އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމަނަ (އެންމެފަހު ބައި)

ކަމަނަ (އެންމެފަހު ބައި)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 16 މިނެޓް, 18 ސިކުންތު

އައިދަން އަށް ފެނުނީ ބިރުވެރި އެއްޗެކެވެ. އައިދަން އަށް ފެނުނީ ކަމަނަ އެވެ. ކަމަނަ ގެ އަސްލު ސިފައިގައެވެ. ލޯބިވާ ދަރިފުޅު ކައިރީގައި ކަމަނަ ބައިންދާފައި ދެވުނީ ޔޫސުފް އަށެވެ. އެއީ އޭނާގެ މަންމަގެ ސިފައިގާ އައުމުންނެވެ.

އައިދަންގެ މަރުގެ ޒިންމާ ކޮންމެވެސް ވަރަކަށް އަމިއްލަ ބޮލުގައި އަޅަމުން، އަމިއްލަ ނަފްސު ކުށްވެރި ކުރަމުން، ޔޫސުފް ނިންމީ އޭނާގެ ދެ ލޮލުގެ ނޫރުފަދަ ލޯބިވާ ދަރިފުޅު އޭނާއާއި ވަކިކޮށްލި ގާތިލުގެ ކިބައިން ބަދަލު ހިފާށެވެ. އެކަމަށްޓަކައި އޭނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ޔޫސުފް އަޒުމް ކަނޑައެޅިއެވެ. 

ޔޫސުފް ދިޔައީ މުދިންބެ ބުނި މީހާ އެރަށަށް އައިސް އުޅޭކަން އެނގުމުން، މުދިންބެ ގެ ގެއަށެވެ. ސައިކަލުގައި އެގެއަށް ގޮސް ދޮރުގަ ޓަކި ޖަހާލުމުގެ ކުރިން، މެދު އުމުރުގެ މީހަކު އައިސް ދޮރު ހުޅުވާލިއެވެ.

"ތިއައީ ދޯ؟ އެހެންވެ ދޮރު ހުޅުވަން އަހަރެން މިއައީ ވެސް. އާދޭ އެތެރެއަށް ޔޫސުފް" ނުދަންނަ މީހަކަށް ޔޫސުފް އެނގުމުން ކޮންމެވެސް ވަރަކަށް އޭނާގެ ހިތް ބިރުގަތެވެ. އެހެން ނަމަވެސް އެތެރެއަށްވަދެ މުދިންބެ ކޮބަތޯ އެއްސެވެ.

"މުދިންބެ ވެސް އެބައާދޭ. އެކަމަކު އަސްލު ތިއައީ އަހަންނާ ބައްދަލު ކުރާކަށްނު.. ޔޫސުފަށް ޖެހިގެން ތިއުޅޭ ކަންތައްގަނޑު މަށަށް އިނގޭ. އަހަންނަކީ ތިކަމުން ޔޫސުފް ސަލާމަތް ކޮށްދޭން މަސައްކަތް ކޮށްދޭނެ ކަމަށް މުދިންބެ ޔޫސުފް ގާތު ބުނި މީހާ، ނަމަކީ ސައްތާރު" ސަލާމް ކުރަން އަތް ދިއްކޮށްލުމުން ޔޫސުފް ވެސް ސަލާމް ކޮށްލިއެވެ. ނަމަވެސް ސަލާމް ކޮށްފައި ސައްތާރު ޔޫސުފްގެ އަތުގެ ހުދުބަޔަށް ބަލާލިއެވެ.

"ވަރަށް ގަދަޔަށް ކަލެއާ އަވަލާފަ ދޯ ހުރީ. ހާސް ނުވޭ. މިރޭ އޭނަ ކިބައިން ސަލާމަތް ކޮށްދޭނަން އިންޝާ ﷲ. އެކަމަކު.." 

"އެކަމަކު ކީއްވީ؟" ހައިރާންވެފައި އަތްތިރި ކޮށްލަމުން ޔޫސުފަށް އަހާލެވުނެވެ. 

"އޭނަ އިނީ ކަލޭގެ ދަރިއަކަށް ބަލިވެ. ދަރިފުޅަކީ އެއް ބައި ޖިންނި އަނެއް ބައި އިންސި ކުއްޖެއް ކަމަށް އަހަންނަށް މިހާތަނަށް އެނގިފައޮތީ.. އޭނަ ކައިރިން ސަލާމަތް ވެވޭނީ ދެގޮތެއްގެ މަތިން. އެއީ ވިސްނާދިނީމަ އޭނަ އަމިއްލައަށް ރުހި ޤަބޫލުވެގެން އިސްލާހުވެ މީހުންނަށް އުނދަގޫ ކުރުން ހުއްޓާލާފަ ދިޔުން. އެކަަމަކު ކަމަނަ އަކީ ލޭ ބޯ ޖިންނިއެއްވީމަ އެކަމާމެދު އަހަންނަށް ވަރަށް ޝައްކު... އަނެއް ގޮތަކީ... އޭނަ ނައްތާލުން. މަރާލުން. އެކަމަކު، އެހެން ހަދައިފިނަމަ އޭނައާއެކީ ކަލޭގެ ދަރިވެސް ފަނާވެގެން ދާނެ. މިތަނުން ކޮން ގޮތެއް ކަލޭ ބޭނުމީ؟" ޔޫސުފް އިން ހާލަތު ވިސްނޭފަދަ ގޮތަކަށް ސައްތާރު ސުވާލު ކުރިއެވެ.

 

ޔޫސުފަށް ހީވީ މުޅި ދުނިޔެ އޭނާގެ ވަށައިގެން އެނބުރެން ފެށިހެންނެވެ. ވާނީ ވެސް އެހެންތާއެވެ. ލޯބިވާ ދަރިފުޅު މިދުނިޔެއާއި ވަކިވުމުން ވަޅުލާފަ އައިތާ ސައްވީސް ގަޑިއިރު ނުވެއެވެ. ދެވަނަ ދަރިއެއް ލިބެން އުޅޭކަމުގެ ޚަބަރު ލިބުނުއިރު އެކުއްޖާ ދުނިޔެއަށްވެސް ނާންނަނީހެން މިޖެހެނީ ވަކިވާށޭ ޔޫސުފްގެ ހިތައް އެރިއެވެ. އެއީ ޖިންނިއަކަށް ލިބުނު ދަރިއެއް ނަމަވެސް، އެއީ ޔޫސުފްގެ ވެސް ދަރިއެކެވެ. ޔޫސުފްގެ ހިތުގަ، ދުނިޔެއަށް ވެސް ނާންނަ އެދަރިފުޅަށްޓަކައި ލޯބި ޖެހުނެވެ.

 

"އަހަރެން ދެން ކިހިނެއް ހަދާނީ؟ އަހަރެން ބޭނުން އެނުބައި ޖިންނި ކައިރިން ސަލާމަތްވާން. އައިދަން ގެ މަރުގެ ބަދަލު ހިފަން. އަހަރެންގެ މަންމައާއި އެހެން މީހުން ވެސް އޭތީގެ ކިބައިން ސަލާމަތް ކުރަން... އެކަމަކު..." ޔޫސުފަށް ރޯން ފެށުނެވެ.

 

"އެކަމަކު ދަރިފުޅު ވެސް ބޭނުން ދޯ" ޔޫސުފް ބުނަން އުޅޭ އެއްޗެއް ސައްތާރަށް ވިސްނުނެވެ.

"އަހަންނަށް އިނގޭ އެއް ދަރިއާ ވަކިވެ، އަނެއްކާ އަނެއް ދަރިވެސް ގެއްލެން ބޭނުމެއް ނުުވާނެކަން. އެކަމަކު ޔޫސުފް މިހާރު އެންމެ ބޮޑަށް ވިސްނަންވާނީ ހިތުން އެކަންޏެއް ނޫން. ވިސްނަން ވާނެ ކުރިމަތީގަ މިއޮތް ކަންތައްގަނޑުގެ ނުރައްކާތެރިކަމާމެދު ވެސް. މިސާލަކަށް އޭނަ ދޫކޮށްލީޔޯ. އޭރުން އޭނަ ދާނީ ރަށުގެ އެކި މީހުންނަށް ގޯނާ ކުރަމުންދޯ. ބޭނުންތަ އެންމެގެ ދިރިއުޅުން ނުރައްކަލެއްގެ ތެރެއަށް ވަށްޓާލަން؟" ހަމަޖެހިގެން ސައްތާރު ޔޫސުފަށް ވިސްނާދިނެވެ. އަދި ނޫނެކޭ ބުނުމުގެ ގޮތުން ޔޫސުފް ބޯ ހޫރާލިއެވެ.

 

"އެންމެ ރަނގަޅު. މިރޭ ތިކަމާ އުޅެން އަހަރެން ވެސް ނިންމައިފިން. އެކަމަކު އަހަރެންގެ ވަރަށް ބޮޑު އެދުމެއް އެބައޮތް" އުންމީދަކާއެކު ޔޫސުފް އެއްސެވެ.

 

"ކޮން އެދުމެއް"

 

"ކަމަނަ ނައްތާލުމަށްވުރެ ބޮޑަށް އޭނައަށް ވިސްނައިދީ ރަނގަޅުވުމަށް ބާރު އަޅާ ދިނުން. އަހަރެން ބޭނުން އެންމެން ސަލާމަތް ކުރަން. ހަމައެފަދައިން، އަހަރެންގެ ދަރިފުޅު ވެސް އަހަރެން ބޭނުން. ހެޔޮ އެއީ އެއް ބައި ޖިންނި ކުއްޖަކަސް. އަނެއް ބައި އިންސިއެއްނު. ކަމަނަ އަށް ވިސްނައިދީ ޕްލީސް. އަދި ވިހައިގެން އަހަންނާއި ދަރިފުޅު ހަވާލުކޮށްފަ ވީ އެންމެ ދުރަކަށް ދާން ވެސް ވިސްނައިދީ" ޔޫސުފް އާދޭސް ކުރިއެވެ.

 

"އެންމެ ރަނގަޅު. ތިހެން ކަންތައްވޭތޯ، އަހަންނަށް ކުރެވެން ހުރި ކަމެއް ކުރާނަން. ދެން ދޭ، މިރޭ އިޝާ ނަމާދުން ފައިބައިގެން އަންނާތި ގޮނޑުދޮށަށް. މަސައްކަތް ފަށާނީ އެތާނގަ. ކަމަނަ އާއި ކަލެއާ އެންމެ ފުރަތަމަ ބައްދަލުވީ ތަނުން"

 

ޔޫސުފް ގެއަށް ދިޔައިރުވެސް ހުރީ ލިބުނު ކުއްލި ޚަބަރުން މާޔޫސްވެ ހާސްވެފައެވެ. އޭނާގެ އުންމީދަކީ އޭނާ ހިތް އެދޭގޮތަށް އެރޭގެ ކަންކަންވެ ދިޔުމެވެ. ކަމަނަ އެއްބަސްވޭތޯ ހިތާ ހިތުން އޭނާ ދުޢާ ކުރިއެވެ.

 

ޢިޝާ ނަމާދުން ފޭބި ގޮތަށް ޔޫސުފް ދިޔައީ ގޮނޑުދޮށަށެވެ. މުދިންބެއާއި ސައްތާރުގެ އިތުރުން ދިހަ ފިރިހެނުން ވެސް އެތަނަށް އޭނާއާއެކު ދިޔައެވެ. އެމީހުންނަކީ ކަމަނަ ގެނައުމަށާއި ކަމަނައާއި ވާހަކަ ދައްކާއިރު އެތަނުގައި ޤުރްއާން ކިޔަވަން ގެނައި ދިހަ މީހުން ކަމުގައި ސައްތާރު ބުންޏެވެ. އެއީ އެހެން އެންމެންގެ ވެސް ރައްކާތެރިކަމަށްޓަކައިކަން ކަމަށް ވެސް ބުންޏެވެ.

 

ސަފުތައް އަތުރާލިއެވެ. ސައްތާރާއި މުދިންބެއާއި ޔޫސުފް ތިބޭ ކުރީގައެވެ. ޤުރްއާން ކިޔަވަން ތިބި މީހުން ތިބީ އެމީހުންގެ ފަހަތުގައެވެ. އެއެންމެންގެ އަތުގައިވެސް ޓޯޗެއް އޮތެވެ.

 

ދެފައި ވަށްކޮށްފައި އަތިރިމަތީގައި އިށީނުމަށްފަހު މުދިންބެއާއެކު ދެން ތިބި މީހުންވެސް ކިޔަވަން ފެށިއެވެ. ސައްތާރު ފެން ތައްޓެއް ކިޔެވުމަށްފަހު ޔޫސުފްގެ އަތަށް ދިނުއެވެ. އަދި މޫނާއި ދެއަތާއި މޭމަތީގައި އެފެން ހޭކުމަށް ވެސް އެދުނެވެ. ސައްތާރު ބުނި ފަދައިން ޔޫސުފް ކަންތައް ކުރުމުން، އޭނާ ތެދުވެފައި އެމީހުން އިށީންދެގެން އިންތަނުގެ ކުރިމަތީގައި ގޮފިކޮޅަކުން ވަށް ބޮޅެއް އެޅިއެވެ. އަދި އެނބުރި އައިސް ކުރިން އިން ތަނުގައި އިށީނުމަށްފަހު ކިޔަވަން ފެށިއެވެ.

 

މާލަސްތަކެއް ނުވެ، ބޮޅު ތެރެއަށް ޖެހި ވިދުވަރެއްހެން، ކަމަނަ އައެވެ. އޭނާގެ ބޮޑު ދެލޯ ހުރީ ރުޅިއައިސްގެން ވަރަށް ބޮޑަށް ރަތްވެފައެވެ. އިސްތަށިގަނޑު އެއްކޮށް ހޭވިފައި ހުރިއިރު، ލޭބޯ ދެ ދަތްވެސް ބޭރަށް ނިކުމެފަ ހުށްޓެވެ. ރުޅި އައިސްގެން އޭނާ ޔޫސުފްމެންނަށް ހަމަލާދޭން ދުއްވައިގަތެވެ. އެކަމަކު އެބޮޅުގެ އެތެރެއިން އޭނާއަކަށް ނުނިކުމެވުނެވެ.

 

"ނެރޭ މަމިތަނަނުން! ހަމަ މިހާރު ނެރޭ! ނޫނީ ކަލޭމެން އެންމެންގެ ދުވަސް ދުއްވާލާނަން!" ރުޅިއައިސްގެން ބިރުވެރި އަޑަކުން ކަމަނަ ބުންޏެވެ.

 

"ކަލެއަށް ތިތަނުން ސަލާމަތް ވެވޭނީ އަހަރެން ކަލޭ މިނިވަން ކުރިއްޔާ! ތިތާ ހުރިހާ ހިނދަކު، ނޫނީ ތިބޮޅު ނުފުހެވޭހާ ހިނދަކު ކަލެއަކަށް ސަލާމަތެއް ނުވެވޭނެ! އެހެންވީމަ ބޭކާރު މަސައްކަތްތަކެއް ނުކޮށް އަހަރެން ދައްކާ ވާހަކަ އަޑުއަހާ އަދި އަހަންނަށް ޖަވާބުދީ" އިންޒާރު ދިނުމުގެ ރާގަކަށް ސައްތާރު ބުންޏެވެ.

 

"އަހަރެން ނުޖެހޭނެ ކަލެއަށް ޖަވާބުދާރީވާކަށް! ކަލޭތީ ކާކު؟ ދެކުނުން އުތުރަށް ބޯޅައެއްހެން އުކިއުކި ހުންނަ، މީހުން ބަލައި ނުގަންނަ މީހެއް ކަލޭތީ. އަމިއްލަ އަންހެން މައިތިރި ނުކުރެވުނު މީހަކަށް އަހަރެން ހިފެހެއްޓޭނެތަ؟ ހަހަހަހަހަ.. ކަލޭ ކާފަ ކިޔައިފި ދޯ؟ އެކަމަކު ރަށްމެދަށް ދޯ ދަރިފުޅު އެކޮއެ ވިހެއީ" ސައްތާރުގެ ސިއްރުތައް ބޭޒާރު ކުރަމުން ކަމަނަ ހެމުން ހެމުން ބުންޏެވެ.

 

އެވަގުތު ސައްތާރުގެ ކޮނޑުމަތީގަ އޮތް ފޮތިކޮޅެއް ސައްތާރު ވަޔަށް ވިހުރާލިއެވެ. ވިހުރުމާއެކު ކަމަނަ ވެއްޓި، އައްދޯއި އޭ ބުނެ އޭނާގެ ކޮނޑުގައި ފިރިމަން ފެށިއެވެ. އޭނާގެ ކޮނޑު ހުރީ ފިހިފަ ހުރި ފަދައިންނެވެ.

 

"މިހާރު ކަލެއަށް އެނގިއްޖެއްނު އަހަންނަށް ކަލޭ މައިތިރި ކުރެވިދާނެކަން. ކަލޭ އިން ހާލަތައް ނުވިސްނާނަމަ މިހާރު ތިއަށްވުރެ ބޮޑުވަރު ކުރީމުސް. ދެން ވެސް ބުނޭ! ކީއްވެ ޔޫސުފާ އަވަލައިގެން ތިއުޅެނީ؟ ކީއްވެ މީހުންނަށް ތި ގޯނާ ކުރަނީ؟" ސައްތާރު އެއްސެވެ.

 

"ލޯބި ވާތީ. ޔޫސުފްގެ ކުށް އެއީ. އޭނަ ކީއްވެ އޭނަގެ އަމާ ބުނި ބަސް ނާހާ، ދެ ނަމާދު ދޭތެރޭ ގަޑީގަ ނަމާދުވެސް ނުކޮށް ގޮނޑުދޮށަށް އަންނަންވީ؟ އަހަންނަށް ފެނުން ދެ ރޭ.. ތިން ވަނަ ރޭ އެއީ އޭނައަށް އަހަރެން ފެނި މަގޭ މަޅީގަ ޖެހުނު ދުވަސް!" ހެވިފަ އިނދެ ކަމަނަ ބުންޏެވެ.

 

"ލޯބިވާތީއޭ؟ ދެން ކީއްވެ އޭނަގެ ދަރިފުޅު މަރާލީ؟ ކީއްވެ ރަށުން ދެ މީހުން މަރާލީ"

 

"އެމީހުން މަރުވީ އަހަރެން ބަނޑުހައިވީމަ. ޔޫސުފްގެ ދަރި މަރާލީ އެއީ އަހަރެން ބޭނުންވި ގޮތް ވީމަ! އަހަރެން ބޭނުންވީ ޔޫސުފް އެކަނި. އޭނަގެ މަންމައާ ދަރިއާ ރަށު އެންމެނެއް ނޫން! މަށަށް ކީއްތަ އެމީހުންނަށް ކޮންމެ ގޮތެއް ވިއްޔާ! ޔޫސުފް މިހާރުވެސް ބޭނުމިއްޔާ އަހަރެން މިހުރީ ޔޫސުފާ އެކީ އުޅެން ތައްޔާރަށް. އަހަރުމެންގެ ލޯބިވާ ދަރިފުޅު ގޮވައިގެން" ބަނޑުގަ އަތް ޖައްސާލަމުން ކަމަނަ އެހެން ބުނުމުން ޔޫސުފް އަށް ވެސް އަސަރު ކުރިއެވެ.

 

"ޔޫސުފް ކަލެއާ އެއްކަކު ނުދާނެ. އެކަމަކު ކަލޭ ބޭނުމިއްޔާ، ތިދަރިފުޅަށްޓަކައި ޝަރުތުތަކެއްގެ މަތިން އަހަރުމެން ކަލޭ މިނިވަން ކޮށްފާނަން" ޔޫސުފް ގާތު އެއްޗެއް ނުބުނުމަށް އިޝާރާތް ކުރަމުން ސައްތާރު ބުންޏެވެ.

 

"ކޮން ޝަރުތުތަކެއް؟"

 

"ޝަރުތުތަކަކީ، ދެން މިރަށުގެ އެކަކަށް ވެސް، ޔޫސުފް އާއި އޭނާގެ އާއިލާއަށް ވެސް ކަލޭ އެއްވެސް އުނދަގުލެއް މީގެ ފަހުން ނުކުރުން. އަދި ކަލޭ ވިހެއިމަ، ތިދަރިފުޅު ޔޫސުފާއި ހަވާލުކޮށްފަ ކަލޭ މިތަނުން މުޅި އުމުރަށް ދިޔުން.. އެހެން ތަނަކަށް ދިޔަޔަސް އެތަނުގެ ބަޔަކަށް ވެސް ގޯނާ ނުކުރުން. އެއްބަސްތަ މިކަންކަމަށް؟" ސައްތާރުގެ ވާހަކަތައް އަޑުއަހާފަ ކަމަނަ ފެށީ ހޭންށެވެ.

 

"ކަލެއަށް ހީވޭތަ މަގޭ ދަރި، މަ ދީފަ ދާނެހެން؟ ނުދާނަން! މި ދަރި މަށާ ވަކިވަންޏާ ވަކި ވާނީ ފުރާނައާއެކީ. ޔޫސުފް ދަރި ބޭނުންވިޔަސް ނުދޭނަން!" ކަމަނަގެ އެވާހަކަތައް އަޑުއަހާފަ ޔޫސުފް އަކަށް ކެތެއް ނުކުރެވުނެވެ.

 

"ކަމަނަ. ތިހެން ނުހަދާ. ހެޔޮ ނުވާނެ. ތިބުނީނު އަހަރެން ދެކެ ލޯބިވެޔޭ. އެލޯތްބަށްޓަކާ ވެސް ރަހުމް ކުރޭ. ދަރިފުޅު އަހަންނާ ހަވާލު ކުރަން އެއްބަސްވޭ.. ކަމަނަގެ ފުރާނަވެސް އެއިރުން ސަލާމަތްވީނު" ޔޫސުފް އާދޭސް ކުރިއެވެ.

 

"ތިހާ ދަރި ބޭނުމިއްޔާ މަށާ އެއްކޮށް ގެންގުޅެންވީނު. ކީއްވެ އެގޮތަށް ޝަރުތު ނުހެދީ؟ ކަލޭމެން އިންސާނުން ލޯބިވާގޮތާ އަހަރުމެން ލޯބިވާގޮތް ތަފާތުވާނެ. މިބުނީނު. ނުދޭނަން ދަރިއެއް. ހަދާ ގޮތެއް ހަދާ" ކަމަނަ ގޮތް ދޫނުކޮށް ބުންޏެވެ.

 

އެއިރު އުޑަށް ބަލާލާފަ ސައްތާރު ހާސްވިއެވެ. އަދި ޔޫސުފްމެން ކައިރީ ބުންޏެވެ.

 

"ވަރަށް ގޯސްވެއްޖެ. އެހާ ވަގުތެއް ނެތް. އުޑޫމަތި ބަނަވަނީ. ހަނދު އެވިލާގަނޑާ ނިވާވެއްޖެނަމަ އޭނައަށް ސަލާމަތްވެވޭނެ. އޭރުން ދެން އޭނަ ކިބައިން ސަލާމަތެއް ނުވެވޭނެ. އަވަސްކުރަން ޖެހޭ އެބަ. އެއްބަސް ނުވިއްޔާ ޖެހޭނީ ނައްތާލަން"

 

"ކަމަނަ، ޕްލީޒް. ހެޔޮ ނުޥާނެ. އެއްބަސްވެބަލަ. އަހަންނަށް ކަމަނައާއެކީ ދެނެއް ނޫޅެވޭނެ. އައިދަން މަރާލީތީވެސް ނޫޅެވޭނެ. އަހަރެންގެ މަންމަވެސް ޤަބޫލެއް ނުވާނެ. އަހަރެން ކިހިނެއްތަ އަހަރެންގެ ދަރިފުޅުގެ ގާތިލާއެކީ ހެވިދިލިފަ އުޅޭނީ؟ އަހަންނަށް ތިދަރި ދޭން އެއްބަސްވޭ" ޔޫސުފް އަނެއްކާވެސް އާދޭސް ކުރިއެވެ.

 

އެއިރު އުޑުމަތި ވަރަށް ބަނަވަމުން ދިޔައެވެ. ހަނދު ބޯވިލާގަނޑާ ކައިރިވަމުން ދިޔައެވެ.

 

"ނުދޭނަމޭ! އަޑެއް ނީވޭތަ! ހެޔޮ ކޮންމެ ގޮތެއް ވިޔަސް ނުދޭނަން! ކަލޭ ދަރި ބޭނުމިއްޔާ މަށާ އެކީ އުޅޭ! މަގޭ ފުރާނަ ދިޔަސް ހެޔޮ! އެނޫން ގޮތަކަށް އެއްބަހެއް ނުވާނަން!"

 

"ކުދިންނޭ! ދެން ނެތް ވަގުތެއް. ކިޔަވަން ފަށާ! ދެން އިނީ އެންމެ ފަސް މިނެޓެއްހާ ވަގުތުކޮޅެއް. އިތުރަށް ދެން ފުރުސަތެއް ނުދެވޭނެ. ނައްތާލަން ޖެހޭނީ. ނޫނީ އަހަރުމެންނާ ރަށު އެންމެންގެ ދުވަސް ދާނެ. ކިޔަވަންފަށާ!" ސައްތާރުގެ އަމުރަށް އެންމެން ކިޔަވަން ފެށިއެވެ. އަދި ކަމަނަގެ ގައިގަ އަޅަމުން ދިޔަ ވޭނަށް އޭނާ ހަޅޭލަވާ ރޯން ފެށިއެވެ. އެހިނދު އޭނާގެ ގައިގާ އަލިފާން ރޯވާން ފެށިއެވެ.

 

"ނޫން، ނޫން.. ތިހެން ނުހަދާ! މަގޭ ދަރި!" ޔޫސުފަށް ކެތް ނުވެގެން އިން ތަނުން ތެދުވެގެން ވަށްބޮޅާ ދިމާލަށް ދުއްވައިގަތެވެ.

 

އޭނާ ހުއްޓުވޭތޯ ސައްތާރު އަތް އުކި ނަމަވެސް އެކަމެއް ނުވިއެވެ. އެމީހުން ކިޔެވުން ކުރިއަށް ގެންދިޔައެވެ.  ޔޫސުފް ގޮސް ވަށްބޮޅު ތެރެއަށް ވަނުމާއެކީ ކަމަނަ އޭނާގެ ގައިގާ ވަކިތަކުން ހިފަހެއްޓިއެވެ. ޔޫސުފަށް އެވަކިތަކުން ސަލާމަތެއް ނުވެވުނެވެ. އަނދަ އަނދާހުރި ކަމަނަ އާއެކީ ޔޫސުފްވެސް އެނދީއެވެ.

 

ހުރިހާކަމެއް ނިމިގެން ސައްތާރުމެން ބަލާލިއިރު، އަޅިތަކެއްގެ މެދުގައި އޮތީ އެއްކޮށް އަނދާ ކަޅުވެ ހުސްވެފައި އޮތް ޔޫސުފްގެ މަރުވެފަ އޮތް ހަށިގަނޑެވެ. ކަމަނަ އާއެކު ޔޫސުފް ވެސް މިދުނިޔެ ދޫކޮށް ދިޔައީއެވެ.

(ނިމުނީ)

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ