އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުގަ ޚުޝޫޢަތްތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް!: މުފްތީ މެންކް

ނަމާދުގަ ޚުޝޫޢަތްތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 5 ސިކުންތު

ނަމާދުގައި ޚުޝޫޢަތްތެރިވުމަށް ބޭނުންނަމަ ކުރަންޖެހޭ އެއްކަމަކީ ބެލުންތައް ތިރިކުރުމެވެ. މިހެން ބުނީމާ އެކަމާއި ނަމާދާއި ހުރި ގުޅުމަކީ ކޮބައިތޯ ސުވާލުކޮށްފާނެއެވެ. ވީމާ ވިސްނާށެވެ. 

ތިބާ ގެއިން ނުކުމުގެން ހިގާފައި ނުވަތަ ވެހިކަލެއްގައި އަންނަނީ ނަމާދަށެވެ. އަންނައިރު ބަލަން ނުޖެހޭ ތަންތަނަށް ބަލަމުން އަންނަނަމަ މިސްކިތަށް އަރައި ނަމާދަށް ޙަރަމް ބަންނައިރުވެސް ހުރެވޭނީ މަގުމަތިން ފެނުނު ކަންކަމުގެ ފިކުރުގައެވެ. ޚާއްޞަކޮށް ތިބާއަށް ފެނުނު ތިބާ ޝައުޤުވެރިވާފަދަ އަންހެން ކުދިންގެ ފިކުރުގައެވެ. ކިތަންމެ ނޫން ކަމަށް ހެދެން އުޅުނު ނަމަވެސް މިއީ އިންސާނީ ޠަބީޢަތެވެ. ވަކި މީހަކީ އިސްތިސްނާއެއް ނޫނެވެ. އިސްތިސްނާ މީހަކަށް ވެވޭނީ ބެލުންތައް ތިރިކޮށް ނުބަލައިގެންނެވެ. 

ނަމާދުގައި ޚުޝޫޢަތްތެރިވުމަށްޓަކައި ސިކުނޑީގައި ހުންނަ ކަންކަން މަދުކުރަން ޖެހެއެވެ. ސިކުނޑީގައި ހުންނަ ކަންކަން މަދުކުރެވޭނީ ޒިންމާތައް މަދުކޮށްގެންނެވެ. ޒިންމާތައް މަދުކުރަން ޖެހޭ އެއްކަމަކީ އެހެން މީހުންނާއި ޒިންމާތައް ޙަވާލުކުރުމެވެ. މިސާލަކަށް ތިބާއަކީ އޮފީހެއްގައި މަސައްކަތްކުރަން ޖެހޭ މީހަކަށް ވެދާނެއެވެ. އެހެންކަމަށްވާނަމަ އެހެން މުވައްޒިފުންނާއި ހަވާލުކުރެވެން ހުންނަ ކަންކަން އެހެން މުވައްޒިފުންނާއި ހަވާލުކުރުމަށްފަހު އެކަންކަން އެމީހުން ކުރޭތޯ ބަލާށެވެ. 

ގޭތެރޭގެ ޒިންމާތަކުގެ ތެރެއިންވެސް އަނބިމީހާ އާއި ހަވާލުކުރެވެން ހުންނަ ޒިންމާތައް އަނބިމީހާ އާއި ހަވާލުކުރާށެވެ! ޢާއިލާގެ އެހެން މީހުންނާއި ހަވާލުކުރެވެން ހުންނަ ޒިންމާތައް އެހެން މީހުންނާއިވެސް ޙަވާލުކުރާށެވެ! ހުރިހާ ކަމެއް އަމިއްލައަށް ކުރަން ވިސްނާ ނަމަ ސިކުނޑިއަށް ވަރަށް ބަރު ބޮޑުވާނެއެވެ! ސިކުނޑިއަށް ބަރުބޮޑުވާވަރަކަށް ނަމާދުގައި ޚުޝޫޢަތްތެރިވާން އުނދަގޫވާނެއެވެ. 

ހަމަ އެއާއިއެކު ކޮންމެ މީހަކީވެސް އެމީހަކު ކުރަންޖެހޭ ކަންކަން ނިންމަންޖެހޭ ގަޑިއަށް ނިންމަމުންދާ މީހަކަށްވާށެވެ! އެއިރުން އެކަން ނުނިމި އޮތީތީ ނަމާދުގައި ހުރެގެން ވިސްނާކަށް ނުޖެހޭނެއެވެ. 

ޙަޤީޤަތުގައި މިމައްސަލަތައް ނަމާދަށް ހުންނައިރު އިތުރުވެގެންދަނީ ޝައިޠާނާ މިފަދަ ހުރިހާ ކަމެއް ނަމާދަށް ހުންނަ ވަގުތު ހިތަށް ގެނުވާތީއެވެ. ނުކުރެވި ހުންނަ ކަންކަން ހަނދާންކޮށްދޭތީއެވެ. ކޮންމެހެން ކުރަންޖެހޭ ކަންކަން ހަނދާންކޮށްދޭތީއެވެ. ޒުވާނުންނަށް އެންމެ ގިނައިން ހަނދާންކޮށްދޭނެ އެއް ކަމަކީ ލޯބިވެރިޔާއެވެ! 

ޙަޤީޤަތުގައި ނަމާދަށް ދިއުމަކީ އެހައި ފަސޭހަކަމެއް ނޫނެވެ. މިބުނަނީ ނަމާދަށް ދިއުމަކީ އެއްވެސް ބުރަކަމަކަށްވާ ވާހަކައެއް ނޫނެވެ. މިބުނަނީ ނަމާދަށް ދިއުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ގިނަ ވާހަކައެވެ. އެތައްޔާރީތައް ނުވެ ހުރެ ނަމާދަށް ފެށި ނަމަވެސް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން އުނދަގޫވާނެ ވާހަކައެވެ. އެތައްޔާރީތައް ނުވެ ހުރެ ނަމާދަށް ފެށި ނަމަވެސް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ވަރަށް އުނދަގޫވާނެ ވާހަކައެވެ. 

އަބަދުވެސް ބުނާ ފަދައިން ނަމާދު ނަމާދަކަށް ވާނީ ޚުޝޫޢަތްތެރިކަމާއިއެކުގައި ނަމާދުކުރުމުންނެވެ. ވީމާ ޚުޝޫޢަތްތެރިވުމުގެ ވާހަކައަކީ ގިނައިން ހަނދާންކޮސްދޭން ޖެހޭ ވާހަކައެކެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް