އެއް ލައްވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނަށް އޮތް علامة އަކީ ކަލޭގެފާނަށް (ސަލާމަތުން ހުންނަވައިމެ) ފުރިހަމަ ތިންރޭ ވަންދެން މީސްތަކުންނާ ވާހަކަ ނުދެއްކެވޭގޮތްވުމެވެ.] 

ހަމަ މިވާހަކަ އާލު ޢިމްރާނު ސޫރަތުގެ 41 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 

قَالَ رَبِّ اجْعَل لِّي آيَةً ۖ قَالَ آيَتُكَ أَلَّا تُكَلِّمَ النَّاسَ ثَلَاثَةَ أَيَّامٍ إِلَّا رَمْزًا ۗ وَاذْكُر رَّبَّكَ كَثِيرًا وَسَبِّحْ بِالْعَشِيِّ وَالْإِبْكَارِ ﴿٤١﴾ 

މާނައީ: [އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! (އެކަމަށް إشارة ކުރާ) علامة އެއް މިއަޅާޔަށް ލައްވާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. (އެކަމުގައި) ކަލޭގެފާނުގެ علامة އަކީ، ތިންދުވަސްވާންދެން، ކަލޭގެފާނަށް إشارة ން މެނުވީ މީހުންނާ ވާހަކަ ނުދެއްކެވި ހުންނެވުމެވެ. އަދި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގިނަގިނައިން ހަނދުމަކުރައްވާށެވެ! އަދި، ހަވީރާއި ހެނދުނު، تسبيح ވިދާޅުވާށެވެ!]

زكريّا عليه السّلام އަށް އިޝާރާތުން ނޫންގޮތަކަށް ވާހަކަ ނުދެއްކޭ ގޮތް މެދުވެރިކުރެއްވުމުން އެކަލޭގެފާނު ޤައުމުގެ މީސްތަކުންނަށް ހެޔޮކަންތައްތަކަށް އަމުރުކުރައްވަމުން ގެންދެވީ ޢިޝާރާތުންނެވެ. މަރްޔަމު ސޫރަތުގެ 11 ވަނަ އާޔަތުގައި މި ވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 

فَخَرَجَ عَلَىٰ قَوْمِهِ مِنَ الْمِحْرَابِ فَأَوْحَىٰ إِلَيْهِمْ أَن سَبِّحُوا بُكْرَةً وَعَشِيًّا ﴿١١

މާނައީ: [ފަހެ، އެކަލޭގެފާނު، ނަމާދުކުރައްވާތަނުން އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް ނުކުމެވަޑައިގަތެވެ. ދެން ހެނދުނާއި، ހަވީރު، تسبيح ކިޔަވައި އުޅުމަށް އެއުރެންނަށް إشارة ން އެންގެވިއެވެ.]

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް