އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިރުވެތިވެބަލަ!: ދޫ ކަސްތޮޅު އެޅުއްވަވައި ގުނަވަންތައް ހެކިދޭނެ ކަމުގެ ހެކިތައް މިއަދުވެސް އެގެންދަވަނީ ދައްކަވަމުން!

ބިރުވެތިވެބަލަ!: ދޫ ކަސްތޮޅު އެޅުއްވަވައި ގުނަވަންތައް ހެކިދޭނެ ކަމުގެ ހެކިތައް މިއަދުވެސް އެގެންދަވަނީ ދައްކަވަމުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު

ސައިންސާއި ޓެކްނޮލިޖީގެ ސަބަބުން އިތުރުވަމުން އަންނަނީ ހަމައެކަނި ފާފަކުރަން މަގުފަހިވާނެ ކަންކަމެއް ނޫނެވެ. ވިސްނައި ހޭލުންތެރިވެ ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ބޭނުންވާ މީހާއަށް ހެޔޮ މަގު ވިސްނޭނެ ގޮތްތައްވެސް އަންނަނީ ފެންނަމުންނެވެ.

އެގޮތުން ކުރީގެ ޒަމާނުގައި މީހުންގެ ހިތަށް އަރާކަންކަން ދެނެގަނެވޭނެ ގޮތް ނެތަސް މިހާރު އެކަންވެސް މިއޮތީ މަގުފަހިވެފައެވެ. ޓެކްނޮލޮޖީގެ އެހީގައެވެ. ވީމާ މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ!

ޤިޔާމަތް ދުވަހު ކުރިމަތިލާންޖެހޭނެ ކަންކަމަށް އެކި ގޮތުން ޝައްކު އުފައްދާ މީހުން އުޅެއެވެ. މީސްތަކުންގެ ޖާހިލުކަން ބޮޑުވެ ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވޭ މީހުން ގިނަވާވަރަކަށް އެފަދަ ސުވާލުތައްވެސް ގިނަވާނެއެވެ.

އެގޮތުން ބަލާއިއރު މީހާ ދުނިޔޭގައި ކުރާ ޢަމަލުތަކަށް ޤިޔާމަތް ދުވަހު އެމީހާގެ ގުނަވަންތައް ހެކިދޭނެކަމަށް ބުނުމުން އެއީ ކިހިނަކުން ހިނގާނެ ކަމެއްކަމާއިމެދު ސުވާލު އުފައްދާ މީހުންވެސް އެބަ އުޅެއެވެ.

މިކަމަށް ޝައްކުކުރާ މީހުން އިތުރަށް ވިސްނައިލާށެވެ. މިޒަމާނުގައިވެސް މިކަމަށް ބާރުލިބޭ ޢަލާމާތްތައް މިދަނީ ފެންނަމުންނެވެ. ﷲ ތަޢާލާ އެގެންދަވަނީ ދައްކަވަމުންނެވެ. ވިސްނައި ފިކުރުކުރާ މީހުންނަށް ޢިބްރަތަކަށްޓަކައެވެ.

މިސާލަކަށް ބޮލުގައި ހެލްމެޓެއް ފަދަ އެއްޗެއް އަޅުވައިލުމުން ސިކުނޑި ހަރަކާތްކުރާ ގޮތުން މީހާގެ ދުލުން ބަޔާން ނުދީ އޭނާގެ ހިތަށް އަރާ ކަންކަން ދެނެގަނެވޭނެ ނިޒާމު މިހާރު އެބަހުއްޓެވެ. އަދި އެގެންދަނީ މިހާރުވެސް ބޭނުންކުރަމުންނެވެ. އެގޮތުން ހޯދާ މައުލޫމާތަކީ ޞައްޙަ ތެދު މަޢުލޫމާތުކަންވެސް އެދަނީ ސާބިތުވަމުންނެވެ.

ދޮގު ބުނުމުން އެބުނީ ދޮގެއްކަން ދަނެގަނެވޭނެ ނިޒާމް މިހާރުވެސް އެބަހުއްޓެވެ. މިއީ އަދި ޓެކްނޮލޮޖީގެ ފެށުމެވެ. ޢިލްމުގެ ތެރެއިން ﷲ ތަޢާލާ ދެއްވަވާފައިވާ ވަރަށް ކުޑަކުޑަ މިންވަރެކެވެ. މި ޓެކްނޮލޮޖީ ކުރިއަރައި ފުރިހަމަވެގެންދާނީ ކިހައިވަރަކަށްކަން އެނގެނީ ކާކަށް ހެއްޔެވެ؟ ވީއިރު ހަމައެކަނި މިކަންކަމަށް ވިސްނައިލި ނަމަވެސް އާޚިރަތް ދުވަހުން ގުނަވަންތައް ހެކިދޭނެ ކަމަށް ޤަބޫލު ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އެކަމުގެ ހެކި ﷲ ތަޢާލާ މިހާރުވެސް އެގެންދަވަނީ ދައްކަވަމުން ނޫން ހެއްޔެވެ؟

ބިރުވެތިވާންވީ އެދުވަހަށެވެ. އެމީހަކު ކުޅަ ޒައްރެއްގެ މިންވަރުގެ ނަމަވެސް ހެޔޮ އަމަލާއި ނުބައި އަމަލުގެ ރަހަ ދެކޭނެ ދުވަހަށެވެ. މިއީ ﷲ ތަޢާލާގެ ވަހީ ބަސްފުޅެވެ.

މިއަދު ތަފާތު އުޒުރުތައް ދެއްކިދާނެއެވެ. ބަހަނާތައްވެސް ދެއްކިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު އެކަންކަމުގެ ސަބަބުން ވެސް ލިބޭނީ އިތުރު ފާފަތަކެވެ. ހެދި ދޮގުތަކަށެވެ. އޮޅުވައިލުންތަކަށެވެ. އެދުވަހުން އެއްވެސް މީހެއްގެ ހެކިބަހެއް ބޭނުމެއް ނުވާނެއެވެ. އެމީހާގެ އަމިއްލަ ގުނަވަންތައް ހެކިދޭނެއެވެ. ގައިގައި ޖަހާފައި ހުރި މަސް ޖަހާފައި ހުރި ގޮތް ކިޔައިދޭނެއެވެ.

ތަޤްވާވެރިކަން އިތުރުކުރަން ކުރަންޖެހޭ އެއް ކަމަކީ ގިނަގިނައިން ޢާޚިރަތް ދުވަސްމަތިން ހަނދާން ކުރުމެވެ. އެދުވަހުގެ ބިރުވެރިކަމާއިމެދު ވިސްނައި ފިކުރުކުރުމެވެ. މިކަންކަން އިތުރުކުރި ވަރަކަށް ތަޤްވާވެރިކަން ދާނީ އިތުރުވަމުންނެވެ. ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަމާއި ދާނީ ދުރުހެލިވެވެމުންނެވެ.

އާޚިރަތް ދުވަސް މަތިން ހަނދާންކުރާ މީހާ ކިތަންމެ ފަސޭހައިން ލިބެން އޮތް ނަމަވެސް ހަރާމް ގޮތުގައި ލިބޭ ފައިސާ އާއި ތަކެތި ބޭނުމެއް ނުކުރާނެއެވެ. އޭނާ ބިރުވެތިވާނީ އެންމެހައި މީސްތަކުން އެއްކުރައްވަވައި ހިސާބު ބައްލަވާނެ ބޮޑު ދުވަހަށެވެ. އެދުވަހު ލިބިދާނެ ގަދަފަދަ އަޒާބަށެވެ.

ހަރާމް ތަކެތި ކައިގެން ޖަހާ މަސް ދިއުން ގާތީ ނަރަކައަށް ކަމަށް އޮތް ބަސްފުޅަށް އެމީހާ ބިރުވެތިވާނެއެވެ. އެކަމަށް ބިރުވެތިވާނަމަ ދުނިޔެމަތީގައި ލިބިދާނެ ވަގުތީ އުފަލަކަށްޓަކައި އަމިއްލަ ގައިގަ އާއި އަނބިދަރީންގެ ގައިގައި ޙަރާމް މަހެއް ނުޖައްސުވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް