އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެދި ދޮގުތައް ޤަބޫލުކޮށް، އިތުބާރުކޮށް، ކައިވެނިކުރީ ފިރިމީހާ ރަނގަޅު ވެއްޖެކަމަށް ހީކޮށް! އެކަމަކު....

ހެދި ދޮގުތައް ޤަބޫލުކޮށް، އިތުބާރުކޮށް، ކައިވެނިކުރީ ފިރިމީހާ ރަނގަޅު ވެއްޖެކަމަށް ހީކޮށް! އެކަމަކު....


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 23 ސިކުންތު

**މިއީ ކައިވެންޏެއް ކޮށްގެން އުޅޭ ދިވެހި ޒުވާން އަންހެން ކުއްޖަކަށް ދިމާވެފައިވާ ހިތްދަތި ހާދިސާއެކެވެ. މިވާހަކަތައް އޭނާ "މިއަދުނޫހަށް" ހިއްސާ ކޮށްފައިވަނީ އޭނާ ދެން ކަންކުރަންވީ ގޮތުގެ މައްޗަށް ޙިޔާލެއް ހޯދުމުގެ ނިޔަތުގައެވެ. ނަންހާމަ ނުކުރުމަށް އެދި މިވާހަކަތައް ކިޔައިދިން އަންހެން ކުއްޖާ ބޭނުންވަނީ އެންމެހާ ކިޔުންތެރިންގެ ހެޔޮ ދުޢާއާއި ޙިޔާލެވެ.**

 

"އަހަރެންގެ ފިރިމީހާއާއި އަހަރެން އެންމެ ފުރަތަމަ ވާހަކަ ދައްކަން ފެށީ ފޭސްބުކް އިންނެވެ. ދެން އެއަށްފަހު ދެމީހުން ބައްދަލުވެ ވާހަކަ ދައްކަން ފެށީމެވެ. އޭނާ ބުނީ އޭނާއަކީ ކުރިން ކައިވެންޏެއް ކޮށްފައިހުރި މީހެއް ކަމަށާއި މިހާރު ވަރިކޮށްފައި ހުރިނަމަވެސް އޭނާގެ ދަރިއެއް ވެސް ހުންނަ ކަމަށެވެ.

ކުރިން މީހަކާއި އިނދެފައި ހުރުމާއި ދަރިއެއް ހުރުން އަހަންނަށް މައްސަލައަކަށް ނުވިއެވެ. އޭނާއަކީ ތެދުވެރިއަކަށްވެ، އެވާހަކަތައް ފުރަތަމަވެސް ކިޔައިދިނުމުން އަހަރެން އުފާވެ އޭނައަށް ބޮޑަށް ހިތްޖެހުނެވެ.

އަހަންނާއި އޭނައާއި ދެމީހުން ލޯބީގެ ގޮތުން ގުޅުނީމެވެ.

އެއްދުވަހު ދެމީހުން ސައިކަލު ދުއްވާލަން ގޮސްފަ އައިތަނުން އަހަންނަށް ނުދަންނަ ނަންބަރަކުން ކޯލެއް އައެވެ. އެކޯލަށް ޖަވާބު ދިނުމުން، އަނެއްކޮޅުން ވާހަކަ ދެއްކީ އަންހެނެކެވެ. އޭނާ ބުނީ އެއީ އަހަރެންގެ އެއިރުގެ ލޯބިވެރިޔާ (މިހާރުގެ ފިރިމީހާ) ގެ އަނބިމީހާ ކަމަށެވެ. އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ. އޭނަ ހުންނަނީ ވަރިކޮށްފަ ނޫންހޭ ބުނެ، އަހަރެން ގާތު އެހެން ބުނިކަމަށް ވެސް ބުނީމެވެ. ދެމީހުން ވަރިނުކުރާކަމާއި ފިރިމީހާ ދޮގުހެދީކަން އަހަންނަށް އޭނަގެ އަންހެނުން ސާބިތުކޮށްދިނެވެ. އެހިސާބުން އަހަރެން އޭނައާއި ގުޅުން ކަނޑާލީމެވެ.

ވަރަށް ގިނަ ދުވަސްތަކެއް ފާއިތުވީ ފަހުން އަނެއްކާވެސް އޭނަ (ފިރިމީހާ) އަހަންނަށް ގުޅިއެވެ. ބުނީ އަންހެނުން ވަރިކޮށްފި ކަމަށާއި އަހަންނާއި އެކީ އުޅެން ބޭނުން ކަމަށެވެ. އޭނާބުނީ އޭނާގެ ކުރީގެ އަންހެނުންގެ އުޅުން ރަނގަޅު ނޫން ކަމަށާއި، ކުރިން ވެސް އެވާހަކަތައް ކިޔައިދޭން ނުކެރުނީ އެހެންވެ ކަމަށެވެ. އޭނާ ދެއްކި ވާހަކަތައް ޤަބޫލު ކުރެވިގެން އަހަރެން އަނެއްކާވެސް އެނާއާއި ގުޅުނީމެވެ.

ނަމަވެސް އަނެއްކާވެސް ވީދުވަސްކޮޅެކެވެ. ދަރިފުޅުމަތިން ވަރަށް ހަނދާންވާ ވާހަކަ ބުނެ އޭނާ ހިތާމަ ކުރަން ފެށިއެވެ. އެހެންކަމުން ދަރިފުޅުގެ މަންމައާއި އަލުން ގުޅޭށޭ ބުނެ އަހަރެން އެދެމެދުން ދުރުވީމެެވެ. އޭނާ ކުރީގެ އަންހެނުނާއެކު ދިރިއުޅެން ފެށިއެވެ. އަލުން ކައިވެނި ނުކޮށެވެ. ކައިވެނި ރުޖޫއު ކުރަނީ ކޮން އިރަކުންތޯ އެހުމުން ބުނީ ދަރިފުޅުގެ މަންމަގެ އުޅުން ރަނގަޅުނުވާ ކަމަށާއި ކައިވެނި ކުރާނީ އުޅުން ރަނގަޅުވޭތޯ ބަލާފަ ކަމަށެވެ. ދަރިފުޅަށްޓަކައި ބަލަނީ ކަމަށް ވެސް ބުންޏެވެ. އެހެންކަމުން އަހަރެން އަނެއްކާވެސް އެދެމެދުން ދުރަށް ދިޔައިމެވެ.

އޭގެ އަނެއްކާވެސް ދުވަސްތަކެއް ފަހުން ފިރިމީހާ އަހަންނަށް ފޯނު ކުރިއެވެ. ބުނީ ދަރިފުޅުގެ މަންމަ ހިނގައްޖެ ކަމަށާއި އޭނާ ބަދަލު ނުވި ކަމަށެވެ. އަދި އަހަންނާއި ކައިވެނި ކުރަން ބޭނުންވާ ކަމަށް ވެސް ބުންޏެވެ.

އަހަންނާއި އޭނައާއި އަނެއްކާވެސް ގުޅުނީމެވެ. ކުރިން ފަހަރުތަކާއި މިފަހަރު ތަފާތެވެ. އޭނަގެ އާއިލާއާއި ވެސް އަހަރެން ބައްދަލު ކުރުވިއެވެ. އަދި އަހަރެންގެ އާއިލާއާއި ވެސް ބައްދަލު ކުރިއެވެ. އޭނަގެ ހުރި ވިޔާނުދާކަން ބަދަލުވެއްޖެކަމާއި ހަގީގަތުގައި ވެސް އަހަރެން ދެކެ ލޯބިވާކަމަށް އަހަންނަށް ޤަބޫލު ކުރެވުނެވެ.

މިއަހަރުގެ ފެބްރުއަރީ މަހު އަހަރުމެންގެ ކައިވެނި ކުރެވުނެވެ. ފުރަތަމަކޮޅު ހަމަ ވަރަށް އުފާވެރިއެވެ.

ނަމަވެސް މިވީ މަހެއްހާ ދުވަސް ތެރޭގައި އަނެއްކާވެސް މިވަނީ އަހަރެންގެ ދިރިއުޅުން ބަނަވެފައެވެ. ފިރިމީހާ ދޮގު ހަދަން ފެށިއެވެ. އަދި އޭނަގެ ކުރީގެ އަންހެނުން ކައިރިއަށް ވެސް ދާން ފެށިއެވެ. މިވީ ދެދުވަހު ގެއަކަށް ވެސް ނާދެއެވެ.

އަހަރެން ގުޅީމަ ފޯނުވެސް ނުނަގާހާލު ކުރާ މެސެޖެކަށް ވެސް ޖަވާބެއް ނުދެއެވެ. އޭނަގެ ކުރީގެ އަންހެނުންނަށް ފޯނު ކުރީމަ އެއް ފަހަރު ފޯނު ނަގާފަ މިހާރު ގުޅާ ކޮންމެ ފަހަރަކު ބިޒީ ކޮށްލައެވެ. ފިރިމީހާ އުޅެނީ އެގޭގަކަން އަހަންނަށް ވަނީ އެނގިފައެވެ.

އެއްވެސް ކުށަކާ ނުލާ އަހަންނަށް މިއަންނަނީ މިއަދަބުތައް ލިބެމުންނެވެ. އެހާވަރުން ކުރެވުނު ކަމަކަށްވާތީ އަހަރެން މިއުޅެނީ މިވާހަކަތައް އާއިލާގާތު ބުނަންވެސް ނުކެރިގެންނެވެ. ހަދާނެގޮތެއް އަހަންނަކަށް ނުވިސްނެއެވެ. ދެން އެއްވެސް މީހަކަށް އިތުބާރު ނުކުރެވޭ ވަރަށް އޭނާ އަހަރެންގެ ދިރުއުޅުން ހަލާކު ކޮށްލައިފިއެވެ. މިކަމުގައި ދެން އަހަރެން ހަދަންވީ ކިހިނެއް ހެއްޔެވެ؟"

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ