އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު
އިސްލާމް ދީނުގައި ކައިވެނި ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ހަމައެފަދައިން ވަރިކުރުމަކީ ވެސް އެހައި ފަސޭހަކަމެކެވެ. ކައިވެނިކުރުމާއި ވަރިކުރުމަކީ އެހައި ފަސޭހަ ކަމެއްގެ ގޮތުގައި ލައްވަވާފައިވަނީ 3 އިރު ހެދުން ބަދަލުކުރާ ފަދައިން އިނދެ ވަރިކުރާކަށް ނޫނެވެ. ފަސޭހައިން ކައިވެނިވެސް ވަރިވެސް ނުކުރެވޭނަމަ ކުރިމަތިވާނެ މައްސަލަތަކުން ސަލާމަތްވުމުގެ ފުރުޞަތު ދިނުމަށެވެ. އެއްވެސް ޙާލެއްގައި އެއް ދުވަހު ކައިވެނިކޮށްފައި އަނެއް ދުވަހު ވަރިކުރަން ހިތްވަރުދިނުމަކަށް ނޫނެވެ.
ބައެއް މީހުން ހެނދުނު އޮފީހަށްދާ ހެދުން މެންދުރު އޮފީހުން އައިސް ބަދަލުކުރެއެވެ. އެއަށްފަހު ލާ ހެދުން ބާލައި ރޭގަނޑު ބޭރަށް ދާން ލަނީ އައު ހެދުމެކެވެ. ސާފުތާހިރުކަމުގެ ގޮތުން ބަލައިފިނަމަ އެއީ ވަރަށް ރަނގަޅު ގޮތެކެވެ. ނަމަވެސް ކައިވެނީގެ ގުޅުމާއިމެދު އެގޮތަށް އަމަލުކޮށްގެން ނުވާނެއެވެ. ކައިވެނިކޮށް ވަރިކުރަން ޖެހޭނީ ފިހާރައަކުން ރީތި ހެދުމެއް ފެންނައިރަށް ގަނެގެން ލައި އުޅޭ އުޞޫލުން ކަންކުރާކަށް ނޫނެވެ. އަދި ހެދުން ކިރިޔާ ބައުވެލާއިރަށް އެއްލައިލާ އުޞޫލުން ކަންކުރާކަށް ވެސް ނޫނެވެ. ކައިވެނީގެ ގުޅުމަކީ އެއަށްވުރެ މާމަތިވެރި ގުޅުމެކެވެ.
ކައިވެނިތައް އަހަރެމެން ރަޖިސްޓްރީ ކުރަނީ ކޯޓުތަކުގައެވެ. ނަމަވެސް ބިރުވެތިވާންވީ ކޮންމެ ކައިވެންޏެއް ކުރެވެނީ ﷲ ތަޢާލކާގެ ނަންފުޅު ބޭނުންކޮށްގެން ކަމެވެ. ކައިވެނީގެ އެންމެ ބޮޑު އިޤްރާރަކީވެސް ﷲ ތައާލާގެ ދީންމަތީގައި ސާބިތުވެ ތިބުން ކަމެވެ. ﷲ ތަޢާލާއަށް އުރެދުމެއް ހިމެނޭ އެއްވެސް ކަމެއް ދެމީހުން ކުރެ އެކަކުވެސް ނުކުރުމެވެ. ﷲ ތަޢާލާއަށް އުރެދުމެއްވާ އެއްވެސް ކަމެއްގައި އަނބިމީހާ، ފިރިމީހާއަށް ކިޔަމަންތެރިވާން ނުޖެހެނީ އެހެންވެގެންނެވެ.
ހިތާމައަކީ ﷲ ތައާލާގެ ނަންފުޅު ބޭނުންކޮށްގެން އަހަރެމެންވާ ވައުދުތައް މަތިން ދާދި އަވަހަށް ހަނދާންނެތިގެންދާ ކަމެވެ. ރީތި، އައު ހެދުން ފެނުމުން ހޯދައި އަމަލުކުރާ އުޞޫލުން ކައިވެންނާއިމެދު ޢަމަލުކުރެވޭ ކަމެވެ. މީސްތަކުންނޭވެ! ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާއަށް ބިރުޔވެތިވާށެވެ! ކައިވެނިތައް ދަމަހައްޓަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކުގައި ދިރިއުޅެވެން ނެތްނަމަ، ފުރިހަމަކުރަންޖެހޭ ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށްފައި ނޫނީ ކައިވެނި ރޫޅައި ނުލާށެވެ!
ދެމަފިރިންނަކީ ވެސް ﷲ ތަޢާލާއަށް އިޚްލާޞްތެރިން ކަމުގައި ވާނަމަ ހުރިހާ މައްސަލަތަކެއްވެސް ދާނީ ޙައްލުކުރެވެމުންނެވެ. ދެމަފިރިންނަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު ދާނީ ހަމަ އޮހެމުންނެވެ!
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
23 ޖޫން 2019