އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިރާއްޖެއަށް ލިބޭ އާމްދަނީގެ ފައިދާ އެންމެ ޙައްޤުވާ ފަރާތަކީ ދިވެހި ރައްޔިތުން ! : ރައީސް މައުމޫން

ދިވެހިރާއްޖެއަށް ލިބޭ އާމްދަނީގެ ފައިދާ އެންމެ ޙައްޤުވާ ފަރާތަކީ ދިވެހި ރައްޔިތުން ! : ރައީސް މައުމޫން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު

 

ދިވެހިރާއްޖެއަށް ލިބޭ އާމްދަނީގެ ފައިދާ އެންމެ ޙައްޤުވާ ފަރާތަކީ ދިވެހި ރައްޔިތުން ކަމުގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމް.އެމް.އޭ. އަށް 38 އަހަރު ފުރުމުގެ މުނާސަބަތުގައި އެ މުއައްސަސާގެ ފަރާތުން ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ރޭ ބޭއްވެވި ޙަފްލާގެ ޝަރަފުވެރި މެހުމާނެއްގެގޮތުން އެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މައުމޫންގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ބިނާވެފައި މިއޮންނަނީ، ވަރަށް މަދު ޤުދްރަތީ ވަސީލަތްތަކެއްގެ މައްޗަށްކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭކަމަށާއި، އެހެންކަމުން އެ މަދު ވަސީލަތްތައްތަކުގެ ބޭނުން އޭގެ އެންމެ ރަނގަޅުގޮތުގައި ހިފުމަށް އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި އެވަސީލަތްތަކުގެ ފައިދާ ރައްޔިތުންނަށް، އެންމެ ބޮޑަށް ލިބޭގޮތަކަށް އަޅުގަނޑުމެންގެ އިޤްތިޞާދީ ރޭވުންތަކާއި މަނިޓަރީ ސިޔާސަތުތައް ބައްޓަން ކުރެވެން ޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.

ކަމާބެހޭ ފަރާތްތަކުން މިހާރަށްވުރެ އިތުރަށް ވިސްނާވަޑައިގެން، ޤައުމީފުދުންތެރިކަން އިތުރު ކުރެވޭނެ ސިޔާސަތުތަކެއް ރާއްވަވާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ރާއްޖެއިން އުފައްދާ މުއްސަނދިކަން ރާއްޖޭގައި ހިފެހެއްޓޭނެ ގޮތްތައް ހޯދުމަށް އިތުރު މަގުތަކެއް ކޮށްޓަވައި ދެއްވާނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ވާހަކަފުޅުގައި އެމް.އެމް.އޭގެ ޙަޔާތުން 38 އަހަރު ފުރިހަމަކޮށް 39 ވަނަ އަހަރުގެ ތެރެއަށް ވަދެގެން ދާއިރު، އެމަނިކުފާނުގެ އެންމެ އުފާވެރި ވާޖިބަކީ، މި މުހިންމު ޤައުމީ މުއައްސަސާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވުން ކަމުގައި ވިދާޅުވިއެވެ. އަދި އެމް.އެމް.އޭ.ގެ ގަވަރުނަރު އަލްފާޟިލް އަޙްމަދު ނަޞީރުގެ ވާހަކަފުޅުގައި، އެމް.އެމް.އޭ.ގެ ތާރީޚުގައި ރައީސް މައުމޫން އަދާކުރެއްވި ޙިއްސާއާބެހޭގޮތުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް މައުމޫން ވިދާޅުވިގޮތުގައި ދިވެހި ރައްޔިތުންގެ ހިތްތަކުގައި މިއަދު އެމް.އެމް.އޭ. ހޯދާފައިވަނީ ވަރަށްމަތީ މަޤާމަކާއި ވަރުގަދަ އިތުބާރެކެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތުގައި އެކަން އެހެންއެވީ، ވޭތުވެދިޔަ 38 އަހަރުގެ ތެރޭގައި، ޤައުމުގެ އިޤްތިޞާދު ކުރިއަރުވައި، މަނިޓަރީ ސިޔާސަތު ހަރުދަނާގޮތެއްގައި ދެމެހެއްޓުމަށް އެމް.އެމް.އޭ.އިން ކުރެއްވި މަސައްކަތްތައް ދިވެހިރައްޔިތުން ޤަބޫލުކުރާތީއެވެ. އަދި ޤައުމުގެ ވެރިކަމުގެ ސިޔާސަތު ތަފާތު ގޮތްގޮތަށް ބަދަލުވަމުން ދިޔަކަމުގައިވިޔަސް، އަދި ރާއްޖޭގައި ތަފާތު އޮއިވަރުތައް ހިނގަމުންދިޔަ ނަމަވެސް، އެމް.އެމް.އޭ. މަސައްކަތްތައް ހިނގަމުން ދިޔައީ ޤާނޫނާ އެއްގޮތަށް ކަމަށާއި، އަދި އެ މަޤްޞަދުތަކަކަށްޓަކައި އެ މުއައްސަސާ އުފައްދާފައިވާ މަޤްޞަދުތައް ޙާޞިލުކުރުމުގެ މަގުން ކަމަށް ދިވެހި ރައްޔިތުން ބަލައިގަންނާތީ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމް.އެމް.އޭ.ގެ މިތާރީޚީ ޙަފްލާގައި އެމް.އެމް.އޭ.އަށް ގިނަދުވަހު ޚިދްމަތްކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާއެރުވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމުގައި ވިދާޅުވެ އެބޭފުޅުންނަށް ތަހުނިޔާއާއި މުބާރަކްބާދީ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި މި ޙަފްލާއަށް ދަޢުވަތު ދެއްވިކަމަށްޓަކައި އެމް.އެމް.އޭ.ގެ ގަވަރުނަރު އަލްފާޟިލް އަޙްމަދު ނަޞީރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވާހަކަފުޅު ނިންމަވާލެއްވީ އެމް.އެމް.އޭ.އަށް އިތުރު ކާމިޔާބީތަކާއި ކުރިއެރުންތައް މިންވަރުންކޮށްދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ