އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދެމަފިރިންގެ މެދުގައި ދުވާލު ޖެހޭ މައްސަލަތައް އިރުއޮއްސުމުގެ ކުރިން ހައްލު ނުކުރާނަމަ ޝައިޠާނާ މެދަށްވަދެ މައްސަލަތައް ބޮޑުކުރާނެ!: މުފްތީ މެންކް

ދެމަފިރިންގެ މެދުގައި ދުވާލު ޖެހޭ މައްސަލަތައް އިރުއޮއްސުމުގެ ކުރިން ހައްލު ނުކުރާނަމަ ޝައިޠާނާ މެދަށްވަދެ މައްސަލަތައް ބޮޑުކުރާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 45 ސިކުންތު

މިހާރަކަށް އައިސް އެންމެ ގިނަ މީހުން ކުރާ ޝަކުވާ އަކީ ޙަޔާތުގެ ބައިވެރިޔާ އެމީހަކާއި އަޅައިނުލުމުގެ ޝަކުވާއެވެ. ޝަކުވާ ކުރަނީ ހަމައެކަނި އަންހެނުންނެއްވެސް ނޫނެވެ. ފިރިހެނުންވެސް ހަމަ އެޝަކުވާ ކުރެއެވެ. މިކަމުން އެނގެނީ މައްސަލަ ދެބައިމީހުންގެ ވެސް އެބައޮތް ކަމެވެ. ކޮންމެ މީހަކުވެސް އެދެނީ އެކަމުގައި ކޮންމެވެސް ބަހެއް ބުނެދިނުމަށެވެ. 

އެންމެ ފުރަތަމަ ވެސް ވިސްނައިލަންވީ ކައިވެނީގެ ބޭނުމަށެވެ. ކައިވެނީގެ އެންމެ ބޮޑު ބޭނުމަކަށްވާން ޖެހޭނީ އެކަކު އަނެކަކަށް އެހީތެރިވެދިނުމެވެ. އަނެކާގެ ތަކްލީފްތައް ކުޑަކޮށްދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމެވެ. އެކަކަށް ލިބޭ ހިތާމައާއި އުފަލުގައި އަނެކަކުވެސް ބައިވެރިވުމެވެ. އެކަކު އަނެއްކެ ހިތް ހަމަޖައްސައިދިނުމެވެ. ލޯބިން ދިރިއުޅުމެވެ. އެހެން ހުރިހާ ކަންކަން ގެންނަން ޖެހޭނީ މިކަންކަމުގެ ފަހަތަށެވެ. 

ކޮންމެ ދެ މީހެއްގެ މެދުގައިވެސް މައްސަލަތައް ކުރިމަތިވާ ފަދައިން ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް މައްސަލަތައް ކުރިމަތިވާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ. ވީމާ ދުވާލު ޖެހޭ މައްސަލަތައް ދެމަފިރިން މަޝްވަރާކޮށްގެން އިރު އޮއްސުމުގެ ކުރިން ޙައްލުކުރާށެވެ. ރޭގަނޑު ޖެހޭ މައްސަލަތައް ނިދުމުގެ ކުރިން ޙައްލުކުރާށެވެ! ނޫންނަމަ ދެމީހުންގެ މައްސަލަތަކުގެ ތެރެއަށް ޝައިޠާނާ ވަދެގަނެ މައްސަލަތައް އެތައް ގުނައަކަށް ބޮޑުކުރާނެއެވެ. 

މީހުން ކުރާ ޝަކުވާތަކަށް ބަލާއިއރު އެންމެ ގިނައިން ޖެހޭ މައްސަލައަކީ ފޯނުގައި ހުންނަން ނުޖެހޭނެ މެސެޖްތައް ހުރުމެވެ. އަނހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް ވިސްނައިލަންވީ ކަމަކީ މިފަދަ ކަމެއް މެދުވެރިވުމުން ދެން ކަންތައްތައް ވެގެންދާނެ ގޮތަކަށެވެ. މިސާލަކަށް ތިމާގެ ފޮނުގައި ހުރި ފަދަ މެސެޖުތަކެއް އަނެކާގެ ފޯނުން ތިމާއަށް ފެނުމުން ދެން ތިމާއަށް ކުރާނެ އަސަރަށެވެ. 

"ހައި. ކޮންތާކު؟ މިސް ޔޫ" ފަދަ މެސެޖުތައް ހިލޭ މީހެއްގެ ކިބައިން ލިބޭކަށް ނުޖެހޭނެއެވެ. މިފަދަ މެސެޖުތައް ގިނަ ފަހަރު ނިމިފައި ހުންނަނީ ކައިވެނީގެ ބޭރުން ފާހިޝް އަމަލުތައް ހިންގުމާއި ހަމައިންނެވެ. މީގެ އިތުރުން ހިލޭ މީހުންނާއި ބާއްވަން ނުޖެހޭ ގުޅުން ބޭއްވުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. 

މިފަދަ އަމަލުތައް ކުރާ މީހުން އެންމެ ބޮޑަށް ވިސްނަން ޖެހޭނީ އެމީހުންގެ ދަރިންނަށެވެ. މަންމަ އާއި ބައްޕައަކީ ދަރިންނަށް ނަމޫނާ ބައަކަށް ނުވާނަމަ ދަރިންނަކީ ހަރުދަނާ ބައަކަށް ވުމަށް އެދެވޭނީ ކިހިނަކުން ހެއްޔެވެ؟ ދަރިންގެ ހިތުގައި ޖައްސައި ރޮއްވުމަށްފަހު ދަރިންގެ ކިބައިން އޯގާތެރިކަމަށް ބޭނުންވާ ދުވަހު އެކަން ލިބޭނެ ކަމަށް އުންމީދުކުރަނީ ހެއްޔެވެ؟ އެފަދަ ދުވަހަކު ދަރިންގެ ކިބައިން ލިބޭނީ ކޮންމެވެސް މިންވަރެކެވެ. ފުރިހަ ލޯތްބާއި އަޅައިލުމެއް ނުލިބޭނެއެވެ. 

ޙަޔާތުގެ ބައިވެރިޔާއަށް ޚިޔާނާތްތެރިވުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ކުށެވެ. އަދި އެއީ އެންމެ ބޮޑެތި ޚިޔާނާތްތަކުގެ ތެރެއިން ހިމެނޭ ޚިޔާނާތެކެވެ. އެކަމަށް ޙައްޤު އަދަބު އެމީހަކަށް ލިބިގެންދާނެއެވެ. ޢާއިލީ ނުވަތަ ދެމަފިރިންގެ ކަމަކަށްވީތީ ޙައްޤު ޖަޒާ ނުލިބިއެއް ނުދާނެއެވެ. ވީމާ ދެމަފިރިންކުރެ ކޮންމެ މީހަކުވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ. 

ކައިވެންޏަށްފަހު އެކަކު އަނެކަކަށް ތެދުވެރިނުވާނަމަ އެކަމުގެ އުޤޫބާތް އެމީހަކާއި އަރައި ހަމަކުރާނެއެވެ. އެކަން މެދުވެރިވާނީ ކިހިނެއް؟ ކޮންއިރަކު؟ ކޮން ސިފައެއްގައިކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. 

ބައެއް ހާލަތްތަކުގައި ފާފަތަކަސް އަރައިގަތުމަށްފަހު އެކަން އެހެންވީ އަނެކާގެ ސަބަބުން ކަމަސް އެބަ ބުނެއެވެ. ނަމަވެސް މިއީ އެއްވެސް ޙާލެއްގައި ބުނެވިގެންވާނެ ބަހެއް ނޫނެވެ. މީހަކާއި ހުރެ އެހެން މީހަކަށް ފާފަ ކުރެވެން ޖެހޭނެ އެއްވެސް ސަބަބެއް ނުއޮންނާނެއެވެ. ފާފަ ކުރެވޭނީ ހަމަ އެމީހަކު ކުރުމުންނެވެ. އެކަމުގެ ހުރިހާ ޒިންމާތަކެއް އުފުލަން ޖެހޭނީ ހަމަ އެމީހެކެވެ. 

ކައިވެނިކޮށް ދަރިން ލިބުމަށްފަހު އިތުރު މޮޅު ގޮތްތައް ހޯދަން ނުއުޅޭށެވެ! ތިމާއަށް ﷲ ތައާލާ މިންވަރު ކުރެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވެ ބައިވެރިޔާ އާއިއެކުގައި ދިރިއުޅެން މަސައްކަތްކުރާށެވެ! މައްސަލަތަކާއިއެކުގައިވެސް މެއެވެ. ދިރިއުޅުމަކީ މަތިވެރި ޤްރްބާނީއެކެވެ. އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާނެތެވެ! ދަތި އުނދަގޫތަކާއިއެކު ދިރިއުޅޭނަމަ އެމީހަކަށް އެކަމަށް ޙައްޤު ޖަޒާ ﷲ ތައާލާ ދެއްވަވާނެތެވެ! ވީމާ ދުނިޔޭގެ އެދުމަށް ހެއްލި އާވާރާވެ އަމިއްލަ ދިރިއުޅުން އަމިއްލައަށް ހަލާކު ނުކުރާށެވެ! މައްސަލަތައް ހުރި ނަމަ ޙައްލަށް އެދި ދުޢާކުރާށެވެ! ﷲ ތަޢާލާ ޙައްލުކޮށް ދެއްވަވާނެތެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

 

އާރޓިކަލް ރޭޓްކުރައްވާ


24%
ވ.ރަނގަޅު
10%
ރަނގަޅު
35%
އޯކޭ
29%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް