އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަށި ތަންމައްޗެއްގަ ބިރުން ނުނިދި ފުރޮޅި ފުރޮޅި ތިބި 5 އަހަރު ހަނދާނަކުން ނުފިލާނެ: ޙުސައިން ޢަރީފް

ކަށި ތަންމައްޗެއްގަ ބިރުން ނުނިދި ފުރޮޅި ފުރޮޅި ތިބި 5 އަހަރު ހަނދާނަކުން ނުފިލާނެ: ޙުސައިން ޢަރީފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 23 ސިކުންތު

ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރަކީ ރައްޔިތުން ބިރުން ނުނިދި ކަށި ތަންމައްޗެއްގައި ފުރޮޅި ފުރޮޅި ތިބި 5 އަހަރު ކަމަށާއި އެހަނދާންތައް ދިވެހިން ދުވަހަކުވެސް ހަނދާނަކުން ނުފިލާނެ ކަމަށް ނޮޅިވަރަން ދާއިރާގެ މެންބަރު ޙުސައިން ޢަރީފް ވިދާޅުވެއްޖެއެވެ. 

"ޙަޤީޤަތަކީ އިއްޔެ ކަންކަން ވެގެންދިއަ ގޮތް ދިވެހި ހުރިހާ ރައްޔިތުން ވެސް ހަނދާނަކުން ފިލައިގެންނުދާނެކަން.  އަޅުގަނޑުމެން އުޅެންޖެހުނީ ވަރަށް ބިރުވެރި މާޙައުލެއްގެ ތެރޭގައި. އަޅުގަނޑުމެން ނިދަންޖެހުނީ ކަށި ތަންމައްޗެއްގެ މަތީގައި. އަޅުގަނޑުމެން ފުރޮޅި، އަޅުގަނޑުމެންނަށް ނުނިދޭ. ރާއްޖޭގައި، މި މުޖުތަމަޢުގައި ކަންކަން ހިނގައިދާ ގޮތާ މެދު ވިސްނައި ފިކުރުކުރީމަ. އަޅުގަނޑުމެންނަށް އަޑުއިވިގެން ފެނިގެންދަނީ، ގޮތްނޭނގޭ ގޮތަށް ގެއްލިގެންދިއަ ނޫސްވެރިންނާއި، ގޮތްނޭނގޭ ގޮތަށް ޝަހީދުކޮށްލި  ނޫސްވެރިންނާއި، ގޮތްނޭނގޭ ގޮތަށް މަރުވި މަގުތަކުގެ މައްޗަށް ކުކުޅުހާ ގޮތަށް ކަތިލައި އަޅާލި އެތަކެއް ދިވެހި ރައްޔިތުންގެ މަތީން. އަޅުގަނޑުމެންނަށް އެނގޭ ޙަޤީޤަތަކީ، މިކަންކަމަށް ފުންކޮށް ވިސްނީމާ، އެ ދުވަހު އަޅުގަނޑުގެ ދަރިފުޅު، ތިޔަ ބޭފުޅާގެ ދަރިފުޅު، ތިޔަ ބޭފުޅާއާ އެކުގައި ނިދާލަން މި ރޭ އޮވެވޭނެކަމުގެ، އާދެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތި ދިޔަ ދުވަސްތަކެއް އެއަކީ."

ރައީސް ޔާމީނުގެ ސަރުކާރާއި ގުޅުނުއިރު ވަރަށް ބިކަ ހާލުގައި ތިބި ބައަކު ކުއްލިއަކަށް ބޮޑެތި މަހުޖަނުންތަކަކަށް ވެގެންދިއަކަންވެސް ޙުސައިން ޢާރީފް ވަނީ ފާހަގަކުރައްވައިފައެވެ.

"އަޅުގަނޑުމެންނަށް ފެނިގެނދިއައީ ނިމިދިޔަ ސަރުކާރުގެ ވަޒީފާތަކަށް ވަން ފަރާތްތައް އެ ވަޒީފާއަށް ވަންއިރު އެ މީސްމީހުން ތިބި ހާލު. ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އެ މީހުން ތިބި ގޮތް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެނިގެންދިޔަ. އެ މަޤާމަކ ހަވާލުވިއިރުގައި ބޮލުގައި ހިރަފުސް ބުރައި، މީހާގެ ހަންކަށީގައި ތަތްލައި، މުޅި މީހާ މީދަލު ގުޔެއްހެން ތިބި މީހުން، މަސްޖަހައި ފަލަވެ، ބޮޑެތި މާޅިކަތަކާއި، ގެތައް ގަނެގެން، މުއްސަނދިވެގެން މި މުޖުތަމަޢުގައި އުދުހޭ މަންޒަރު މިއަދު ފެނިގެން އެބަދޭ. އެހެންވީމާ، މިޒާތަށް މުއްސަނދިވެފައި ތިބި މީހުން އެ ފައިސާ ހޯދި ގޮތެއް އަޅުގަނޑުމެން އެބަޖެހޭ ހޯދަން. މި ޤައުމުގެ ޚަޒާނާ ލޫޓުވައިލައިފި. ފޭރިގަނެއްޖެ. މި ކަންކަން ކޮށްބަހައްޓާފައި މިއަދު އެ ހުރިހާ ޗޯރުންތައް ، ލުޓޭރުންތައް ފޫގަޅާފައި، އަންބާކިޔާފައި އެ އުޅެނީ މި މަޖިލީހަށް ވަނުމުގެ މަސައްކަތްކުރަމުން އެ ދަނީ. އެކަން އެގޮތަށް ވެގެން ދިޔަދީގެންނުވާނެ." 

ޙުސައިން ޢަރީފް ވިދާޅުވީ ރައްޔިތުންގެ ފައިސާތަކުން ވައްކަން ކުރި މީހުންނަށްޓަކައިވެސް އެމީހުންނަށް ޙައްޤު އަދަބު ދެވެން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ޖެހޭނެ، އެ ބޭފުޅުންނަށް، އެ ބޭފުޅުންގެ ޙައްޤަށްޓަކައި ވެސް، އެ ބޭފުޅުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވެސް އަޅުގަނޑުމެން އެ ބޭފުޅުންނަށް ޙައްޤުވާ އަދަބު، އެ ބޭފުޅުންނަށް ދިނުން. އެއީ ބުއްދިވެރި ބަހެއްގައި ވޭ، ކުށްވެރިންނަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ، ކުށްކުރި މީހާއަށް އެކުށުގެ އަދަބު ދިނުމޭމިކަންކަން އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ބަލިވީމާ ޑޮކްޓަރަށް ގޮސް ކުރާ ބޭސްފަރުވާއިން ވެސް މީ ގެ ރީތި މިސާލު ފެނިގެންދޭ. އަޅުގަނޑުމެން ބަލިވީމާ އަޅުގަނޑުމެންގެ ގައިން މަސް ވެސް އެބަ ކޮށާ. އަޅުގަނޑުމެންގެ ގަޔަށް އެބަ ކަށި ވެސް ހަރާ. އަޅުގަނޑުމެންގެ ގައިން މަސްކޮށައި، އަޅުގަނޑުމެންގެ ގަޔަށް ކަށި ހަރައި މި ކަންތައްތައް އަޅުގަނޑުމެން ކުރަނީ އެކަން ކުރީމާ އަޅުގަނޑުމެންނަށް ޝިފާލިބޭނެކަމުގެ ޔަޤީންކަމާ އި، އުއްމީދު އޮތީމަ. އެހެންވީމާ، އަޅުގަނޑު ހަމަ ވަރަށް އުފާވެއްޖެ މިއަދު. އަޅުގަނޑު ޙަޤީޤަތުގައި ވެސް އިބްރާހީމް މުޙައްމަދު ޞާލިޙް ކެމްޕޭނުގައި ވިދާޅުވި ވާހަކަތަކަށް ވަރަށް ބޮޑަށް އުއްމީދު އާވެގެންދިޔަ ދުވަހެއް މިއަދަކީ." 

ޙުސައިން ޢަރީފް ވިދާޅުވީ ދިވެހިންނަކީ މާ ގިނަ ކަންތައްތަކަކަށް އެދެ ބައެއް ނޫން ކަމަށެވެ.  "އަޅުގަނޑުމެން ދިވެހިން؛ ހަމަ ޔަޤީނުން ވެސް އަޅުގަނޑު ނޭދެން މާ ގިނަ ކަންތައްތަކަކަށްއަޅުގަނޑު އެދެނީ ދިވެހި ރައްޔިތުންނަށް އިންސާފުވެރި ، އަމާން މުޖުތަމަޢެއްގައި ދިރިއުޅުމުގެ ފުރުޞަތު ދިވެހި ދައުލަތުން، ދިވެހި ސަރުކާރުން ހޯދައިދިނުން. އަޅުގަނޑުމެން އެދެނީ އެފަދަ މާޙައުލެއްގައި، އެފަދަ މުޖުތަމަޢެއްގައި އުޅެވޭނެ ގޮތް ސަރުކާރުން ތަނަވަސްކޮށްދިނުން. ކުށްވެރިން ހިފައި ހައްޔަރުކުރަންޖެހޭ."

ރައްޔިތުންގެ މަޖިލީހަކީ ކުށްވެރިންގެ ހާއްޔަކަވުމުން ސަލާމަތްކުރަން ޖެހޭ ކަމަށްވެސް ޙުސައިން ޢަރީފް ވަނީ ވިދާޅުވެފައެވެ.

"މި މަޖިލީހަކީ ތޯރާބޯރާގެ ހޮހަޅައެއް ނޫން. ހުރިހާ ޖަރީމާތަކެއް ހިންގައި، ހުރިހާ ކަމެއް ކޮށްފައި ޖެހިގެން އަންނަ މަޖިލީހަށް ކުރިމަތިލައިގެން އެފައިސާގަނޑު ތަޅާލައިބަހައްޓާފައި މިތަނަށް ވަދެ ކުށުން ފިލަން މިއީ ތޯރާބޯރާގެ ހޮހަޅައެއް ނޫން މި މަޖިލީހަކީ. މި ތަނަށް މުޖުރިމުން ވައްދައިގެންނުވާނެ. މި ތަނަށް ވައްދަންޖެހޭނީ ސާފުތާހިރު މީހުން. މި ތަނުގައި ރައްޔިތުންގެ  ޙައްޤުގައި ވަކާލާތު ކުރެވޭނީ ސާފުތާހިރު މީހުންނަށް. މި ދައުލަތް ފޭރިގަނެގެން، ދަމައިގަނެގެން ތިބި މީހުންގެ އަތުގައި މިއަދު ފައިސާ ފޮއްޗެއް ނެތިއްޔާ އެ މީސްމީހުންގެ ކިޑްނީ ވިއްކާފައި ވެސް ދިވެހި ދައުލަތަށް އޭގެ ބަދަލު ހޯދައިދޭންޖެހޭނެ." ކަމަށްވެސް ޙުސައިން ޢަރީފް ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް