އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު
ކަންކަމާއިމެދު މަޝްވަރާކުރަމުން ގެންދާއިރު ކީރިތި ޤްރުއާނުގައި އެކަން އޮތް ގޮތުގެ ވާހަކަ ދައްކާއިރަށް އެ ވާހަކަ ނުދައްކަން ބުނާ ބައަކު އުޅެއެވެ. އެއީ ކިހިނަކުން ބުނެވޭނެ ބަހެއް ހެއްޔެވެ؟ ހުރިހާ ކަމެއްގެ ޙައްލު ވެސް އޮތީ ޤުރްއާނުގައެވެ. ކީރިތި ޤުރުއާނުގެ ވާހަކަ ނުދައްކަން އެ ބުނަނީ ކުށްވެރިންނެވެ. ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ގޮތަށް އަމަލުކޮށްފިނަމަ އެމީހަކަށް ދުނިޔެމަތީގައި ލިބެން އޮތް ކަމެއް ނުލިބިދާނެ ކަމުގެ ބިރު އޮތް މީހުންނެވެ.
ޚަލީފާ ޢުމަރުގެފާނަށް ބައްލަވާށެވެ! ތަންތަނަށް ފޮނުއްވެވި ގަވަރުނަރުންނަށްވެސް އަދި ފަނޑިޔާރުންނަށްވެސް އަބަދުވެސް އަމުރުފުޅު ކުރައްވަވަމުން ގެންދެވީ ކޮންމެ ކަމެއްގައިވެސް ފުރަތަމަ ކީރިތި ޤުރްއާނަށް ބެއްލެވުމަށެވެ. ފެނިވަޑައި ނުގެންފިނަމަ ޙަދީޘްފުޅުތަކަށް ބެއްލެވުމަށެވެ. ސުންނަތަށް ބެއްލެވުމަށެވެ.
އެއީ އެއްވެސް ކަމެއް ނިންމެވުމުގައި އަމިއްލަފުޅު ދުނިޔަވީ ފައިދާއެއް ބޭނުންފުޅު ނުވާތީއެވެ. ހަމައެކަނި ބޭނުންފުޅުވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ކަމުގައިވާތީއެވެ. ހަމައެކަނި ބޭނުންފުޅުވީ ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތައް ތަންފީޒުކުރައްވަވަން ކަމުގައި ވާތީއެވެ.
މީސްތަކުންނޭވެ! ޢާއިލީ މައްސަލަތައް ޙައްލުކުރަންވެސް ކީރިތި ޤުރްއާނަށް ބުރަވެބަލާށެވެ! އެއީ އެންމެ ފަހު ބަސް ކަމުގައި ނިކަން ހަދައިބަލާށެވެ! ކީރިތި ޤުރްއާނުން ނުފެނުނަމަ ސުންނަތުން ބަލައި ޙައްލު ހޯދައިބަލާށެވެ! ހުރިހާ މައްސަލަތައްވެސް ދާނީ ޙައްލުކުރެވެމުންނެވެ. ޞަޙާބީންގެ ޒަމާނުގައި ކަންކަން ކުރެއްވެވީ އެފަދައިންނެވެ.
ނަމަވެސް މިއަދު ޢާއިލީ ކަމެއްގައި ވެސް ކީރިތި ޤްރުއާނުގައި އަދި ސުންނަތުގައި އޮތް ގޮތް ބަލަން ބޭނުމެއް ނުވެއެވެ. ކީރިތި ޤުރްއާނުގައި އޮތް ގޮތޭ، ސުންނަތުގައި އޮތް ގޮތޭ ބުނުމުން އެއީ ދެކަމެއް ކަމަށް ހީނުކުރާށެވެ! އެއީ ހަމަ އެއް ކަމެކެވެ. އެހެނީ ކީރިތި ޤުރްއާނުގައި ވަކި ގޮތަކަށް ބަޔާން ކުރައްވަވާފައިވާ އެއްވެސް ކަމެއް އެ ނޫން ގޮތަކަށް ރަސޫލް (ޞޢވ) ކުރައްވަވާފައެއް ނުވެއެވެ. އަދި އަހަރެމެންގެ އިސްލާމްކަން ފުރިހަމަވަނީ ސުންނަތާއިއެކުގައިކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.
ވީމާ ކީރިތި ޤުރްއާނުގެ ވާހަކަ ނުދައްކާނަމަ އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެއެވެ! ކަންކަން ޙައްލުކުރެވޭނީ ހަމަ ކީރިތި ޤުރްއާނުންނެވެ. ވީމާ ކަންކަން ޙައްލުކުރަން ވީހައި ގިނައިން ކީރިތި ޤުރްއާނުގެ ވާހަކަ ދައްކާށެވެ.
ކީރިތި ޤުރްއާނުގެ ވާހަކަ ދެއްކުމުން އެއީ ހަރުކަށި ފިކުރު ކަމަށް ބުނެފާނެއެވެ. އެއަށްވުރެ ބޮޑު ދޮގެއް ނުހެދޭނެއެވެ! އަދި އެބަހަށްވުރެ ހަރުކަށި ފިކުރެއްވެސް ނުވެއެވެ. ސަބަބަކީ އެފަދައިން ބުނާ މީހާ އެ ޖަދަލުކުރަނީ ސީދާ ތަޢާލާގެ އެންގެވުމަށް ކަމުގައިވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
12 ސެޕްޓެމްބަރ 2019