އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުގެ 15 ވަނަ ފުޓްސަލް މުބާރާތް "ޑެސްކަޕް 2019" ފަށައިފި

ދިރާގުގެ 15 ވަނަ ފުޓްސަލް މުބާރާތް "ޑެސްކަޕް 2019" ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 20 ސިކުންތު

ކުޅިވަރުގެ ރޫހާއި މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާކުރުމަށް ދިރާގު މުވައްޒަފުންގެ މެދުގައި ބާއްވާ "ޑެސްކަޕް 2019" ފުޓްސަލް މުބާރާތް ފަށައިފިއެވެ.

 

މިމުބާރާތަކީ 2005 ވަނަ އަހަރުން ފެށިގެން ވިދި ވިދިގެން ކޮންމެ އަހަރަކު ބާއްވާ ފުޓްސަލް މުބާރާތެކެވެ.

 

"ޑެސްކަޕް" އަކީ ދިރާގު މުވައްޒަފުންގެ ޖަމިއްޔާ "އީކްލަބް" އިން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. އެގޮތުން މި އަހަރުގެ މުބާރާތް ކުރިއަށް ދާނީ 16 މާރިޗް އިން 22 މާރިޗް 2019 ގެ ނިޔަލަށް އެފްއޭއެމް ޓަރފު 2 ގައި ކަމަށް ދިރާގުން ބުނެފައިވެއެވެ.

 

މި އަހަރުގެ ޑެސްކަޕްގައި ޖުމްލަ 26 ޓީމުން 360 ކުޅުންތެރިން ބައިވެރިވާއިރު އޭގެ ތެރޭގައި ހިމެނެނީ 20 ފިރިހެން ޓީމާއި 6 އަންހެން ޓީމެވެ. އެގޮތުން ރާއްޖޭގެ 9 ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގެ މުވައްޒަފުން ގުޅިގެންވެސް ވަނީ 3 ޓީމު ހަދައި މުބާރާތުގައި ވަނީ ބައިވެރިވެފައެވެ.

 

މިއަހަރުގެ މިމުބާރާތް ފެށުމުގެ ގޮތުން ވެސް ދިރާގު އެކްސްކޮމް އަދި ސީނިއަރ މެނޭޖްމަންޓް ގެ މެދުގައި ވަނީ ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފައިއެވެ.

 

މި މުބާރާތް ކުރިއަށްގެންދާނީ ލީގް ސިސްޓަމަށް ޖުމްލަ 3 ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ، މެންސް ޕްރިމިއަރ ލީގް، މެންސް ސުޕަރ ލީގް އަދި ވިމެންސް ފިއެސްޓާ އެވެ.

 

"އީކަލްބުން މަސައްކަތް ކުރަމުން ދަނީ އަހަރަކަށް ވުރެ އަހަރެއް ޑެސްކަޕްގެ ފެންވަރު މަތިކޮށް މުވައްޒަފުން ހިންހަމަޖެހޭ ގޮތަކަށް މުބާރާތް ކުރިއަށް ގެންދިޔުމަށް. އެގޮތުން މި މުބާރާތް އިންތިޒާމު ކުރަން ވަކި ވަކި ކޮމިޓީތައް ހަދައި ވީހާވެސް ގިނަ މުވައްޒަފުން ޝާމިލު ކޮށްގެން މުބާރާތް ހިންގުމަށް ދަނީ މަސައްކަތް ކުރަމުން. ސަބަބަކީ ޑެސްކަޕަކީ ދިރާގުން މުވައްޒަފުންނަށް ބާއްވާ ހުރިހާ ހަރަކާތްތަކުގެ ތެރޭގައިވެސް މުވައްޒަފުން އެކަމަށް އެންމެ އިންތިޒާރު ކުރާ ހަރަކާތް ކަމަށް ވާތީ. ކުޅެން ދަނޑަށް ނޭރި ކަމުގައި ވިޔަސް ކޮންމެވެސް އެއް ސިފައެއްގައި ދިރާގު ހުރިހާ މުވައްޒަފުންވެސް މި މުބާރާތުގައި ބައިވެރިވާ ކަމަކީ އަޅުގަނޑު ވަރަށް އުފަލާއިއެކު ފާހަގަކުރާ ކަމެއް. އަދި ހަމަ އެހެންމެ މެނޭޖެމަންޓްގެ ފަރާތުން ލިބޭ އެއްބާރު ލުމަކީ މިފަދަ ހަރަކާތްތައް ފުރިހަމަ ކަމާއި އެކު ކުރިއަށް ގެންދިޔުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް" ދިރާގު "އީކްލަބް" ގެ ޗެއަރމަން އަދި މެނޭޖަރ ހެލްތް އެންޑް ސޭފްޓީ، މުހައްމަދު ޝަފީއު ވިދާޅުވިއެވެ.

 

ދިރާގުގެ 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، އެކުންފުންޏަކީ ސައްތައަކުން 99 ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންޏެކެވެ. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމަށް އަދި މުވައްޒަފުންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތް ޕްރޮމޯޓު ކުރަން ދިރާގުން ދަނީ ތަފާރު ހަރަކާތްތަށް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދަމުންނެވެ. "ޑެސްކަޕް" އަކީ ވެސް މި މޭރުމުން ދިރާގުން ހިންގާ ގިނަހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ