އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމް ދީނުގަ ހުރިހާ ކަމެއްގަ އަންހެނުންނާ ފިރިހެނުން ހަމަހަމައެއް ނޫން- ސަބަބުވެސް ޤްރުއާނުން ވަރަށް ސާފު!

އިސްލާމް ދީނުގަ ހުރިހާ ކަމެއްގަ އަންހެނުންނާ ފިރިހެނުން ހަމަހަމައެއް ނޫން- ސަބަބުވެސް ޤްރުއާނުން ވަރަށް ސާފު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 8 ސިކުންތު

ސްޕްރިމް ކޯޓުގެ ބެންޗަށް 2 އަންހެން ބޭކަނބަލުން ލެއްވުމުގެ މަޝްވަރާތައް ފެށުމާއި ގުޅިގެން ބައެއް ދީނީ ޢިލްމުވެރިން ބަސްފުޅު ވިދާޅުވުމުން ބައެއް ޤާނޫނީ ވަކީލުން ގެންދަވަނީ ދީނީ ޢިލްމުވެރިންނަށް އަލްޙުޖްރާތު ސޫރަތުގެ 13 ވަނަ އާޔަތް ހަނދުމަފުޅުކޮށްއަރުވައިދެމުންނެވެ. އެ އާޔަތުގައި ވަނީ:

"އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިއަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމްގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިއަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާ ތަކަށް ލެއްވެވީ، ތިއަބައިމީހުން އެއްބައަކު އަނެއްބައަކަށް ތަޢާރަފް ވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި ތިއަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިއަބައިމީހުންކުރެ އެންމެ ތަޤްވާ ވެރި މީހާއެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ." މިފަދައިންނެވެ.

މިއާޔަތުގެ މާނަ ވަރަށް ސާފެވެ. އެންމެ މާތްކަން ބޮޑީ އެންމެ ބޮޑު ތަޤްވާވެރިއެކެވެ. އަންހެނެއް ނުވަތަ ފިރިހެނެއް މިކަމުގައި ނެތެވެ. މާނައަކީ ފިރިހެނަކަށްވީތީ ނުވަތަ އަންހެނަކަށްވީތީ އެމީހާގެ ދަރަޖަ މަތިވެރިއެއް ނުވެއެވެ. ދަރަޖަ މަތިވެރިވަނީ ތަޤްވާވެރިކަން ބޮޑުވުމުންނެވެ.

ދެން ބަޤަރާ ސޫރަތުގެ 282 ވަނަ އާޔަތަށް ވެސް ބަލައިލަމާތޯއެވެ!

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަނޑައެޅި އެނގިގެންވާ މުއްދަތަކަށް، ތިއަބައިމީހުން ދަރަންޏެއްގެ މުޢާމަލާތެއް ކޮށްފިނަމަ، ފަހެ، އެ ދަރަންޏެއް ތިއަބައިމީހުން ލިޔާށެވެ! އަދި، ތިއަބައިމީހުންގެ މެދުގައި ލިޔާ މީހަކު ޢަދުލުވެރި ކަމާއެކު (އުނި އިތުރު ކުރުމެއް ނެތި، އެއުރެން އެއްބަސްވީގޮތަށް، އެ ދަރަނީގެ ލިޔުން) ލިޔާހުށި ކަމެވެ! ލިޔާ މީހަކު (ކިބައިން ލިޔެދިނުމަށް އެދިއްޖެނަމަ) އޭނާއަށް، ﷲ ލިޔަން އުނގަންނައިދެއްވި ފަދައިން ލިޔެދިނުމުން، އޭނާ މަނާވެ ނުގަންނަހުށި ކަމެވެ! ފަހެ، އޭނާ ލިޔާހުށި ކަމެވެ! އަދި، އެމީހެއްގެ މައްޗަށް ޙައްޤުއޮތް މީހާ (އެބަހީ: ދަރަނިވެރިޔާ ލިޔަންވީ އެއްޗެއް ލިޔާ މީހާއަށް) ކިޔައިދޭހުށިކަމެވެ! އަދި، އޭނާގެ ވެރިރަސްކަލާނގެ ކަމުގައިވާ ﷲ އަށް، އޭނާ ތަޤްވާވެރި ވާހުށިކަމެވެ! އަދި، އެއިން އެއްވެސް އެއްޗެއް އުނި ނުކުރާ ހުށިކަމެވެ!

ފަހެ، އެމީހެއްގެ މައްޗަށް ޙައްޤު އޮތް މީހާއީ (އެބަހީ: ދަރަނިވެރިޔާއީ) ދޯދިޔާ މީހަކު ކަމުގައިވާނަމަ (އެބަހީ: ވިޔާނުދާ ޚަރަދުކޮށް އިސްރާފްކޮށް އުޅޭ، އުޅުންގޯސް މީހަކު ކަމުގައިވާނަމަ) ނުވަތަ (ދަރަނިވެރިޔާއީ) ނިކަމެއްޗެއް ކަމުގައިވާނަމަ، (އެބަހީ: ކުޑަކުއްޖަކު، ނުވަތަ މޮޔައަކުފަދަ މީހަކު ކަމުގައިވާނަމަ) ނުވަތަ (ދަރަނިވެރިޔާއީ) އޭނާ އަމިއްލައަށް ކިޔައިދޭން ކުޅަދާނަކަން ލިބިގެންނުވާ މީހަކު ކަމުގައިވާނަމަ، ފަހެ، ޢަދުލުވެރިކަމާއެކު އޭނާގެ ވަލީ ވެރިޔާ (އެ ދަރަނި ލިޔުމަށް) ކިޔައިދޭ ހުށިކަމެވެ! އަދި، (މިފަދަ ކަންކަމުގައި) ތިއަބައިމީހުންގެ ފިރިހެނުންގެ ތެރެއިން ދެހެކިން ތިއަބައިމީހުން ހެކިކުރާށެވެ! އެ ދެ ހެކިންނަކީ، ދެފިރިހެނުން ކަމުގައި ނުވިނަމަ ފަހެ، ހެކިންކުރެ ތިއަބައިމީހުން ރުހޭ މީހުންގެ ތެރެއިން (އެބަހީ: ޢަދުލު ވެރި މުސްލިމުންގެ ތެރެއިން) ފިރިހެނަކާއި ދެ އަންހެނުންނެވެ.

(އެއީ) އެ ދެ އަންހެނުންކުރެ އެކަކަށް (ހަނދާންނެތިވެ) މަގުއޮޅިދާނެ ކަމަށްޓަކައެވެ. ދެން، އެހިނދު އެ ދެ އަންހެނުންކުރެ އެކަކަށް، އަނެކަކު (އެކަން) ހަނދާންކޮށް ދިނުމަށްޓަކައެވެ. އަދި، ހެކިންނަށް ގޮވައިލައިފި ހިނދަކު އެއުރެން (އެކަމުން) މަނާވެ ނުގަންނަހުށިކަމެވެ! އަދި (އެ ދަރަނި) ކުޑަކަމުގައިވިޔަސް، ނުވަތަ ބޮޑު ކަމުގައިވިޔަސް އެ ދަރަނީގެ މުއްދަތާ ހަމައަށް ލިޔުމަށް، ތިޔަބައިމީހުން ފޫހިނުވާށެވެ! އެގޮތަށް ލިޔުން، ﷲ ގެ ޙަޟްރަތުގައި ޢަދުލު ވެރިކަން ބޮޑެވެ. އަދި، ހެކި ދިނުމަށް ސީދާކަން ބޮޑެވެ.

އަދި، ތިއަބައިމީހުންނަށް ޝައްކު ނުވުން ގާތްކަން ބޮޑުވެސްމެއެވެ. ތިއަބައިމީހުންގެ މެދުގައި، ވަގުތުން ހިންގާ ވިޔަފާރިއެއް ކަމުގައި ވުމުން މެނުވީއެވެ. ފަހެ، ތިއަބައިމީހުން އެ ވިޔަފާރި ނުލިޔުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި، ތިއަބައިމީހުން ވިޔަފާރިއެއް ކޮށްފިނަމަ، ތިއަބައިމީހުން ހެކިކުރާށެވެ! އަދި، ލިޔާ މީހާއާއި ހެކިދޭ މީހާ (ދަރަނިވެރިޔާއަށާއި ދަރަނިދޭ މީހާއަށް) ގެއްލުންނުދޭހުށި ކަމެވެ! (ނުވަތަ، އެ ދެ މީހުންނަށްވެސް ގެއްލުމެއް ލިބިގެން ނުވާހުށްޓެވެ.) ތިޔަބައިމީހުން (ނަށް ނަހީކުރެއްވި ކަންތައް) ކުރާނަމަ، ފަހެ، ހަމަކަށަވަރުން، އެއީ، ތިއަބައިމީހުންގެ ކިބައިގައިވާ (ނުކިޔަމަންތެރި) ފާސިޤް ކަމެކެވެ. ތިއަބައިމީހުން، ﷲއަށް ތަޤްވާވެރިވާށެވެ! ﷲ، ތިއަބައިމީހުންނަށް އުނގަންނަވައިދެއްވަވާނެއެވެ. ﷲ އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

"އަދި، (މިފަދަ ކަންކަމުގައި) ތިއަބައިމީހުންގެ ފިރިހެނުންގެ ތެރެއިން ދެހެކިން ތިއަބައިމީހުން ހެކިކުރާށެވެ! އެ ދެ ހެކިންނަކީ، ދެފިރިހެނުން ކަމުގައި ނުވިނަމަ ފަހެ، ހެކިންކުރެ ތިއަބައިމީހުން ރުހޭ މީހުންގެ ތެރެއިން (އެބަހީ: ޢަދުލު ވެރި މުސްލިމުންގެ ތެރެއިން) ފިރިހެނަކާއި ދެ އަންހެނުންނެވެ. (އެއީ) އެ ދެ އަންހެނުންކުރެ އެކަކަށް (ހަނދާންނެތިވެ) މަގުއޮޅިދާނެ ކަމަށްޓަކައެވެ. ދެން، އެހިނދު އެ ދެ އަންހެނުންކުރެ އެކަކަށް، އަނެކަކު (އެކަން) ހަނދާންކޮށް ދިނުމަށްޓަކައެވެ.

ހެކިންގެ ގޮތުގައި ބޭނުންކުރަން އަންގަވާފައި މިވަނީ ޢަދުލުވެރި މުސްލިމުންނެވެ. ތަޤްވާވެރިންނެވެ. އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސްމެއެވެ. ނަމަވެސް 2 ފިރިހެނުން ހެކިންގެ ގޮތުގައި ނުލިބިއްޖެނަމަ 1 ފިރިހެނަކާއި 2 އަންހެނުން ހެކިންގެ ގޮތުގައި ބޭނުންކުރަން މިވަނީ އަންގަވައިފައެވެ.

ވީމާ އިސް2ލާމް ދީނުގެ ކަންކަމުގައި ބަސްބުނާއިރު ހަމައެކަނި އެންމެ އާޔަތެއް ނަގައިގެން ފުދޭކަށް ނެތެވެ. ގުޅުންހުރި ހުރިހާ އާޔަތްތަކެއް ބަލަން އެބަޖެހެއެވެ.

ބައެއް ފިރިހެނުންނަށްވުރެ ތަޤްވާވެރިކަން ބޮޑު އަންހެނުން ބައިވަރެވެ. ބައެއް ފިރިހެނުންނަށްވުރެ ދީނީ ޢިލްމުގައި ކުރިއަރާފައި ތިބި އަންހެނުންވެސް ބައިވަރެވެ. ސުވާލަކީ އަންހެނެއްގެ ތަޤްވާވެރިކަން ކިތަންމެ ބޮޑު ނަމަވެސް އަދި ދީނީ ޢިލްމު ކިތަންމެ ވަރަކަށް އުނގެނިގެން ހުރި ނަމަވެސް އަންހެނެއްގެ ފަހަތުގައި ފިރިހެނަކަށް ނަމާދެއް ނުކުރެވޭނެއެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މައިމީހާގެ ފަހަތުގައި ފިރިހެން ދަރިފުޅަށް ނަމާދު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ކުޑަ ނަމަވެސް ފިރިހެން ދަރިފުޅުގެ ފަހަތުގައި މައިމިހާއަށް ނަމާދުކުރެވިދާނެ ކަމަށެވެ.

މިކަންކަމުން އެނގެނީ ކޮންމެ ކަމެއްގައި އަންހެނުންނާއި ފިރިހެނުން އެއްވަރު ނުވަތަ ހަމަހަމަ ނޫން ކަމެވެ. ހަމައެއާއިއެކު އަންހެނުންނާއި ފިރިހެނުން ހުރިހާ ކަމެއްގައި ހަމަހަމަ ނުވުމަކީ އަންހެނުންގެ ދަރަޖައަށް އެއްވެސް އުނިކަމެއް އަންނަ ކަމެއްވެސް ނޫނެވެ. ﷲ ތަޢާލާގެ އެއްވެސް ނިންމެވުމެއް ބަދަލު ކުރުމުގެ އެއްވެސް ބާރެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. މީސްތަކުންނަށް އޮތީ ﷲ ތަޢާލާގެ ނިންމެވުންތައް ﷲ ތަޢާލާ ނިންމެވި ގޮތަށް ބަލައިގަތުމެވެ. އަނހެނުންގެ ވެސް ފިރިހެނުންގެ ވެސް ދަރަޖަ މަތިވެރިވެގެންދާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް