އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޯގާތެރިކަމާ ހިތްހެޔޮކަމުގެ ލާމަސީލު މިސާލެއް ކަމުގައިވާ ޑރ. ފަރުޒާނާ އަވަހާރަވެއްޖެ!

އޯގާތެރިކަމާ ހިތްހެޔޮކަމުގެ ލާމަސީލު މިސާލެއް ކަމުގައިވާ ޑރ. ފަރުޒާނާ އަވަހާރަވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 24 ސިކުންތު

މިދިޔަ ރޯދަމަހުގެ ފަހުކޮޅުން ފެށިގެން ކޯމާއެއްގައި އޮންނެވުމަށްފަހު، ޑރ. ފަރުޒާނާ ޚާތޫން (69އ.) އިނގިރޭސި ވިލާތުގައި ރޭ އަވަހާރަ ވެއްޖެއެވެ.

 

ރާއްޖޭގެ ފުރަތަމަ ކަރުންމަތީގެ ޑޮކްޓަރ، ޑރ. މުޙައްމަދު ވަހީދު ގެ އަނބިކަނބަލުން ޑރ. ފަރުޒާނާ އަކީ، ރާއްޖޭގެ ސިއްޙީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭކަނބަލެކެވެ.

 

ޕާކިސްތާނަށް އުފަން ޑރ. ފަރުޒާނާ، މީގެ ހައެއްކަ އަހަރު ކުރިން ރިޓަޔާ ކުރެއްވުމާ ހަމައަށް، މަސައްކަތް ކުރެއްވީ ތެލެސީމިއާ ސެންޓަރުގެ ސީނިއާ ރަޖިސްޓްރާ އިން މެޑިސިން ގެ މަގާމުގައެވެ. ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވާތާ 20 އަހަރުވުމާއި ގުޅިގެން އެކަމަނާއަށް ވަނީ 2002 އަހަރުގެ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު ޕެންޝަން ވެސް ލިބިވަޑައިގެންފައެވެ.

 

ރިޓަޔާވުމަށްފަހު ޑރ. ފަރުޒާނާ ދިރިއުޅުއްވީ އިނގިރޭސިވިލާތުގައެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ރާއްޖެ ވަޑައިގަންނަވައެވެ. އެނގިފައިވާ ގޮތުގައި އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ މިދިޔަ ރޯދަމަސް ތެރޭގައެވެ. ނަމަވެސް އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު ހާލުކޮޅު މާސީރިއަސްވެ، ކޯމާ އަކަށް ދިޔައީއެވެ.

 

ޑރ. ފަރުޒާނާގެ ފިރިކަލުން ޑރ. ވަހީދު އަވަހާރަވީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. އެދެބޭފުޅުންނަށް ތިން ކުދިން ލިބިފައިވެއެވެ.

 

ގިނަ ބަޔަކަށް ޑރ. ފަރުޒާނާ ފާހަގަކުރެވިފައިވަނީ ބަލިމީހުންނަށް ނުހަނު އޯގާތެރި އަދި ކުޑަކުދިންނަށް ވަކިން ބޮޑަށް އަޅާލާ، ޚިދުމަތް ދިނުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާ ހެޔޮލަފާ ބޭކަނބަލެއްގެ ގޮތުގައެވެ.

 

މާތް ﷲ އެމަރުޙޫމާގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި. އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އާއިލާއަށް ކެތްތެރިކަންދެއްވާ ހިތްވަރު ގަދަ ކުރައްވާށި، އާމީން.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ