އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚީޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކައުންޓަކަށާއި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ޔުނިކް ހޯމްސްއަށް ފައިސާ ޖަމާވެފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާންމުކުރި ތަހުގީގު ރިޕޯޓުން ހާމަވެއްޖެއެވެ.
އެގޮތުން އެސްއޯއެފް ކުންފުނީގެ އެކައުންޓުން ބައްސާމުގެ އެކައުންޓަށް 29،000 ޑޮލަރު ޖަމާވެފައިވާ ކަމަށާއި ޔުނިކް ހޯމްސް އަށް 265،117 ޑޮލަރު ޖަމާވެފައިވާކަން އެރިޕޯޓުން ހާމަވެއެވެ.
އެނގިފައިވާ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރު ކުރުމާއި ގުޅިގެން އޮއްޕޮ ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކޮށްފައެވެ. ނަމަވެސް މިހާރު އޭނާ ހުރީ ރާއްޖޭގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމްގެ އެކައުންޓަށް ވެސް ފައިސާ ޖަމާވިކަން ހާމަވެފައި މިވަނީ، އޭނާގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ސޯޝަލް މީޑިއާ ގައި ވެސް އެކި ފަރާތްތަކުން ގޮވާލާފައި ވަނިކޮށެވެ.
Advertisement
14 ފެބްރުއަރީ 2019