އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޢްޖިޒާތެއް ފަދައިން ތިބާ އެދޭ ކަންކަމަށް މަގުފަހިވާނެ ދޮރުތައް ހުޅުވިގެން ދިއުމަށް އެދެމު ހެއްޔެވެ؟: މުފްތީ މެންކް

މުޢްޖިޒާތެއް ފަދައިން ތިބާ އެދޭ ކަންކަމަށް މަގުފަހިވާނެ ދޮރުތައް ހުޅުވިގެން ދިއުމަށް އެދެމު ހެއްޔެވެ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 28 ސިކުންތު

ތިބާ ހީވެސް ނުކުރާ ފަދަ ގޮތްތަކަށް، މުޢްޖިޒާތެއް ފަދައިން ތިބާ އެދޭ ކަންކަމަށް މަގުފަހިވެގންދާނެ ދޮރުތައް ހުޅުވިގެން ދިއުމަށް ތިބާ އެދެމު ހެއްޔެވެ؟ އެދޮރުތައް ހުޅުވުމުގެ ތަޅުދަނޑި ވަނީ ތިބާގެ އަތުގައެވެ. ހުޅުވުމުގެ އިޚްތިޔާރުވެސް ވަނީ ތިބާގެ އަތުގައެވެ. މިހުރިހާ ކަމެއް ﷲ ތަޢާލާ ވަނީ ތިބާ އާއި ޙަވާލުކުރައްވަވައިފައެވެ. 

އެ ތަޅުދަނޑިއަކީ ގިނަގިނައިން ތައުބާވުމާއި ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާ ކުރުމެވެ. އެހެނީ ގިނަގިނައިން ތައުބާވެ ފާފަ ފުއްސެވުން އެދި ދުޢާކުރުންމަތީގައި ދެމިހުރުމަކީ މުޢްޖިޒާތެއް ފަދައިން ތިބާ އެދޭ ކަންކަމަށް މަގުފަހިވާނެ ދޮރުތައް ﷲ ތަޢާލާ ހުޅުއްވަވައި ދެއްވަވާނެ ކަމެކެވެ. 

އަހަރެން ރަނގަޅަށް ދަންނަ މީހަކު މައްކާގެ ޙަރަމްފުޅުގެ އަރިއަހުގައި ހުރެ ރޮއެފައި ދުޢާއެއް ކުރިއެވެ. އޭނާއަށް އެންމެ ބޭނުން ބޮޑުވެފައިވާ ކަންތަކަށް އެދިއެވެ. ރޮއިފައި ދުޢާ ކުރުމުން ދުޢާ އިޖާބަ ކުރެއްވެވިގެން އޭނާ އާއި ހަމައަށް އައުމަށް ދުވަސްކޮޅެއް ނެގިއެވެ. މަދު މަސްކޮޅެކެވެ. ނަމަވެސް ދުޢާ އިޖާބަވެގެން އައީ އޭނާ އެދުނު ކަންތަކުގައި އެއިރަށްވުރެވެސް މާ ބޮޑަށް ބޭނުންވި ވަގުތެއްގައެވެ. އެހެންކަމުން ލިބުނު ފައިދާ އާއި އުފާވެރިކަން ވެސް އެތައް ގުނައަކަށް އިތުރުވެ މާބޮޑުވެގެންދިއައެވެ. 

މިހެން މިވަނީ ތިބާ ކުރާ ދުޢާ ﷲ ތަޢާލާ އައްސަވައި ވޮޑިގަތުމާއެކުވެސް އަދި އިޖާބަ ކުރެއްވެވުމާއިއެކުގައިވެސް ތިބާ އާއި ހަމައަށް ނައިސް ދުވަސްކޮޅެއް ނަގާތީއެވެ. ދުޢާއެއް ކުރަންޖެހޭ ގޮތުގައި ކުރެވިއްޖެނަމަ އިޖާބަ ނުކުރައްވަވައި ދުލެއް ނުކުރައްވަވާނެތެވެ. އިޖާބަ ކުރެއްވެވިގެން އެމީހަކާއި ހަމައަށް އައުން ލަސް ކުރައްވަވަނީ އެމީހަކަށް އެންމެ ފައިދާ ކުރާނެ ވަގުތުގައި އެކަންތައް ހިންމަވައި ދެއްވެވުމަށެވެ. އެކަން އަހަރެމެންނަށް ހަމަ ނުއެނގެނީއެވެ. 

ދުޢާއެއް އިޖާބަވުން ލަސްވެގެންދާނަމަ އުންމީދު ކަނޑައިލަންވީއެއް ނޫނެވެ. ކުރަންޖެހޭ ކަމަކީ ގިނަގިނައިން ތައުބާވުމެވެ. ފާފަތައް ފުއްސަވައި ދެއްވަވާތޯ ދުޢާ ކުރުމެވެ. އިސްތަޣްފާރު ކުރުން ގިނަ ކުރުމެވެ. އިތުރު އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތެވެ. 

މިހެން ބުނުމުން ބައެއް މީހުން އެބަ ސުވާލުކުރެއެވެ. އަހަރެން އެއްވެސް ފާފައެއް ނުކުރަމެވެ. ވީއިރު އެހައި ގިނައިން ތައުބާވާން ޖެހެންވީ ކީއްވެގެން ހެއްޔެވެ؟ މީސްތަކުންނޭވެ! ރަސޫލް (ޞޢވ) އަކީ އިތުރު އެކަލޭގެފާނުގެ އިސްވެ ގޮސްފައިވާ ފާފަތަކާއި އަދި މުސްތަޤްބަލުގައި ކުރެއްވެވޭނެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާފައިވާ ބޭކަލެކެވެ. ނަމަވެސް އަބަދުވެސް ދެމިހުންނެވީ ތައުބާވެވަޑައިގަތުން މަތީގައެވެ. އެއީ ކޮން ފާފައެއް ކުރެއްވިގެން ހެއްޔެވެ؟ 

ރަސޫލް (ޞޢވ) އެކަންކަން އެގޮތަށް ކުރެއްވެވީ އަހަރެމެން އަމަލުކުރަންވީ ގޮތް ދަސްކޮށްދެއްވެވުމަށެވެ. އަބަދުވެސް ތިބެންޖެހޭނީ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުންމަތީގައިކަން މީސްތަކުންނަށް ދަސްކޮށް ދެއްވެވުމަށެވެ. އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. 

ހަމަ އެއާއިއެކު ތިމާއަކީ ފާފައެއް ނުކުރާ މީހެއް ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ އެއީ ކާކަށް ބުނެވޭނެ ބަހެއް ހެއްޔެވެ؟ ކަންކަމަށް ކުރިމަތިލާން ބޭނުންވެގެން ކުށުގެ ރެކޯޑް ސާފުކުރާ ފަދައިން ކުރެވިފައިވާ ފާފަތަކުގެ ރެކޯޑް ސާފުކޮށްދިނީ ކޮން ފަރާތަކުން ހެއްޔެވެ؟ ރެކޯޑް ސާފު ނުކުރެވި ފާފައެއް ނުކުރާކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް