އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު
ތިމާގެ ހިތް، އިޚްލާޞްތެރިކަމާއިއެކު އަބަދުވެސް ﷲ ތަޢާލާ އާއި ގުޅުވައި އެކަލާނގެ ރަޙްމަތަށް އުންމީދުކޮށްގެން ހުންނަ މީހާއަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް އަބަދުވެސް މިންވަރުކުރައްވަވާނެތެވެ. އެފަދަ މީހުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލުކޮށް އެކަމުން ހިތްފުރިގެން ހުންނަ ދުވަހެއް އަންނާނެއެވެ. އެދުވަސް އައުމުން ދުނިޔޭގައި ކުރިމަތިވާ އެއްވެސް ކަމަކަށް އެމީހަކު ކަންބޮޑެއް ނުވާނެއެވެ.
ދުނިޔޭގައި ތިމާ ކުރަން ބޭނުންވާ ކަންކަން ޙާޞިލު ނުކުރެވުނު ނަމަވެސް ކަންބޮޑެއްނުވާނެއެވެ. އެއީ ހުރިހާ ކަންކަން އެންމެ މޮޅަށް ރާއްވަވާ ފަރާތަކީ ﷲ ތަޢާލާ ކަމާއި ތިމާއަށް ކުރިމަތިވާ ކޮންމެ ކަންބޮޑުވުމަކީ ރަޙްމަތެއް ކަމުގައި ލައްވަވާނެކަމުގެ ޔަޤީންކަން އެމީހަކަށް ލބިފައި އޮންނާނެތީއެވެ!
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ ކަންބޮޑުވުންތަކުން ސަލާމަތްވެވިގެން ހުރެވުމެވެ. ހިތަށް އުފާވެރިކަން ލިބިގެން ހުރެވުމެވެ. އެކަން ކުރެވެން އޮތް ހަމައެކަނި މަގު މިބަޔާންކުރީއެވެ. އަހަރެމެންނަށް އޮތީ މިމަގުން ޢަމަލުކުރުމެވެ.
ޚުލާޞާއަކީ ދުނިޔޭގައި ކޮންމެ މީހަކަށްވެސް ތަފާތު ކަންކަން ކުރިމަތިވާނެއެވެ. ހާސްވެ ކަންބޮޑުވާންޖެހޭ އެތައް ކަމެއް ކުރިމަތިވާނެއެވެ. އޮތް ހަމައެކަނި ޙައްލަކީ އެފަދަ ކޮންމެ ކަމެއްވެސް ކުރިމަތިމިވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމާއި ޙައްލުކޮށް ދެއްވަވާނީވެސް ހަމައެކަނި ﷲ ތަޢާލާކަން ޤަބޫލުކުރުމެވެ. އަދި ކުރިމަތިވެފައިވާ ޙާލަތު އަބަދު ތިމާއާއިއެކުގައި ނުވާނެކަމާއި އެޙާލަތުން ސަލާމަތްކޮށް ދެއްވަވާނެކަން ޔަޤީންކުރުމެވެ.
ކޮންމެ ޙާލަތެއް ކުރިމަތިވިނަމަވެސް އެއިރުން ހުރެވޭނީ އުފަލުގައެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން
Advertisement
10 ޖުލައި 2025