އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިވެރިޔާއަށްޓަކައި މުޅި ރޭގަނޑު ހޭދަކުރާއިރު ދޮޅު ގަޑިއިރު ﷲ އަށްޓަކާ ހޭދަ ނުކޮށް ﷲ ދެކެ ލޯބިވާކަމަކަށް ނުބުނެވޭނެ!

ލޯބިވެރިޔާއަށްޓަކައި މުޅި ރޭގަނޑު ހޭދަކުރާއިރު ދޮޅު ގަޑިއިރު ﷲ އަށްޓަކާ ހޭދަ ނުކޮށް ﷲ ދެކެ ލޯބިވާކަމަކަށް ނުބުނެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު

މީހަކު ދެކެ ލޯބިވެއްޖެނަމަ ލޯބިވެރިޔާ އާއިމެދު ވިސްނުމަށް އެތައް ރެއެއްގެ ނިދި އެބަ ނަގައިލަމުއެވެ. މިޒަމާނުގައި ހޭލާ އޮވެގެން މިކުރާ ކަމަކީ ދެމީހުންގެ މެދުގައި މެސެޖުތަކާއި ފޮޓޯތައް ބަދަލުކުރުމުގެ އެކަކަށްވުރެ މޮޅަށް ތަޢްރީފްކުރަން އަނެކަކު މަސައްކަތް ކުރުމެވެ. ލޯބިވެރިޔާ ރުހޭހައި ޢިބާރާތްތަކުން މެސެޖު ކުރުމެވެ.

އަހަރެމެން އެންމެ ބޮޑަށް ލޯބިވާން ޖެހޭނީ ﷲ ތަޢާލާ ދެކެއެވެ. އެއީ އެއްވެސް މުސްލިމަކު ދެކޮޅު ހަދާ ކަމެއް ނޫނެވެ. ﷲ ތަޢާލާ ދެކެ ލޯބިވާކަން ބަޔާންކޮށްދޭން ރޭގަނޑުގެ ހުރިހާ ވަގުތަކު ހޭލައި ހުންނާކަށް ނުޖެހެއެވެ.  އެހެންކަމާއިއެކުވެސް ﷲ ތަޢާލާ ދެކެ ލޯބިވާކަން ސާބިތުކުރަންވެސް ކުރަންޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ. އެއިގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ރޭގަނޑުގެ ބޮޑު ބައެއްގައި ނިދުމަށްފަހު ހޭލައި ދަމުނަމާދުކުރުމެވެ.

މިސާލަކަށް 10 ޖަހާއިރު ނިދާގޮތަށް4 ޖަހަންދެން ހަމަ ނިދަންވީއެވެ. އެއިރުން ހުންނާނީ 6 ގަޑިއިރު ނިދިފައެވެ. 4 ޖެހުމުން ތެދުވެ އަވަސްކޮށްލައި ދަމުނަމާދުކޮށްލަންވީއެވެ. އެއަށްފަހު އެމިޙަކު އެދޭހައި ކަމެއް ދެއްވެވުން އެދި ދުޢާކުރުންމަތީގައި ފަތިސްވަންދެން މަޑުކޮށްލަންވީއެވެ. މިއީ މިކަން ކުރަން އެދޭ މީހާއަށް އެއްވެސް ބުރަކަމަކަށް ނުވާނެއެވެ. އެހެންކަމާއިއެކުވެސް ނިކަން ބުނެބަލާށެވެ! ހަޔާތުގެ އެތައް އަހަރެއް ފާއިތުވެ ގޮސްފައިވާއިރު ﷲ ތަޢާލާގެ ލޯބި ލިބިގަތުމަށް ދަހިވެތިވެ މިބުނި ފަދައިން ކިތައް ރޭ އަމަލުކޮށްފިން ހެއްޔެވެ؟ މިސުވާލުގެ ޖަވާބު އަމިއްލަ ނަފްސަށް ދިނުމުން ﷲ ތަޢާލާ ދެކެ ލޯބިވެވޭ މިންވަރު އެނގޭނެއެވެ. އެއަށްފަހު ޚާއްޞަކޮށް ޒުވާނުން އެމީހުންގެ ލޯބިވެރިޔާއަށްޓަކައި އަމަލުކުރި ގޮތް، ނުވަތަ އަމަލުކުރާ ގޮތް ވެސް ހިތަށް ގެންނާށެވެ! ރަނގަޅަށް ވިސްނައިލާށެވެ! ﷲ ތަޢާލާ ދެކެ ލޯބިންވެސް ކުރަންޖެހެނީ ހަމަ އެއް ޒާތެއްގެ ކަންކަމެވެ. މިސާލަކަށް ޛިކްރް ކުރުމަކީ ﷲ ތަޢާލާއަށް ކުރެވޭ ތަޢްރީފްތަކެކެވެ. ތަޢްރީފްގެ މެސެޖުތައް ފޮނުވަން މިޖެހެނީ ﷲ ތަޢާލާއަށެވެ. ފޮނުވުމުން ދެ ދުނިޔޭގައިވެސް އެމީހަކަށް އެކަމުގެ ފައިދާ އެބަ ކުރެއެވެ.

ނަމަވެސް ފޯނަކުން ނޫނެވެ! ހިތާއި ދުލުންނެވެ! ﷲ ތާޢާލާ ދެކެ ލޯބިވުމުގައިވެސް ފޯނުގެ އެހީތެރިކަން ހޯދަންވީއެވެ. އެއީ ކީރިތި ޤްރުއާނާއި ޛިކްރްތައް ފޯނަށް އަޅައި އެ ބަލައިގެން ކިޔުމަށެވެ. ވީމާ ފޯނަކީވެސް ހަމަ ބޭނުންކުރަންވީ ވަސީލަތެކެވެ.

ނިކަން ވިސްނައިބަލާށެވެ. އިމްތިހާން ކައިރިވުމުން ފިލާވަޅު ދަސްކުރުމަށާއި އިމްތިހާނަށް ތައްޔާރުވުމަށް އެތައް ރެއެއްގެ ނިދި އެބަ ދޫކޮށްލަމުއެވެ. އެންމެ ބޮޑު އިމްތިހާނާއި ކުރިމަތިލާން ޖެހޭނީ މަރުވުމުންނެވެ. ޤިޔާމަތް ދުވަހުއެވެ. އެ އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން ނިދިން އެއްވެސް މިންވަރެއް ދޫކޮށްލައިފިން ހެއްޔެވެ؟ ނުކުރެވޭނަމަ އެ އިމްތިޙާނަށް ތައްޔާރުވުމަށް ތިބާއަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ޙަޔާތުގެ ދުވަސްތަކާއި ރޭތައް ބޭކާރުކޮށް ނުލާށެވެ! ކުރިމަތިލާން ޖެހޭނެ ބޮޑު އިމްތިޙާނަށް ފުރިހަމައަށް ތައްޔާރުވާން ފަށާށެވެ. 

އެ އިމްތިޙާނަށް ތައްޔާރުވުމުގައި ކުރިން މިކިޔައިދިން ކަންކަމުގެ ބޭނުން ހިފާށެވެ. ފަތިހު ނިދާފައި އޮންނަ މީހަކަށް ނުވާށެވެ. 4 ޖެހުމުން ހޭލައި އިމްތިޙާނަށް ތައްޔާރުވާން މަސައްކަތްކުރާ  މީހަކަށްވާށެވެ! 

ހަޤީޤަތުގައި 4 ޖަހާއިރު ހޭލައި ދަމު ނަމާދުކޮށް އަދި ފަތިސް ނަމާދުކުރަން ހޭދަކުރަންޖެހޭނީ އެންމެ ދޮޅުގަޑިއެއް ހައިއިރެވެ. އެވަރުގެ ވަގުތުކޮޅެއް ﷲ ތަޢާލާއަށްޓަކައި ހޭދަނުކުރާ މީހަކަށް ތިމާ ﷲ ތަޢާލާ ދެކެ ލޯބިވާ ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު